ޚަބަރު

ޚާރިޖީ ގުޅުން ހަރުދަނާކުރަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ރައްކާތެރިކޮށްގެން - ރައީސް

ޤައުމުތަކާ އެކު ޚާރިޖީ ގުޅުން ހަރުދަނާކުރަނީ ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ރައްކާތެރިކުރުމާއެކު އެ ގުޅުންތަކުގެ ސަބަބުން، ރައްޔިތުންނަށް ފައިދާއާއި ލާބަ ލިބޭނެކަން ކަށަވަރު ކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހި ޤައުމާ މުޚާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ޤައުމިއްޔަތުގެ އެންމެ މަތިވެރި ސިފައަކީ، މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި، ބައިނަލްއަޤްވާމީ މުޖްތަމަޢަށް ނޭވާލުމުގެ މަތިވެރި ނިޢުމަތް ލިބިފައިވުންކަމަށެވެ.

މިއާއެކު ކޮންމެ ދިވެއްސަކުވެސް ފަޚުރުވެރިވާނެފަދައިން މިއަދު އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އެންމެ މަތިވެރި އުފަލަކީވެސް އަދި އެންމެ ބޮޑު ހިތްހަމަޖެހުމަކީވެސް ދިވެހި ޤައުމަށްޓަކައި، ދިވެހި ރައްޔިތުންގެ ދިފާޢުގައި، ފުރާނަޔާއި ލެއިން ޤުރުބާންވާން ތައްޔާރަށް އޮތް ސަލާމަތީ ފައުޖެއް ރާއްޖޭގައި ސާބިތުވެ އޮތުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ފިކުރިއްޔާތާއި، މިޒަމާނުގެ ސިޔާސީ، އިޤްތިޞާދީ ވިސްނުމަކީ، މިނިވަން މުސްތަޤިއްލު ޤައުމުތަކެއްގެ، ގުޅިލާމެހިފައިވާ ބަދަހި އެއް މުޖްތަމަޢުކަމަށްވާއިރު، ދިވެހިރާއްޖެއަކީވެސް އެ މުޖްތަމަޢުގައި ހިމެނޭ ޢާއިލާއެއް ނުވަތަ ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އެއް ގޭބިސީކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާވަނީ ހުރިހާ ޤައުމުތަކާ އެކުވެސް ރާއްޖެއިން ޚާރިޖީ ގުޅުންތައް ހަރުދަނާކުރައްވަނީ މުހިންމު ދެ ކަމެއް ކަށަވަރުކުރަމުންކަމުގައި ވިދާޅުވެފައެވެ.

"ފުރަތަމަ ކަމަކީ، ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ރައްކާތެރިކުރުން. ދެވަނަ ކަމަކީ، އެ ގުޅުންތަކުގެ ސަބަބުން، ރައްޔިތުންނަށް ފައިދާއާއި ލާބަ ލިބޭނެކަން ކަށަވަރު ކުރުން. މިސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، މިއަދާ ހަމައަށްވެސް ތަންފީޒުކުރަމުން މިއަންނަނީ މި ސިޔާސަތު. މާތް ﷲގެ ވާގިފުޅާއެކު، ކުރިމަގުގައި ވެސް ދަމަހައްޓާނީ ހަމަ މި ސިޔާސަތު" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސުލުލް ޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު ފެށުނު އިރު، ރާއްޖެ ބައިނަލްއަޤްވާމީ މުޖްތަމަޢުން ވަރަށް ބޮޑަށް އެކަހެރި ކުރެވިފައި އޮތުމުގެ ސަބަބުން، ދިވެހި ޤައުމާއި ދިވެހި ރައްޔިތުންނަށް ލިބެން ހުރި، އެތައް މަންފާތަކަކާއި އެތައް އެހީތަކެއް ލިބުމަށް ހުރަސް އެޅިފައިވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ޚާރިޖީ ގުޅުންތައް މިހާރު ބަދަހިވަމުން އަންނަކަމަށާއި، އެކަމުގެ ފައިދާ ވެސް ދިވެހި ރައްޔިތުންނަށް ލިބެމުންދާކަމަށެވެ.

އެގޮތުން ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމުގައި، މިހާތަނަށް ރާއްޖެއަށް ހޯދިފައިވާ ކުރިއެރުމާއި، ލިބެމުން އަންނަ ކާމިޔާބީގެ އެއް ސަބަބަކީ، ރާއްޖެ އާއި ބައިނަލްއަޤްވާމީ މުޖްތަމަޢާ ދެމެދު އޮތް ބަދަހި ގުޅުންކަމުގައި ރައީސުލްޖުމްހޫރިއްޔާވަނީ ފާހަގަކުރައްވާފައެވެ. އަދި ޤައުމުތަކުން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް ޤައުމުތަކަށާއި، ވަކިވަކި ފަރުދުންނަށާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކަށް، ދިވެހި ރައްޔިތުންގެ ނަމުގައި، ރައީސްވަނީ ޝުކުރު ދަންނަވާފައެވެ.

"ކޯވިޑް-19ގެ ބަލިމަޑުކަން ރާއްޖެ ވަށައިލިއިރު، އަޅުގަނޑުމެންގެ ޚާރިޖީ ގުޅުންތައް އިޢާދަކުރެވި ބަދަހިވެފައިވާކަމީ، މާތް ﷲގެ މަދަދާއެކު، ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ހެޔޮ ނަސީބެއް. ކޯވިޑް-19އާ ދެކޮޅަށް މިކުރާ މަސައްކަތުގައި، ފަންނީ ގޮތުންނާއި މާލީ ގޮތުން ވެސް، ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ވަރަށް ދީލަތި އެހީތަކެއް އަންނަނީ ލިބެމުން" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ޚިތާބު ނިންމަވާލެއްވީ ދިވެހިންގެ ޤައުމީ ދުވަސް ފާހަގަކުރާއިރު، ދިވެހި ޤައުމިއްޔަތުގެ ހައިބަވަންތަކަން އިތުރުކޮށްދޭ
އެންމެ މަތިވެރި ނިޢުމަތަކީ، އިސްލާމް ދީނުގެ އުޖާލާ ނޫރުން އަޅުގަނޑުމެން ދިވެހިންގެ ހިތްތައް އަލިވެފައިވުންކަން ފާހަގަކުރައްވަމުންނެވެ.

އެއް ބަހަކުން ވާހަކަ ދައްކާ، އެއް ސަގާފަތެއް ޙިއްޞާކުރާ ބަޔަކަށް ދިވެހިންވުމަކީ ދިވެހިންގެ ޤައުމީ ފަޚުރާއި ޝަރަފު
އިތުރުވެގެންދާ ކަމެއްކަމަށާއި، އެއީ އަޅުގަނޑުމެންނާ ޙަވާލުވެފައިވާ ޤައުމީ އަމާނާތެއްކަން ޤަބޫލުކޮށް، ޤައުމިއްޔަތުގެ އެތަނބުތައް، ނަގަހައްޓައި ދެމެހެއްޓުމަކީ، މި ލޮބުވެތި ވަޠަނަށް މަންމަގެ ނަމުން މުޚާޠަބުކުރާ ކޮންމެ ދިވެއްސެއްގެވެސް ވާޖިބެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ދިވެހިންގެ ޤައުމީވަންތަކަން ކުރިމަގުގެ ޖީލުތަކާ ހަމައަށް ފޯރުކޮށްދެވޭނީ، އަޅުގަނޑުމެންގެ ޅަދަރިންނާއި
ޒުވާނުންގެ ހިތްތަކުގައި، ޤައުމިއްޔަތުގެ ސިފަތަކަށް ޚާއްޞަ ލޯތްބަކާއި ޤަދަރެއް އުފެދިގެންކަމަށާއި، ޤައުމީ ސިފަތަކުގެ މަތީގައި ދަރިން ތަރުބިއްޔަތުކުރުމަކީ، ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ޒިންމާއެއްކަން ރައީސްވަނީ ހަނދުމަކޮށްދެއްވާފައެވެ.