ކުޅިވަރު

މިއީ އުނދަގޫ މޮޅެއް: ގާޑިއޯލާ


އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލްގެ މައްޗަށް 0-1 އިން ކުރި ހޯދުނު މޮޅަކީ އުނދަގުލުން ހޯދުނު މޮޅެއްކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ މިއީ ސިޓީގެ އަސްލު ފެންވަރު ނޫންކަމަށާއި މިއަށްވުރެން ރަނގަޅަށް ސިޓީއަށް ކުޅެވެން ވާނެކަމަށެވެ. އޭނާ ބުނީ ސިޓީގެ އެންމެ މޮޅުކުޅުން އެޓީމަށް ނުދެއްކެނީ ސަބަބުތަކެއް އޮވެގެންކަމަށާއި އުއްމީދަކީ ވަރަށް އަވަހަށް ސިޓީގެ މޮޅުކުޅުން ފެނުންކަމަށެވެ. ގާޑިއޯލާ ބުނީ މިދަނޑިވަޅުގައި ސިޓީއަށް ލިބުނީ ވަރަށް މުހިންމު މޮޅެއްކަމަށާއި މއީ ސިޓީން ހޯދި ވަރަށް މުހިންމު ތިން ޕޮއިންޓް ކަމަށެވެ. މި މެޗުގައި ސިޓީގެ ފަހަތުން މޮޅު ކުޅުމެއް ދެއްކިކަން ގާޑިއޯލާ ވަނީ ފާހަގަކޮށްފައެވެ.

މި މޮޅާއެކު މެންޗެސްޓަރ ސިޓީ ވަނީ ތާވަލުގެ 9 ވަނައަށް ކުރިޔަށް ޖެހިލާފައެވެ. އެންމެފަހުން ސިޓީ އާސެނަލާ ދެކޮޅަށް ލީގުގައި ކުޅުނު 10 މެޗުވެސް ސިޓީ ވަނީ ކާމިޔާބުކޮށްފައެވެ. ސިޓީ އެންމެފަހުން އާސެނަލް އަތުން ބަލިވީ 2015 ވަނަ އަހަރު ޑިސެންބަރު މަހު 2-1 ގެ ނަތީޖާއަކުންނެވެ.