ޚަބަރު

"އެކްސްޕޯ 2020"ގައި ދިވެހި އުފެއްދުންތައް ވިއްކަން ކުދި ވިޔަފާރިތަކަށް ހުޅުވާލުން


"އެކްސްޕޯ 2020"ގައި ދިވެހި ވިޔަފާރިތަކުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދުބާއީގައި މިއަހަރު ބޭއްވުމަށް ހަމަޖެއްސި "އެކްސްޕޯ 2020" ފަސްކުރީ ކޯވިޑް 19ގެ ޙާލަތާއި ގުޅިގެންނެވެ. 6 މަސްދުވަހަށް ކުރިއަށްދާ އެކްސްޕޯ މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޮކްޓޯބަރު 1އިން، 31މަރޗް 2022 އަށެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކަކުން ބައިވެރިވާ މި އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ. މިނިސްޓްރީ އޮފް އިކޮނިމިކް ޑީވެލޮޕްމަންޓުން މިހާރު ވަނީ ދިވެހިރާއްޖޭގައި ހިންގާ ކުދި ވިޔަފާރިތަކަށް މި އެކްސްޕޯގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލާފައެވެ.

މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އަދި އެފަދަ ފަރާތްތަކަށް ތަކެތި ވިއްކުމަށާއި، ދިވެހި އުފެއްދުންތެރިކަމާއި ދިވެހީންގެ ހުނަރުވެރިކަން ބޭރު ދުނިޔެއަށް ދައްކާލުމަށް ލިބޭ ރަނގަޅު ފުރުސަތެއްކަމަށް އިކޮނޮމިކް މިނިސްޓްރީއިން ވިދާޅުވެއެވެ. އެކްސްޕޯގައި ހިމެނޭ ވޯލްޑް މާރކެޓް އިނިޝިއޭޓިވްގެ ކޮމާޝަލް އޮޕަޗުނިޓީ އިންތިޒާމުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން މެދުވެރިކޮށެވެ.

އެކްސްޕޯގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 28ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން، [email protected]އަށް ނަމާއި ގުޅޭނެ ނަންބަރު ފޮނުވުމަށްވަނީ އެދިފައެވެ. ނަން ހުށައަޅާ ފަރާތްތަކަށް ބޭއްވުމަށް ހަމަޖެހިފައިވާ މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ ނޮވެމްބަރުމަހުގެ 1ވަނަ ދުވަހުއެވެ.

އަދި އެކްސްޕޯގައި ބައިވެރިވުމަށް އެދި ހުށައަޅާ ފޯމް ފުރިހަމަކުރުމަށްފަހު ނޮވެމްބަރު 15ވާ އާދިއްތަދުވަހުގެ 12:00ގެ ކުރިން [email protected] އީމެއިލްކުރުމަށްވަނީ އެދިފައެވެ.

މި އެކްސްޕޯއަކީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު، 6 މަސްދުވަހަށް ބާއްވަމުން އަންނަ އެކްސްޕޯއެކެވެ. މިފަހަރުގެ އެކްސްޕޯ ކުރިން ބޭއްވުމަށް ނިންމީ މި އޮކްޓޯބަރު މަހުގެ 20ވަނަ ދުވަހުން ފެށިގެން، 10އޭޕްރިލް 2021އަށެވެ.