ޚަބަރު

130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި އަޙުމަދު މޫސާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި


ހުޅުމާލެ ފަޅުތެރެއިން ހޯދި 130ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަޙުމަދު މޫސާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ހއ.ހޯރަފުށި ވައިލެޓްވިލާ، ޢުމުރުން 48 އަހަރުގެ އަޙުމަދު މޫސާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބަހައްޓައިގެން ތަޙުޤީގު ކުރިއަށްގެންދިއުމަށް 15 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްދީފައިވާކަމަށެވެ. އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ، ފުރަތަމަ ކޯޓުން ދިން 5 ދުވަހުގެ މުއްދަތު ހަމަވުމާއި ގުޅިގެންނެވެ.

ހުޅުމާލޭ ފަޅުގައި އޮތް ކަންނެލި ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލާގައި 7 މީހަކުވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން އަޙްމަދު މޫސާގެ އިތުރުން ގއ. ވިލިނގިލި، ލައިޓްހައުސް، ޢުމުރުން 42 އަހަރުގެ ޝަހީބް އިބްރާހިމްގެ މަޢުލޫމާތުސް ފުލުހުން ވަނީ ޢާންމު ކޮށްފައެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ދީފަިއވާ 15 ދުވަހުގެ މުއްދަތު އަދި ހަމައެއް ނުވެއެވެ.

މި މަސްތުވާތަކެތި ފުލުހުން އަތުލައިގަނެފައިވަނީ ދޯންޏަކުން މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. އެ ދޯނި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް ބަލާފާސްކުރިއިރު އެ ދޯނިން 130 ކިލޯގެ މަސައްތުވާތަކެތި ވަނީ ފެނިފައެވެ. އެ ދޯނިން ފެނުނު މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި މެޓައެމްފިޓަމިން އާއި ހެރޮއިން ހިމެނޭކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައިގައި ހިމެނޭ އަނެއް ފަސްމީހުންގެ ތެރޭގައި ހިމެނޭ ކުޑަކުއްޖާގެ ބަންދައް ޖުވެނައިލް ކޯޓުންވަނީ 10 ދުވަސްޖަހާފައެވެ. ދެން ހިމެނޭ 4މީހުން ބަންދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.