ޚަބަރު

"އަންވެއިލިންގ ވިޝަން2020" 53 އާޓިސްޓުންނާއެކު މިމަހުގެ 23ގައި


"އަންވެއިލިންގ ވިޝަން"އަކީ 2016ވަނަ އަހަރުން ފެށިގެން މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ އެމްއޭސީން ބާއްވަމުން އަންނަ ކޮންޓެމްޕަރަރީ އަރޓް އެގްޒިބިޝަނެކެވެ. މިއީ ދިވެހި އާޓިސްޓުންގެ ހުނަރު ދައްކާލުމަށް، އެންމެ ގިނަ އާޓިސްޓުން ބައިވެރިވެގެން ދިވެހިރާއްޖޭގައި ބާއްވާ ހަރަކާތެވެ.

2016ވަނަ އަހަރުން ފަށައިގެން ކޮންމެ އަހަރަކުވެސް މި އެގްޒިބިޝަން އަންނަނީ ބާއްވަމުންނެވެ. އެމްއޭސީން މިއަހަރުވެސް މިވަނީ އެގްޒިބިޝަން ބޭއްވުމަށް ނިންމާފައެވެ. މިއަހަރު މައުރަޒުގައި 53 އާޓިސްޓުން ބައިވެރި ވާއިރު، 7 ކެޓަގަރީއަކުން ކުރެހުންތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. މި އެގްޒިބިޝަންގައި ބައިވެރިކުރާ ކުރެހުންތަކަކީ ޒަމާނީ ގޮތްތައް ބޭނުންކޮށްގެން އުފައްދާ ކުރެހުންތަކެކެވެ.

"އަންވެއިލިންގ ވިޝަން"އަކީ ދިވެހި އާޓިސްޓުންގެ ހުނަރު އިތުރުކޮށް، އެމީހުންގެ އުފެއްދުންތައް އާއްމުންނަށް ދައްކާލައި އިޝްތިހާރުކުރުމަށް ހުޅުވާލާ ފުރުސަތެކެވެ.

މިއަހަރުގެ އެގްޒިބިޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 23އިން 29އަށް ، އާޓް ގެލަރީގައެވެ. ކޯވިޑްގެ ޙަލަތާއި ގުޅިގެން އާޓް ގެލަރީ ބަންދުކޮށްފައި އޮތުމަށްފަހު، މިއީ އާޓް ގެލަރީގައި ބާއްވާ ފުރަތަމަ އެގްޒިބިޝަނެވެ. އެގްޒިބިޝަން ކުރިއަށްދާނީ ހެނދުނު 10:00އިން ރޭގަނޑު 21:30 އަށެވެ. މިފަހަރުގެ އެގްޒިބިޝަނަށް ވަނުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ އެއްވެސް ފީއަކާއި ނުލައެވެ.

2016ވަނަ އަހަރު ފެށި ފުރަތަމަ އެގްޒިބިޝަންގައި ބައިވެރިވެފައި ވަނީ 23 އާޓިސްޓުންނެވެ. 2017ގައި 32 އާޓިސްޓުން، 2018ގައި 43 އާޓިސްޓުން އަދި 2019ގައި 55 އާޓިސްޓުން ވަނީ ބައިވެރިވެފައެވެ. ކޮންމެ އަހަރެއްގެ އާޓް އެގްޒިބިޝަނަށްވެސް އާއްމުންގެ ބޮޑު ތަރުޚީބެއް ލިބެއެވެ.