ޚަބަރު

އުޖާލާ ބޯޓުގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅު - ފުލުހުން


129 މީހުންނާއެކު މާލެއިން ފުރައިގެން ދަތުރު ކުރަމުންދިޔަ ފިއްލަދޫ، "އުޖާލާ" ބޯޓްގެ ފެން ހިއްކާ ޕަމްޕަށް ދިމާވި މައްސަލައަކާއި ގުޅިގެން އެބޯޓުގައި ތިބި ފަރާތްތަކަށް ފުލުހުން އެހީތެރިވާން ފަށައިފިއެވެ. ފުލުހުން ބުނީ މިއަދު ހަވީރުގެ ވަގުތެއްގައި އުޖާލާ ބޯޓްގެ ފެން ހިއްކާ ޕަމްޕަށް ދިމާވި މައްސަލައަކާއި ގުޅިގެން އެ ބޯޓް މިހާރު ވަނީ ކާށިދޫ ނިވަލުގައި މަޑުކޮށްފައިކަމަށެވެ. އަދި އެ ބޯޓް ކާށިދޫއާ ހަމައަށް އާދެވުމާއެކު ކާށިދޫ ޕޮލިސް ސްޓޭޝަނުން، އެ ބޯޓަށް ފެން ޕަމްޕެއް އަރުވައި، ސަލާމަތީ ގޮތުން ކަށަވަރު ކުރަންޖެހޭ ކަންތައްތައް ކަށަވަރު ކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. މީގެ އިތުރުން، އެ ބޯޓްގައި ތިބި މީހުންގެ ތެރެއިން ކާށިދޫއަށް ފައިބަން ބޭނުންވާ މީހުންނަށް ކާށިދޫއަށް ފޭބުމުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި، ބޯޓުގައި ތިބި އެންމެން ހާލުވެސް ރަނގަޅުކަމަށް ފުލުހުން ހާމަކުރެއެވެ. އަދި ދިޔަވުންފަދަ، ނުތަވަސްކަން އުފެދެންޖެހޭ ފަދަ އެއްވެސް މައްސަލައެއް ބޯޓަށް ކުރިމަތި ވެފައި ނުވާކަމަށްވެސް ފުލުހުން ބުނެއެވެ. "އުޖާލާ" ބޯޓްގެ ފެން ޕަމްޕަށް މައްސަލަ ޖެހިފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 16:00 ހާއިރުއެވެ. އެއިރު ބޯޓް އޮތީ ގާތްގަނޑަކަށް ކާށިދޫއާއި 6 މޭލު ބޭރު، ކާށިދޫ ކުޑަ ކަނޑުގައެވެ. އުޖާލާ ބޯޓުގައި ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކޮށްފައިވޭތޯ ބަލަމުންދާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ. މިބޯޓަށް އެހީތެރިވުމަށް ކޯސްޓްގާޑްޝިޕް ޣާޒީވެސްވަނީ އެ ސަރަޙައްދަށް ގޮސްފައެވެ. އެމްއެންޑީއެފުން ބުނީ އުޖާލާބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން އެނބުރި މާލެ އަންނަން ބޭނުންވާ މީހުންނަށް ޣާޒީގައި މާލެއާދެވޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.