ޚަބަރު

ސަވާރީ ބޯޓުން ދަތުރު ކުރި މީހުން ދިއްގަރަށް ގެންގޮސްފި


މާލެއިން ފުރައިގެން ކޮޅުމަޑުލަށް ދަތުރު ކުރަމުންދަނިކޮށް ފަރަށް އެރި ސަވާރީ ބޯޓުން ދަތުރު ކުރި މީހުން ފުލުހުންނާއި ސިފައިން ގުޅިގެން ރައްކާތެރިކަމާއެކު މުލަކަތޮޅު ދިއްގަރަށް ގެންގޮސްފިއެވެ.ޕީއެސްއެމަށް މައުލޫމާތު ދެމުން އެބޯޓްގެ ކެޕްޓަން ބުނީ ބޯޓް ފަރަށް އެރުމާއެކު ބޯޓު ދިޔަވާން ފެށުމުން، އަވަސްވެގަތީ ބޯޓުން މީހުން ސަލާމަތް ކުރުމަށް ކަމަށެވެ.ފުލުހުންނާއި ސިފައިންގެ އެހީތެރިކަމާއެކު ކޯސްޓްގާޑް ޝިޕް ޝަހީދު އަލީގައި 89 މީހުން، އަދި އެހެނިހެން ގޮތްގޮތުން 79 މީހުން މުލަކަތޮޅު ދިއްގަރަށް ގެންގޮސްފައިވާ ކަމަށާއި އެމީހުންނަށް ދިއްގަރު ޕޮލިސް ސްޓޭޝަނުން އެހީތެރިކަން ފޯރުކޮށް ދެމުންގެންދާ ކަމަށް އެމް.އެން.ޑީ އެފްއާއި ފުލުހުން މައުލޫމާތުދެއެވެ.ޕީ.އެސް.އެމް އަށް މައުލޫމާތުދެއްވަމުން އެމް.އެން.ޑީ.އެފްގެ މީޑިއާ އޮފިޝަލް މޭޖަރ އަދުނާން މުހައްމަދު ވިދާޅުވީ، ސަވާރީ ބޯޓުން ދަތުރުކުރިކަމަށް މިހާރު ޔަގީން ވެފައިވަނީ، 179 މީހުންކަމަށެވެ. އަދި އޭގެތެރެއިން 169 މީހުން ދިއްގަރަށް ގެންދެވިފައިވާއިރު، ބޯޓުގައި މިހާރުތިބީ ދިހަފަޅުވެރިންނާއި، ފަޅުވެރިނާއެކު ބޯޓުގައި ހުރުމަށް އަމިއްލައަށް އެދިގެން އެދުނު މީހަކާއެކު 11 މީހުން ކަމަށެވެ.އަދުނާން ވިދާޅުވީ، ބޯޓު މިހާރު އޮތީ ދިއްގަރުން ފެށިގެން 6 ނޯޓިކަލް މޭލު ހުޅަނގުގައިކަމަށާއި،  ބޯޓުގެ ބައިތަކެއް ހަލާކުވެ އަދި ދިޔަވަމުން ދާތީ މިވަގުތަށް އެސަރަހައްދުގައި ބާއްވާފައިވާކަމަށެވެ. ބޯޓްގެ އެއްބައި އެއްކޮށް ފަރުުމައްޗަށް އަރާފައިވާ ކަމަށާއި މޫސުން ގޯސްވުމުގެ ސަބަބުން ބޯޓް ފުންކުރުމުގައި ދަތިތަކެއް ދިމާވަމުންދާކަމަށެވެ.ސަވާރީ ބޯޓު ފަރަށް އަރާފައިފަނީ ރޭ އެގާރަގަޑި ދިހައެއް އެހާ ކަންހާއިރުއެވެ.