ކުޅިވަރު

އިންޓަރ މިލާން ބަލިކޮށް މިލާނުން ތާވަލުގެ އެއްވަނައަށް

އިޓާލިއަން ލީގުގައި މިލާން ޑާބީގެ ކުރިމަތިލުން އޭސީ މިލާނުން ކާމިޔާބުކޮށް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ސަންސީރޯގައި ކުޅުނު މެޗު މިލާނުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ޖެހި ތިން ލަނޑުވެސް ފުރަތަމަ ހާފުގައި ފެނިގެންދިޔައިރު މިލާނުގެ ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ކުރިން އިންޓަ މިލާނަށް ވެސް ކުޅުނު ސްވިޑެންގެ ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗްއެވެ. އިންޓަ މިލާންގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫއެވެ. މިއީ އިބްރަހިމޮވިޗް ކޯވިޑް-19 އިން ރަނގަޅުވެގެން ކުޅުނު ފުރަތަމަ މެޗެއެވެ. މިލަނޑާއެކު އޭނާ ވަނީ މި ސީޒަންގައި އޭސީ މިލާން މިހާތަނަށް ވާދަކުރަމުންދާ ހުރިހާ މުބާރާތަކުގައި ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. ރޭގެ މެޗުގެ ފުރަތަމަ ލަނޑު އިބްރަހިމޮވިޗް ކާމިޔާބުކުރީ ލިބުނު ފެނެލްޓީ އިންޓަ މިލާންގެ ކީޕަރު ސާމިރް ހަނަންވިޗް ދިފާއުކުރުން ދެވަނަ ފަހަރަށް ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.

މެޗުގެ ދެވަނަ ހާފްގައި އިންޓަ މިލާނުގެ ލުކާކޫއަށް އޭސީ މިލާނުގެ ކީޕަރު ޖިއާންލުޖީ ޑޮނަރުމާން ކުރި ފައުލާކާ ގުޅިގެން އިންޓަ މިލާނަށް ފެނަލްޓީއެއް ދިނުމަށްފަހު ވަނީ ރެފްރީ ވަނީ ފަހުން އެނިންމުން ބަދަލުކޮށްފައެވެ. މިލާނުން ވަނީ މިހާތަނަށް ލީގުގައި ބަލިނުވެ 20 މެޗު ހަމަކޮށްފައެވެ. އެޓީމުން ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން 9 މެޗު ކާމިޔާބުކޮށްފައެވެ.

އިޓާލިއަން ލީގުގައި ރޭ އެންމެފަހުގެ ޗެމްޕިއަން ޔުވެންޓަސް ވަނީ އަލަށް ޕްރޮމޯޓްވި ކްރޮޓޯންއާ ވާދަކޮށް 1-1 އެއްވަރުވެފައެވެ. މެޗުގައި ކްރޮޓޯންއިން ލީޑް ނެގީ ލިބުނު ޕެނަލްޓީއަކުން ސިމީއެވެ. ޔުވެންޓަސްއަށް ނަތީޖާ ހަމަހަމަކޮށްދިނީ އަލްވާރޯ މޮރާޓާއެވެ. މެޗުގެ ދެވަނަ ހާފްގައި ވަނީ މި ޓްރާންސްފާއި ފިއޮރެންޓީނާ އިން ޔުވެންޓަސްއާ ގުޅުނު ފެޑްރިކޯ ޗިއެސާ އަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

ރޭ ލީގުގައި ސަމްޕްޑޯރިއާއިން ލާޒިއޯ ބަލިކުރިއިރު ނަޕޯލީން ވަނީ އެޓްލާންޓާގެ މައްޗަށް ކުރި ހޯދާފައެވެ. މި ނަތީޖާއެކު 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގަ އޮތީ އޭސީ މިލާންއެވެ. ދެވަނައިގައި 9 ޕޮއިންޓާއެކު އެޓްލާންޓާ އޮތްއިރު ތިންވަނާގައި 8 ޕޮއިންޓާއެކު އޮތީ ޔުވެންޓަސްއެވެ. ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިގެން ހަތަރު ވަނާގައި އޮތީ ނަޕޯލީއެވެ.