ޚަބަރު

ގްރޭޑް 7އާއި 8ގެ ދަރިވަރުންނަށް ސްކޫލްތައް ހުޅުވައިގެން ކިޔަވައިދޭން ނިންމައިފި

މާލެ ސަރަހައްދުގެ ސްކޫލްތައް ހުޅުވައިގެން ގްރޭޑް 7އާއި 8އަކަށް ދަރިވަރުންނަށް ކިޔަވައިދޭން ނިންމައިފިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ރަޝީދު ވިދާޅުވީ ގްރޭޑް 8ގެ ދަރިވަރުންނަށް އަންނަ ހަފްތާގެ ހޯމަދުވަހު ސްކޫލްއަށް ގެންގޮސްގެން ކިޔަވައިދޭން ނިންމާފައިވާކަމަށެވެ. އަދި މިމަހުގެ 25 ވަނަ ދުވަހު ގްރޭޑް 7 ގެ ދަރިވަރުންނަށް ކިޔަވައިދޭން ނިންމާފައިވާކަމަށް ސްޓޭޓް މިނިސްޓްރ ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވި ކޯވިޑް-19ގެ ސަބަބުން އޮންލައިންކޮށް ކިޔަވައިދިން ކަމުގައިވީނަމަވެސް ގެއްލިފައިވާ ފިލާވަލުތައް ކިޔަވައިދިނުމަށްޓަކައި ދަރިވަރުން ވީ އެންމެއަވަހަކަށް ސްކޫލްއަށް ގޮސް ފޭސް ޓު ފޭސް ކޮށް ކިޔެވުމަކީ މުހިއްމުކަމެއްކަމަށެވެ.

ސްޓޭޓް މިނިސްޓަރ ވަނީ ގްރޭޑް 7 އަދި 8 ގެ ދަރިވަރުންނަށް ސްކޫލްއަށް ގެންގޮސްގެން ކިޔަވައިދޭން ނިންމުމުން ބެލެނިވެރިންވެސް އެކަމަށް ތަރުޚީބު ދީ ދަރިވަރުން ސްކޫލްއަށް ފޮނުވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ދަރިވަރުންނަށް ލިބޭ ތަޢުލީމީ ފުރުޞަތުތައް ގެއްލުވާނުލުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

"އެޗްއީއޯސީގެ ޓެގްޓީމުންވެސް ހާމަކުރައްވާފައިވަނީ ސްކޫލްތަކަކީ އެންމެ ރައްކާތެރިކަންކަމުގައި. ކުދިން ގޭގައި ތިބެގެން އެންމެ އެކަށީގެންވާ ގޮތައް ތަޢުލީމް ހާސިލް ނުކުރެވުމުގެ ނަތީޖާއަކީ ލަރނިން ލޮސް ނުވަތަ އުނގެނުމުގެ ބައިވަރު ކަންކަން އެބަ ގެއްލިގެންދޭ. އަވަހަށް ސުކޫލްތަކަށް ގޮސް ކިޔެވުމަކީ ވަރަށް މުހިއްމު ކަމެއް." ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ސްކޫލްތަކުގައި ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒް ކުރޭތޯ ވަރަށް ގާތުން ބަލަމުންއަންނަކަމަށެވެ.އަދި އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ސްކޫލްތަކުން އަމަލުކުރަމުން އަންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ. ސްޓޭޓް މިނިސްޓަރ ވިދާޅުވީ ކޯވިޑް-19ގެ ހާލަތަށް ބެލުމަށްފަހު އިތުރު ގްރޭޑްތައް ސްކޫލްއަށް ގެނެސްގެން ކިޔަވަދިނުމަށް މަސައްކަތް ކުރަމުން ދާނެކަމަށެވެ. އެހެންނަމަވެސް ބޮޑަށް ވިސްނުން ހުރީ ގްރޭޑް 7އިން ދަށުގެ ދަރިވަރުންނަށް އޮންލައިންކޮށް އަދި ޓެލިކްލާސް މެދުވެރިކޮށް ކިޔަވައިދިނުންކަމަށެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުން ސްކޫލްތައް ބަންދުކުރުމަށްފަހު އަލުން ހުޅުވާފައިވަނީ ޖުލައި މަހުގެ 1 ވަނަ ދުވަހުއެވެ. އެހެންނަމަވެސް މާލެ ސަރަހައްދުގައި ކޯވިޑް-19 ހަލުވި ކަމާއެކު ފެތުރެމުންދާތީ އަލުން ސްކޫލްތައް ވަނީ ބަންދުކޮށް އޮންލައިންކޮށް ކިޔަވއިދިނުން ކުރިއަށް ގެންގޮސްފައެވެ. އެއަށްފަހު މާލޭގެ ސްކޫލްތައް ހުޅުވާ މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް އެއް މަސްދުވަހަށްފަހު ކިޔަވައިދޭން ފަށައިފައިވަނީ މިމަހުގެ 4 ވަނަދުވަހުއެވެ.

ފުރަތަމަ ކިޔަވާދޭން ފެށީ ގްރޭޑް 9 އިން 12 ގެ ދަރިވަރުންނަށެވެ. ސްކޫލްތައް އަލުން ހުޅުވާ ކިޔަވައިދޭން ފަށާފައިވަނީ އެޗްޕީއޭއާއި ކަމާގުޅޭ އިދާރާތަކުގެ މަޝްވަރާތަކާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައެވެ.