ކުޅިވަރު

ބަޔާން އާއި ލީޕްޒިގް މޮޅުވެ ތާވަލުގެ ކުރިޔަށް

ޖަރުމަނު ލީގުގައި ލީޕްޒިގް އެޓީމުން ކުޅުނު މެޗު ކާމިޔާބުކޮށް ތާވަލުގެ އެއްވަނައިގައި އެއް ޕޮއިންޓުގެ ލީޑެއް ދަމަހައްޓައިފިއެވެ.

ރަށުން ބޭރުގައި ލީޕްޒިގް މޮޅުވީ އޮގްސްބާގްއާ ވާދަކޮށް 2-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ 45 މިނެޓުގައި ކާމިޔާބުކުރީ ލީޕްޒިގްގެ އަންގެލިނޯއެވެ. ލީޕްޒިގުން ލީޑް ފުޅާކުރީ ދެވަނަ ހާފްގެ 66 ވަނަ މިނެޓުގައި ޔޫސުފް ޕޯލްސެން ކާމިޔާބުކުރި ލަނޑުންނެވެ.

ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ރޮބަޓް ލެވަންޑޯސްކީ ދެ ގޯލާއެކު އަލަށް ޕްރޮމޯޓްވި އަރްމީނިއާ މައްޗަށް ކުރި ހޯދާފައެވެ. ބަޔާންގެ ދަނޑުގައި ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ތޯމަސް މުލާ އާއި ރޮބަޓް ލެވަންޑޯސްކީ ވަނީ ދެ ލަނޑު ބަޔާންއަށް ކާމިޔާބުކޮށްދީފައެވެ. މިއީ ބަޔާންއަށް ލެވަންޑޯސްކީ ކުޅުނު 100 މެޗުން އޭނާ އެ ކުލަބަށް ކާމިޔާބުކޮށްދިން 102 ވަނަ ލަނޑެއެވެ. މި ލަނޑާއެކު އުމުރުން 32 އަހަރު ފޯވާޑް މިހާރުވަނީ ލީގުގައި ވާދަކުރާ ހުރިހާ ޓީމެއް ކޮޅަށް ލަނޑު ޖަހާފައެވެ. އަރްމީނިއާގެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރިސޫ ޑޯންއެވެ. މި މެޗުގެ 76 ވަނަ މިނެޓުގައި ބަޔާންގެ ކޮރެންޓިން ޓޮލީސިޔޯއަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

ޖަރުމަނު ލީގުގައި ރޭގައި ވާދަވެރި ބްރޫޝިޔާ ޑޯޓްމަންޑް ވެސް ވަނީ ހޮފެންހައިމް އާ ވާދަކޮށް 1-0 މެޗު ކާމިޔާބުކޮށް ބަޔާން މިއުނިކާ ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށްފައެވެ މެޗުގައި ޑޯޓްމަންޑުން ޖެހި ހަމައެކަނި ލަނޑު ފެނިގެން ދިޔައީ 76 ވަނަ މިނެޓުގައެވެ. އާލިން ހާލަންޑް ދިން ބޯޅައަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާކޯ ރުއިސް ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ. މިއީ ވޭތުވެދިޔަ 8 އަހަރުގެ ތެރޭގައި ޑޯޓްމަންޑްއިން ރަށުން ބޭރުގައި ހޮފެންހައިމްގެ މައްޗަށް ކުރި ހޯދުނު ފުރަތަމަ ފަހަރެއެވެ.

ރޭ ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ބަޔާ ލެވަކޫސަން އާއި ސްޓުޓްގާޓުން މޮޅެއް ހޯދި އިރު ވާޑާ ބްރޭމަން އާއި ވޮލްސްބާގު ކުޅުނު މެޗުތައް ވަނީ އެއްވަރުވެފައެވެ. މި ނަތީޖާ އެކު ލީޕްޒީގް އޮތީ 10 ޕޮއިންޓްއާކު ތާވަލުގެ އެއްވަނައިގައެވެ. ލީޕްޒިގަށް ވުރެ އެއް ޕޮއިންޓް މަދުން ހޯދައިގެން ބަޔާން މިއުނިކް ފައިދާ ލަނޑުގެ ތަފާތުން ތާވަލުގެ ދެވަނައިގަ އޮތްއިރު ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިގެން ޑޯޓްމަންޑް އޮތީ ތިންވަނައިގައެވެ. ރޭގައި ހޯދި މޮޅާއެކު ސްޓުޓްގާޓުން ވަނީ ލީގުގެ ހަތަރު ވަނައަށް ކުރިއަށް ޖެހިލާފައެވެ.