ޚަބަރު

އެންޓިބޮޑީ ސަރވޭ 4 ހަފްތާތެރޭ ނިންމާލެވޭނެ - އެމްއެންޔޫ

އެޗްޕީއޭއާ އެމްއެންޔޫ ގުޅިގެން ކުރިއަށްގެންދާ އެންޓިބޮޑީސް ޓެސްޓްކުރާ ސީރޯ ސަވަޔަރލެންސް ސަރވޭ 4 ހަފްތާތެރޭ ނިންމާލެވޭނެ ކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެފިއެވެ.

މިހާރު ފަށާފައިވާ ސީރޯ ޕްރިވެލަންސް ސަރވޭއަކީ، ރާއްޖޭގައި ކޯވިޑް-19 އެއްމެ ބޮޑަށް ފެތުރުނު މާލެ ސަރަހައްދުގެ އާބާދީގެ ތެރެއިން ކުރިން ބައްޔަށް ހުށައެޅިފައިވަނީ އާބާދީގެ ކިތައް އިންސައްތަތޯ ދެނެގަނެ، ދެން އިތުުރަށް ކޯވިޑް-19 އިތުރަށް ފެތުރިގެންދާ ބާރުމިނާއި، ޕޮލިސީތަކަށް އިތުރަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް ކުރިއަށްގެންދާ ސަރވޭއެކެވެ.

ހަތަރު އުމުރުފުރާއަކަށް ބަހާލައިގެން މި ސަރވޭކުރިއަށްގެންދާއިރު މިހާރު ފަށާފައިވަނީ އެންމެ ހަނގު އުމުރުފުރާ ކަމުގައިވާ 17 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންގެ ސަރވޭ ހަފްތާއެއްގެ ތެރޭގައި ނިންމާލުމަށް މިކަން އިންތިޒާމުކުރާ ފަރާތްތަކުންދަނީ މަސައްކަތްކުރަމުންނެވެ.

މިއީ އެންޓި ބޮޑީ ޓެސްޓަކަސްވުމުން މި ސަރވޭގައި ޓެސްޓް ހަދާނީ އާންމު ކޮށް ލޭގެ ޓެސްޓް ހެދުމަށް ބޭނުންކުރާ މިންވަރަށްވުރެ މަދުން ލޭ ނަގައިގެންކަމަށާއި ލޭނަގާނީ ރެޕިޑް ރެސްޕޮންސް ޓީމުންކަމަށްވެސް އެމްއެންޔޫން ވިދާލުވެއެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޤައުމީ ޔުނިވަރސިޓީގެ ޑީން އޮފް ރިސަރޗް ޑރ. ރަހީމާ އަބްދުއްރަހީމް ވިދާޅުވީ 17 އަހަރުންދަށުގެ އުމުރުފުރާގެ ސަރވޭ ކުރިއަށްގެންދަނީ އެޑިއުކޭޝަން މިނިސްޓްރީއާ ސްކޫލްތަކާއި ގުޅިގެންކަމަށާއި، މިކަމުގައި ސްކޫލްތަކާއި ބެލެނިވެރިންގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާކަމަށެވެ. އަދި މި ސަރވޭގައި ލޭ ނެގުމަށް ކުދިންގެންދަނީ އެކުއްޖަކު ދިރިއުޅޭ ސަރަހައްދަކާ އެންމެ ކައިރީގައި ހުންނަ ސްކޫލަކަށް ބެލެނިވެރިޔާއާ އެކުކަމަށް ޑރ.ރަހީމާ ވިދާޅުވިއެވެ.

"މި ސަރވޭއަށް މިހާތަނަށް އަޅުގަނޑުމެންނަށް ފުދޭވަރަކަށް އެއްބާރުލުންލިބެމުންދަނީ. 17 އަހަރުން ދަށުގެ އުމުރުފުރާގެ ސަރވޭ ހަފްތާއަކުން ނިންމާލެވޭނެ. އަދި މުޅި ސަރވޭ 4 ހަފްތާތެރޭގައި ނިންމާލެވޭތޯ މަސައްކަތްމިކުރަނީ" ޑރ.ރަހީމާ ވިދާޅުވިއެވެ.

ޑރ. ރަހީމާ ވިދާޅުވީ ސީރޯ ޕްރިވެލަންސް ސަރވޭ ކުރިއަށްދަނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ އުސޫލުތަކާއެއްގޮތަށާއެި، އެޖަމިއްޔާގެ މިންގަނޑުތަކާއެއްގޮތަށް ސަލާމަތީ މިންގަޑުވެސް ދަމަހައްޓާނެކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި އެންޓިބޯޑީސް ޓެސްޓް ހަދަން ފަށާފައިވާއިރު ކޯވިޑް-19ގެ ހާލަތުގައި ރެޕިޑް އެންޓިޖެން ޓެސްޓު ހެދުމުގެ ހުއްދަ އެޗްޕީއޭއިން މެޑްޓެކް މޯލްޑިވްސްއަށް ވަނީ ދީފައެވެ. މި ޓެސްޓް ހަދަންވާނީ ކޯވިޑްގެ އަލާމާތްތައް ފެންނަތާ 7 ދުވަސްތެރޭގައި ކަމަށް އެޗްޕީއޭއިން އާއްމުކޮށްފައިވާ އުޞޫލްގައިވެއެވެ. އަދި އަލާމަތްތައް ފެންނަތާ 5 ދުވަސްފަހުން މި ޓެސްޓް ހަދައި ނަތީޖާ ނެގެޓިވްވި ނަމަވެސް ޕީސީއާރު ޓެސްޓް ހަދައި ނަތީޖާ ކަށަވަރުކުރަންވާނެ ކަމަށް އެޗްޕީއޭއާ އެމްއެންޔޫން މައުލޫމާތުދެއްވިއެވެ.