ޚަބަރު

ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ކުލި އެ ކައުންސިލަށް ދައްކަންޖެހޭ ގޮތް ހަދަނީ


މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ މާރުކޭޓުތަކާއި، ބިންތަކުގެ ކުލި އެ ކައުންސިލަށް ދައްކަންޖެހޭގޮތަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މާރުކޭޓުތަކާއި، މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދީފައިވާ ބިންތަކުގެ ކުލި މިހާރު ބަލައިގަންނަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއަށެވެ. ނަމަވެސް ކައުންސިލުންދޭ އެހެނިހެން ޚިދުމަތްތަކުގެ ކުލި ދައްކަނީ ކައުންސިލަށެވެ.

ކޯވިޑް-19ގެ ޙާލަތާއިއެކު މި ފީތައް ބަނޑޭރި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް، ދެކޭނެގޮތް ސިޓީ ކައުންސިލުން ވަނީ ހަމަޖައްސާފައެވެ. އެގޮތުން ޕާކިންގް ފީތަކާއި މާލެހިޔާއާއި ސިނަމާލެއާއި ވިލިމާލޭގައި ހުރި ފްލެޓްތަކާއި ޕާކުތަކާއި ސިނާއީ ތަންތަން ހިމެނޭހެން ސިޓީ ކައުންސިލުން ފޯރުކޯށްދޭ 10 ޚިދުމަތަކަށް ދައްކަންޖެހޭ ފައިސާ ޕޯޓަލް މެދުވެރިކޮށް މިހާރު ދެއްކޭނެކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ.

މޭޔަރ ސިފާ ވިދާޅުވީ މާލެސިޓީގެ ބިންތަކަށް މީރާއަށް ދައްކަމުންދިޔަ ކުލިތައް ސިޓީކައުންސިލަށް ދައްކަންޖެހޭގޮތަށް ބަދަލުގެނައުމުގެ މަސައްކަތްވެސް ފަށާފައިވާކަމަށެވެ. މިކަމާއި ގުޅޭ މަޝްވަރާތައް މީރާއާއިއެކު ކުރަމުންދާކަމަށްވެސް ސިފާ ވިދާޅުވިއެވެ.

"މަޝްވަރާކުރަމުން މިދަނީ މާރުކޭޓާއި، މާލޭގައި ސިޓީކައުންސިލްގެ ދަށުގައި ހުރި ބިންތަކުގެ ކުލި ކައުންސިލަން ދައްކަންޖެހެގޮތް ހެދުމަށް. މިހާރު ސިޓީ ކައުންސިލަށް ދައްކަން ޖެހޭ ގިނަ ކަންކަމުގެ ކުލި ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ދެކޭގޮތް ހަދާފައިވަނީ" ސިފާ ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ހޯދުމަށް ލުއިފަސޭހަކޮށް ކުރުމަށް ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް ދޭންފަށާފައިވާކަމަށެވެ.

އެގޮތުން ރަޖިސްޓްރީއާއި، ފައިސާ ދެއްކުމާއި، އެހެނިހެން އާއްމު ޚިދުމަތްތަކަށް އެދުމުގެ ކަންކަން އޮންލައިންކޮށް ކުރިއަށްގެންދެވޭގޮތަށް ގިނަ ޚިދުމަތްތަކެއް ހަމަޖައްސާފައިވާކަން ސިފާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ގެމެން ޕޯޓަލް މެދުވެރިކޮށް ރެޖިސްޓްރޭޝަންއާއި ގުޅޭ ކަންކަން ކުރިއަށްދެވޭނެގޮތް ވެސް ވަނީ ހަމަޖައްސާފައެވެ.