ކުޅިވަރު

ކުރީ ދެމެޗަށްވުރެ މާ ރަނގަޅު ކުޅުމެއް މާދަމާ ފެންނާނެ – ސާންތި


ޕްރެޒިޑެންޓްކަޕް ފުޓްބޯޅަ މުބާރާތުގައި މުޙިއްމު މެޗަކަށް މާޒިޔާއާއި ދެކޮޅަށް މާދަމާ ނިކުންނައިރު، ކުރީ ދެ މެޗަށްވުރެ މާ ރަނގަޅު ކުޅުމެއް ފެންނާނެކަމަށް އީގަލްސްގެ ކޯޗު އިހުސާން އަބުދުލްޣަނީ ( ސާންތި ) ބުނެފިއެވެ. އޭނާ ބުނީ ކުރީ ދެ މެޗަށްވުރެ ރަނގަޅު ކުޅުމެއް އޭނާގެ ޓީމުން މާދަމާ ކުޅޭނެކަމަށެވެ.އީގަލްސް މެޗަށް ނިކުންނަނީ މުބާރާތުގައި ދެމިއޮންނަން ސެމީން ޖާގައެއް ހޯދަންކަމަށް އިހުސާން ބުންޏެވެ." ކޮންމެ ގޮތެއްވިޔަސް މުބާރާތުގައި ދެމިއޮންނަން އެންމެ ކުޑަމިނުން ޕޮއިންޓެއް ހޯދަން އެބަޖެހޭ. ނިކުންނާނީ މުބާރާތުގައި ދެމިއޮންނަން ވިސްނައިގެން. ކުރީ ދެމެޗަށްވުރެ ރަނގަޅު ކުޅުމެއް މާދަމާ މާޒިޔާ މެޗުގައި ދައްކާނެ. " އިހުސާން ބުންޏެވެ.އިތުރަށް ވާހަކަދައްކަމުން އިހުސާން ބުނީ މާޒިޔާއަކީ އެންމެ ވަރުގަދަ އެއްޓީމްކަމަށާއި މެޗަށް ނިކުންނާނީ އެކަން ދަނެގެންކަމަށެވެ." މާޒިޔާއަކީ ޤައުމީ ޓީމްގެ ކުޅުންތެރިން އެންމެ ގިނަ ޓީމް. ސީޒަންގައި އެންމެ ގިނަ މެޗުތަކެއް ކުޅެ، އެންމެ ރަނގަޅަށް އޮތް އެންމެ ވަރުގަދަ އެއް ޓީމް. އެކަން ދަނެގެން އީގަލްސް ނިކުންނާނީ. " އިހުސާން ބުންޏެވެ.މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނީ އަމާޒަކީ ގްރޫޕްގެ އެއްވަނަ ކަމަށެވެ. މިހާރުވެސް ސެމީގެ ޖާގަ ކަށަވަރުކޮށްފައިވާ ޓީމްގެ ކޯޗު ބުނީ އެންމެ ވަރުގަދަ ޓީމާއި ސެމީގައި ޖެހުމަށްވުރެ އެނޫންގޮތެއް އޮތްނަމަ އެގޮތް މާ ރަނގަޅުކަމަށެވެ." ގްރޫޕް އޭއިން އެއްވަނަ ހޯދާނީ ކުޅުދުއްފުށި ގްރޫޕްގެ އެންމެ މޮޅު ޓީމްކަމަށް މިބަލަނީ. އެގްރޫޕްގެ މެޗުތައް ނުފެނުނަސް އެހެންކަމަށް މިބަލަނީ. އެހެންވީމާ އެންމެ މޮޅު ޓީމާއި ވާދަކުރުމަށްވުރެ، އެނޫންގޮތެއް އޮތްނަމަ އެގޮތް މާރަނގަޅު. މާޒިޔާއާއި ދެކޮޅަށް ނިކުންނާނީ ގްރޫޕްގެ އެއްވަނަ ހޯދަން. " ސުޒޭން ބުންޏެވެ.މާޒިޔާއާއި އީގަލްސް ވާދަކުރާ މެޗު ކުޅޭނީ މާދަމާ ހަވީރު އައްޑޫ ސިޓީގައެވެ. އެމެޗުން އީގަލްސް ޕޮއިންޓެއް ހޯދައިފިނަމަ މިގްރޫޕްގެ ސެމީގެ ދެވަނަ ޖާގަ އީގަލްސްއަށް ކަށަވަރުވާނެއެވެ. މާޒިޔާ މޮޅުވެއްޖެ ނަމަ ސެމީގެ ދެވަނަ ޖާގަ ލިބޭ ޓީމެއް ކަށަވަރުވާނީ ވިކްޓްރީއާއި ވެލެންސިޔާ ވާދަކުރާ މެޗުންނެވެ.