ޚަބަރު

ޤައުމީ ދުވަހުގެ މުނާސަބަތުގައި އުތީމުގައި ޚާއްސަ ހަރަކާތްތަކެއް ބާއްވާފި


ދިވެހިރާއްޖޭގެ 77 ވަނަ ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އުތީމުގައި ޚާއްސަ ހަރާކާތްތަކެއް ކުރިޔަށް ގެންގޮސްފިއެވެ.

ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން އުތީމުގައި ވަނީ ގައުމީ ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތެއްބާއްވާފައެވެ. ދިދަނެގުމުގެ މި ރަސްމިއްޔާތުގައި ރަށުގެ އެކި ފަންތީގެ ދެ ޖިންސުގެ ބޭފުޅުންނާއި ސްކޫލްދަރިވަރުން ވަނީ ބައިވެރިވެފައެވެ.

މި ރަސްމިއްޔާތައްފަހު ޤައުމީ ދުވަހުގެ ޚާއްސަ ޖަލްސާއެއް ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި ވަނީ ބާއްވާފައެވެ. މި ޖަލްސާ ބާއްވާފައި ވަނީ އެޗް.ޕީ.އޭގެ ޚާއްސަ ހުއްދައާއެކު އެޗް.ޕީ.އޭގެ ގަވާއިދުތަކާއި އެގޮތަށެވެ. މިޖަލްސާގައި ހއ.އަތޮޅު ކައުންސިލްގެ މެމްބަރުންގެ އިތުރުން އުތީމުގައި ހުރި، ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި، ސްކޫލްދަރިވަރުންނާއި، އެމް.އެން.ޑީ.އެފްގެ ޚާއްސަ ޓީމެއްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ ވަނީ ވީޑިއޯ މެދުވެރިކޮށް ޚިތާބެއް ދެއްވާފައެވެ. އަދި ޤައުމީދުވަހާއި ގުޅިގެން ރައީސްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބުކުރައްވާ ދެއްވި ޙިޠާބުވެސް ވަނީ މިޖަލްސާގައި ވަނީ ދައްކާފައެވެ.

ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އުތީމުގައި ކުޅިވަރުގެ ޚާއްސަ ހަރަކާތްތަކެއްވެސް ވަނީ، ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ވަނީ އަންހެނުންގެ ވޮލީ މެޗަކާއި ފިރިހެނުންގެ ފުޓްބޯޅަ މެޗެއްގެ ކުޅެފައި ވާއިރު، މަސްރޭހެއްވެސް ކުރިޔަށް ގެން ދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި މަސްރޭހުގައި އެންމެ ގިނަ މަސް ބާނާގެން އަންނަ ޓީމް ތަކުގެ މެދުގައި 1ވަނަ 2ވަނަ 3 ވަނަ ޓީމް ހޮވާ، އެޓީމްތަކަށް ފައިސާގެ އިނާމް ދިނުމުގެ އިތުރުން، އެންމެ ބޮޑު މަސް ބަނާ ފަރާތެއްވެސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

ޤައުމީ ދުވަހުގެ ގޮތުގައި 1946 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ރަބީއުލްޢައްވަލުމަހުގެ އެއްވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ، ޕޯޗުގީޒުންގެ އަޅުވެތިކަމުގައި 15 އަހަރާ 6 މަސްވީ އިސްތިއުމާރީ އަނިޔާވެރ،ި ވެރިކަމުން އުތީމު މުޙައްމަދުތަކުރުފާނު ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޙާދިސާގެ ހަނދާން އާކުރުމުގެ ގޮތުންނެވެ.

ހއ.އުތީމަކީ ބޮޑުތަކުރުފާނުގެ އުފަން ރަށް ކަމުގައި ވާތީ، ކޮންމެ އަހަރަކުވެސް ޚާއްސަގޮތެއްގައި އެރަށުގައި ޤައުމީ ދުވަހުގެ ހަރަކާތްތައް ބާއްވައެވެ.