ދުނިޔެ

7 މަހަށްފަހު އާއްމުކޮށް ނަމާދުކުރުމަށް ޙަރަމްފުޅު ހުޅުވާލުމުން އެތައް ބަޔަކު މިސްކިތައް


7 މަހަށްފަހު އާއްމުކޮށް ނަމާދުކުރުމަށް މަސްޖިދުލްޙަރަމް ހުޅުވާލުމުން އެތައް ބަޔަކު ޖަމާއަތުގައި ބައިވެރިވާން ފަށައިފިއެވެ.

ކޯވިޑް-19އާ ދެކޮޅަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި މުސްލިމުންގެ އެންމެ މުޤައްދަސް ދެ މިސްކިތްކަމުގައިވާ މައްކާގެ މަސްޖިދުލް ޙަރަމާއި މަދީނާގެ ނަބަވީ މިސްކިތް ހިމެނޭގޮތަށް އެ ޤައުމުގެ ހުރިހާ މިސްކިތެއްގައި މިދިޔަ މާރިޗު މަހުގެ ތެރޭގައިވަނީ އާއްމުކޮށް ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލައިފައެވެ.

7 މަހަށްފަހު ޙަރަމްފުޅު އާއްމުކޮށް ހުޅުވާލީ މިއަދު ފަތިސް ނަމާދަށެވެ. އެއާއި އެކު ގިނަ ބަޔަކުވަނީ މިސްކިތުގެ ޖަމާއަތުގައި ބައިވެރިވެފައެވެ. އާއްމުކޮށް އެންމެންނަށް ޖަމާއަތުގައި ނަމާދުކުރުމަށް ހުޅުވާލި ނަމަވެސް މިސްކިތުގައި އަދިވެސް ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އަޅާފައެވެ. މިއަދުގެ ފަތިސް ނަމާދުގައި ޖަމާއަތް ކުރިއަށް ގެންގޮސްފައިވަނީވެސް ގައިދުރުކަމުގެ ފިޔަވަޅުތަކާއި އެކުއެވެ. މީގެއިތުރުން ޖަމާއަތަށް ނަމާދަށް އަންނަ މީހުން ނަމާދުކުރަން ޖެހޭނީ މިސްކިތުގެ އެކި ފަންގިފިލާތަކުގައެވެ. މާތްވެގެންވާ ގެފުޅު ހުންނަ މަތާފް ސަރަހަދަށް ފޭބޭނީ ހަމައެކަނި އުމްރާގެ އަޅުކަމަށް އަންނަ މީހުންނަށެވެ.

އުމްރާގެ އަޅުކަމަށް ތިން ފިޔަވައްސަކަށް ބަހާލައިގެން ޙަރަމުފުޅު އާއްމުކޮށް ހުޅުވާލީ މިމަހުގެ 4 ވަނަ ދުވަހުއެވެ. މިދިޔަ 13 ދުވަހުގެ ތެރޭގައި 75 ހާހަށްވުރެ ގިނަ މީހުން އުމްރާގެ އަޅުކަން ފުރިހަމަކުރިއެވެ.

އުމްރާގެ ދެވަނަ ފިޔަވަހިކަމަށްވާ މައްކާއިން ބޭރު ސައުދީ އެހެން ރައްޔިތުންނަށް ޙަރަމްފުޅު ހުޅުވާލީ ރަބީއުލްމަހުގެ 1 ވަނަދުވަހާއި ދިމާކޮށް މިއަދުއެވެ. މި ފިޔަވަހީގައި ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ ޙަރަމްފުޅުގެ 75 އިންސައްތަ ޖާގަ ފުރޭވަރަށެވެ. މި ފިޔަވަހީގައި ދުވާލަކު 40000 މީހުންނަށް ޙަރަމްފުޅަށް ވަދެވޭނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އުމްރާއަށް އަންނަ ރައްޔިތުންނަށް ޙަރަމްފުޅު ހުޅުވާލާނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ. އެއީ ރަބީލްއައްވަލް މަހުގެ 15 ވަނަދުވަހެވެ. އާއްމުކޮށް ހުޅުވާލާއިރު ޙަރަމުފުޅުގެ 100 އިންސައްތަ ހުޅުވާލިނަމަވެސް އުމްރާގެ އަޅުކަން އަދާކުރުމަށް މި ފިޔަވަހީގައިވެސް ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ 20 ހާސް މީހުންނަށެވެ. އަދި ދުވާލަކު ޙަރަމްފުޅަށް ވަދެވޭނީ 60 ހާސް މީހުންނަށެވެ.

ސަޢުދީ ޢަރަބިއްޔާގައި މިހާތަނަށް 341،848 މީހުންނަށް ކޯވިޑް-19ޖެހި 5،165 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި ބަލިޖެހިފައިވަނީ 359 މީހުންނަށެވެ. އަދި 21 މީހުންވަނީ މަރުވެފައެވެ.