ޚަބަރު

ވިއްކާފައިވާ ތަންތަނާއި ކުއްޔަށް ދޫކޮށްފައިވާ ތަންތަނަށް ފުރިހަމަ މަޢުލޫމާތާއެކު ފައިސާ ދެއްކުން މުހިންމު - އެޗް.ޑީ.ސީ


ހުޅުމާލެއިން ވިއްކާފައިވާ ފުލެޓު، ގޯތި، ރޯހައުސް އާއި ކުއްޔަށްދީފައިވާ ކޮމާޝަލް ޔުނިޓްތަކާއި ޞިނާޢީ ބިންތަކަށް ފައިސާ ދައްކާ ފަރާތްތަކުން ކޮންތަނެއްކަން އެނގޭގޮތަށް ފުރިހަމަ މަޢުލޫމާތާއެކު ފައިސާ ދެއްކުމަށް އެޗް.ޑީ.ސީން އިލްތިމާސްކުރައްވައިފިއެވެ.

އެޗް.ޑީ.ސީން ވިދާޅުވީ، އެ ކޯރޕަރޭޝަނުން ވިއްކާފައިވާ ފުލެޓު، ގޯތި، ރޯހައުސް އާއި ކުއްޔަށްދީފައިވާ ކޮމާޝަލް ޔުނިޓްތަކާއި ޞިނާޢީ ބިންތަކަށް ފައިސާ ދައްކާ ފަރާތްތަކުން، ފައިސާ ދައްކަނީ ކޮންތަނަކަށްކަން އެނގޭގޮތަށް ފުރިހަމަ މަޢުލޫމާތު ނުހިމަނައި، ފައިސާ ޖަމާކުރަމުންދާތީ، އެއީ ކޮން ފަރާތަކުން ކޮން ބޭނުމަކު ޖަމާކުރި ފައިސާއެއްކަން ދެނެގަތުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވަމުންދާކަމަށެވެ. އަދި ފައިސާ ދައްކާ ފަރާތުގެ ފުރިހަމަ މަޢުލޫމާތު ފައިސާ ޖަމާކުރާ ސްލިޕްގައި ހިމެނި ކަމުގައިވިޔަސް، ބައެއް ފަހަރު އެ މަޢުލޫމާތު ބޭންކު ސްޓޭޓްމަންޓްގައި ފުރިހަމަވެފައި ނުހުންނަކަން އެކޯޕަރޭޝަނުން ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން، އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ، ދެއްކުމުގައި މި އުޞޫލުން ފައިސާގެ މުޢާމަލާތްތައް ކުރިޔަށް ނުގެންދިއުމަށް އެޗް.ޑީ.ސީން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ފައިސާ ދެއްކުމަށްފަހު، އެ ފައިސާ އެޗް.ޑީ.ސީއަށް ލިބުނުކަން ޔަޤީން ކުރުމަކީވެސް މުހިންމު ކަމެއްކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެފައިވެއެވެ.

އެޗް.ޑީ.ސީން ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި މިގޮތަށް ފައިސާ ޖަމާކޮށްފައިވާ ފަރާތްތަކުން އެ މަޢުލޫމާތު އެޗް.ޑީ.ސީއާއި މިހާތަނަށް ޙިއްޞާ ކޮށްފައިނުވާނަމަ ފައިސާ ދައްކާފައިވަނީ ކޮން ތަނަކަށްކަން އެނގޭ ގޮތަށް ފައިސާ ޖަމާކުރި ސްލިޕުގެ ކޮޕީއެއް މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން އެ ކޯޕަރޭޝަނަށް މެއިލް ކުރުމަށް އަންގަވާފައެވެ.