ވިޔަފާރި

ގެސްޓްހައުސް އެސޯސިއޭޝަންގެ އިސް މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި


ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ގޭމްގެ 6 މަޤާމަކަށް ކުރިމަތިލުމުގެ ފުރުސަތު އެ އެސޯސިއޭޝަނުން ހުޅުވާލައިފިއެވެ.

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ރައީސް، ނައިބުރައީސް، ސެކްރެޓަރީ ޖެނެރަލް، ކޯޕަރޭޓް އެފެއާޒް އަދި އެކްސްކޯ މެންބަރުގެ 2 މަޤާމަށެވެ.

މި މަޤާމްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މިއަހަރުގެ ސެޕްޓެމްބަރ މަހާއި ހަމައަށް ގެސްޓްހައުސް އެސޯސިއޭޝަންގެ ގޯލްޑް މެންބަރޝިޕް ރަޖިސްޓްރީކޮށް އަހަރީ ފީ ދައްކާފައިވުމާއި، ގެސްޓްހައުސް އެސޯސިއޭޝަން ތަމްސީލްކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށްވުމާއި، 18 އަހަރު ވެފައިވާ ދިވެއްސަކަށްވުން ހިމެނެއެވެ. މީގެއިތުރުން ތަމްސީލްކުރާ ގެސްޓްހައުސްގެ މުއްދަތު ހަމަނުވާ ޓޫރިޒަމް ލައިސަންސައެއް އޮތުން ހިމެނެއެވެ.

މި މަޤާމްތަކަށް އެދި ހުށައެޅުމުގެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އަދި ބައި އިލެކްޝަން އޮންނާނީ މިމަހުގެ 31 ވަނަ ދުވަހުކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ބުނެއެވެ. އީމެއިލް މެދުވެރިކޮށް މަޤާމްތަކަށް އެދި ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

212 ދުވަހަށްފަހު މިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ގެސްޓުހައުސްތައް ފަތުރުވެރިންނަށް ވަނީ ހުޅުވާލާފައެވެ. މިއާއިއެކު ރާއްޖޭގެ ބައެއް ރަށްރަށުގެ ގެސްޓްހައުސްތަކުގައި މިހާރު ފަތުރުވެރިން އަންނަނީ ޗުއްޓީ ހޭދަކުރަމުންނެވެ. ގެސްޓް ހައުސްތައް ހުޅުވުމުގެ އެއްވެސް އިޢުތިރާޒެއް ނެތްކަމަށް މިހާތަނަށް 9 ރަށަކުން ޓޫރިޒަމް މިނިސްޓްރީއަށް އަންގާފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.