ދުނިޔެ

ކަރަންޓީނުގެ އުސޫލުތަކާއި ޚިލާފުވެފައިވާކަމަށް ބުނެ ޓޯނީ ބްލެއަރ ހޫނުފެނަށް


ކަރަންޓީނުގެ އުސޫލުތަކާ ޚިލާފުވިކަމުގެ ތުހުމަތުތައް އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރ އަށް އަމާޒުވެއްޖެއެވެ.
މިދިޔަ މަހުގެ ފަހުކޮޅު ޓޯނީ ބްލެއަރ ވަނީ އެމެރިކާއަށް ދެ ދުވަހުގެ ދަތުރުފުޅެއް ކުރައްވާފައެވެ.

އިނގިރޭސިވިލާތުގައި ކޯވިޑާއިި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ޤައުމުން ބޭރަށް ދަތުރުކުރުމަށްފަހު އެނބުރި އައިސް ދެ ހަފުތާގެ މުއްދަތަށް އަމިއްލައަށް އެކަހެރިވާންޖެހެއެވެ. 1997ން 2007އަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބްލެއަރ އޭނާގެ ދަތުރުފުޅުން އަނބުރާ ވަޑައިގަތުމަށްފަހު ދެ ހަފުތާ ހަމަ ނުވަނީސް ރެސްޓޯރަންޓުން ނިކުންނަވާ މަންޒަރުވަނީ ފެނިފައެވެ. އެއީ ދަތުރަށްފަހު ކަރަންޓީނުގައި ހުންނަންޖެހޭ ދިހަވަނަ ދުވަހުގައެވެ.

ވައިޓުހައުސްގެ ޚާއްޞަ ދައުވަތަކަށް ބްލެއަރ އެމެރިކާއަށް ދަތުރު ކުރެއްވީ ބަހުރައިނާއި ޔޫއޭއީއިން އިސްރާއިލާއެކު ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. ބްލެއަރ އަށް ދަޢުވަތު ލިބިފައިވަނީ އެ އެއްބަސްވުމާއި ހަމައަށް ވާސިލްވުމަށް އޭނާ ޢަދާކުރެއްވި ދައުރުގެ ސަބަބުންކަމަށް ބްލެއަރގެ ތަރުޖަމާނަކު ވިދާޅުވިއެވެ. އެހެންކަމުން އެ ދަތުރުކޮށްފައިވަނީ "ޚަރިޖީ ކޮންފަރެންސް"އެއްގައި ބައިވެރިވުމުގެ ގޮތުންކަމަށް އެ ފަރާތުންވަނީ ސިފަކޮށްފައެވެ.

ބްލެއަރގެ ފަރާތުން އެއްވެސް މީހަކަށް ނުރައްކަލެއް ނެތްކަމަށާއި އިނގިރޭސިވިލާތުން އެމެރިކާއަށް ފުރުމުގެ ކުރިންނާއި، ވައިޓު ހައުސަށް ވަޑައިގެންފައިވެސް އަދި އެނބުރި އިނގިރޭސިވިލާތަށް ވަޑައިގެންވެސް އެތައް ފަހަރަކު ކޯވިޑް-19އަށް ތަހުލީލުކޮށްފައިވާކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ނޫހެއްކަމަށްވާ ސަންޑޭ ޓެލެގުރާފުގައި ބުނީ އިނގިރޭސިވިލާތުގެ ވެސްޓްމިންސްޓާގައި އޮންނަ ވައިޓުހޯލުގެ ރަސްމީ ފަރާތްތަކަށް އެމެރިކާއިން އެނބުރިވަޑައިގަތުމަށްފަހު 14 ދުވަހުގެ ކަރަންޓީނުގެ އުސޫލުތަކުން އިސްތިސްނާވުމަށް ބްލެއަރ އެދިވަޑައިގެންފައިވާކަމަށެވެ. ނަމަވެސް އެފަދަ ޙުއްދައެއް ދީފައިވާކަމުގެ ރަސްމީ ލިޔުމެއް ބްލެއަރ އަށް ދޫކޮށްފައެއް ނުވެއެވެ.

ކޯވިޑް-19އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާއި ޚިލާފުވެފައިވާކަމުގެ ތުހުމަތު މީގެ ކުރިންވެސް އިނގިރޭސިވިލާތުގެ އިސް ފަރާތްތަކަށްވަނީ ރައްދުވެފައެވެ. އެގޮތުން މިދިޔަ މެއި މަހުގެ ތެރޭގައި ބޮޑުވަޒީރު ބޮރިސް ޖޮންސަންގެ އެންމެ އިސް މުޝީރު، ޑޮމިނިކް ކަމިންގްސްވަނީ އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް ޒަރޫރީ ބޭނުމެއް ނެތި ދަތުރުކުރުން މަނާކޮށްފައިވަނިކޮށް ލަންޑަނުން އިނގިރޭސިވިލާތުގެ އުތުރުގެ ސަރަޙައްދަކަށް ދިގު ދަތުރެއް ކުރައްވާފައެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ޚިލާފުވުމުގެ ސަބަބުން މަޤާމުން އިސްތިޢުފާ ދިނުމަށް ގިނަ ޢަދަދެއްގެ މީހުން ގޮވައިލުމުންވެސް މަޤާމުން އިސްތިޢުފާ ދެއްވުމަށް ކަމިންގްސްވަނީ ދެކޮޅު ހައްދަވާފައެވެ.