ކުޅިވަރު

ޕްރެޒިޑެންޓްކަޕް ސެމީފައިނަލުން ޖާގަހޯދި ފުރަތަމަ ޓީމަކަށް މާޒިޔާ


އައްޑޫ ސިޓީއާއި ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުން ޖާގަ ކަށަވަރުކުރި ފުރަތަމަ ޓީމަކަށް މާޒިޔާ ވެއްޖެއެވެ. މާޒިޔާ ސެމީގެ ޖާގަ ޔަޤީންކުރީ މިއަދު ހަވީރު އައްޑޫ ސިޓީގައި ކުޅުނު މެޗުގައި 2-0 ން ވިކްޓްރީ ބަލިކޮށްގެންނެވެ.މެޗުގައި މާޒިޔާއިން ޖެހި ފުރަތަމަ ލަނޑު ފުރަތަމަ ހާފްގައި ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ޕަބްލޯ ރޮޑްރިގޭޒްއެވެ. އޭނާ ލަނޑު ޖެހީ މުޙައްމަދު އުމެއިރު ފޮނުވާލިބޯޅަ ބޯޅަ ކީޕަރު ޠޮލާލް މަތަކުރުމުން ނިކުތް ވަގުތުއެވެ. ލަނޑުގެ ކުރިން އަހުމަދު ނާޝިދު ފޮނުވާލި ބޯޅައެއް ކީޕަރު މަތަކުރިއެވެ. އުމެއިރު ފޮނުވާލި ބޯޅަ ހުރަސްދަނޑި މަތިން ދިޔައެވެ. އަދި އަސަދުﷲ ފޮނުވާލި ބޯޅަ މަތަކުރީ ކީޕަރު ޠޮލާލުއެވެ. ޕަބްލޯގެ ލަނޑުގެ ކުރިން އޭނާ ފޮނުވާލި ބޯޅައެއްވެސް ކީޕަރު ދިފާއުކުރިއެވެ.މާޒިޔާގެ ދެވަނަ ލަނޑު ޖެހީ ބަދަލުކުޅުންތެރިޔާ މޫސާ ޔާމީންއެވެ. އޭރު ވިކްޓްރީ ކުޅެމުންދިޔައީ ދިހަ ކުޅުންތެރިންނާއެކުގައެވެ. ކީޕަރު ޠޮލާލް ޕެނަލްޓީ އޭރިޔާ ބޭރުން އަސަދުﷲއަށް ކުރި ފައުލާއި ގުޅިގެން ކީޕަރަށް ރެފްރީ ވަނީ ރަތްކާޑް ދައްކާފައެވެ. ދެވަނަ ހާފުން އިތުރު ވަގުތާއެކު ތިރީހަކަށް މިނިޓް ވިކްޓްރީ ކުޅުނީ ދިހަ ކުޅުންތެރިންނާ އެކުގައެވެ. މެޗުން މޮޅުވެ މާޒިޔާ ވަނީ 6 ޕޮއިންޓާއެކު ސެމީފައިނަލް ކަށަވަރުކޮށްފައެވެ. ވިކްޓްރީ ބަލިވި ނަމަވެސް ސެމީއަށް ދިއުމުގެ ފުރުޞަތު އަދި ނުގެއްލެއެވެ.މެޗަށްފަހު މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނީ ކުރު މުބާރާތަކަށްވުމުން ވިސްނަނީ ހަމައެކަނި ނަތީޖާއަށްކަމަށެވެ." މިކަހަލަ ކުރު މުބާރާތަކަށް ވުމުން ހަމައެކަނި ނަތީޖާއަށް ވިސްނަނީ. އެކަން ހާޞިލްވީމަ ހިތްހަމަ ޖެހޭ. ދެން ވިސްނާނީ ކުރިއަށް އޮތް މެޗު ކާމިޔާބުކޮށްގެން ގްރޫޕްގެ އެއްވަނަ ހޯދަން. ކުޅުދުއްފުށިން އެއްވަނަ ހޯދާ ޓީމާއި ޖެހުމަށްވުރެ، އެހެން ގޮތެއް އޮތްނަމަ އެގޮތަކަށް މަސައްކަތްކުރުން މާ ރަނގަޅުވާނެ. " ސުޒޭން ބުންޏެވެ.ވިކްޓްރީގެ އެސިސްޓެންޓް ކޯޗު އަހުމަދު މުޖުތަބާ ބުނީ ސެމީއަށް ދިއުމުގެ ފުރުޞަތު އަދިވެސް އެބައޮތްކަމަށާއި ސެމީއަށް ދިއުމަށް ކުރާ އުއްމީދު ނުގެއްލޭކަމަށެވެ." ސެމިއަށް ދިއުމަށް ދެން އޮތް ޓީމާއި އެއްވަރުގެ ފުރުޞަތެއް ވިކްޓްރީއަށްވެސް އެބައޮތް. ކުޅުންތެރިންވެސް، ކޯޗިންގ ޓީމްވެސް ޤަބޫލުކުރަނީ ވެލެންސިޔާ ބަލިކޮށް ސެމީއަށް ދެވޭނެކަމަށް. މިއަދުވެސް ބަލިވީ ފުރުޞަތުތަކުގެ ބޭނުން ނުކުރެވިގެން. މާޒިޔާއާއި ދާދި އެއްވަރަކަށް ވިކްޓްރީއަށްވެސް ފުރުޞަތު ލިބުނު. " މުޖުތަބާ ބުންޏެވެ.ނަމަވެސް ވިކްޓްރީ ވެލެންސިޔާއަތުން މޮޅުވިޔަސް ވިކްޓްރީއަށް ސެމީގެ ފުރުޞަތު ލިބޭނީ މާޒިޔާއާއި އީގަލްސް ވާދަކުރާ މެޗުގެ ނަތީޖާ ނިކުންނަ ގޮތަކުންނެވެ. އެމެޗުން އީގަލްސް ޕޮއިންޓެއް ހޯދިއަސް ވިކްޓްރީއަކަށް ފުރުޞަތެއް ނެތެވެ. މުބާރާތުގެ ކުޅުން ދެން އޮންނާނީ އަންނަ ހޯމަ ދުވަހުއެވެ. އައްޑޫ ސިޓީގައި ކުޅޭ މެޗުގައި ވާދަކުރާނީ މާޒިޔާއާއި ކްލަބް އީގަލްސްއެވެ.