ވިޔަފާރި

ތަރުކާރީއާއި މޭވާ ވިއްކާ ވިޔަފާރިތައް ރަޖިސްޓްރީކުރަން އަންގައިފި


ތަރުކާރީއާއި މޭވާ ވިއްކާ ވިޔަފާރިތައް ރަޖިސްޓްރީކުރުމަށް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ތަރުކާރީއާއި މޭވާ ވިއްކާ ވިޔަފާރިތައް ރަޖިސްޓްރީކުރުމަށް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލާފައިވަނީ ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރުމުގެ ގަވާއިދުގެ ދަށުންނެވެ.

ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރުމުގެ ގަވާއިދަށް މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު، ގަވާއިދަށް ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، އެފަދަ ތަންތަން ރަޖިސްޓްރީކުރަން ހުށައަޅަންޖެހޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ވިޔަފާރި ރަޖިސްޓްރީކުރެވޭނީ އޮންލައިންކޮށް، އިކޮނޮމިކް މިނިސްޓްރީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.

ރަޖިސްޓްރީކޮށްފައިވާ ތަންތަނުގައި ޝަރުޠުތައް ފުރިހަމަވޭތޯ ބެލުމަށް އިންސްޕެކްޓް ކުރާނީ، ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލުންނެވެ. ރަށެއްގައި ނަމަ، ރަށު ކައުންސިލުން ނުވަތަ މިނިސްޓްރީން ކަނޑައަޅާ އެހެން އިދާރާއަކުންނެވެ.

"ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު"ގެ ދަށުން ތަނެއްގައި ޤާއިމުވެ ނުވަތަ ތަނެއްގައި ޤާއިމުނުވެވެސް ތަރުކާރީ ނުވަތަ މޭވާ އާންމުންނަށް ވިއްކާނަމަ ރަޖިސްޓްރީކުރަންޖެހޭނެއެވެ. އަދި އެއްވެސް ބާވަތެއްގެ ތަރުކާރީއެއް ނުވަތަ މޭވާއެއް ހިމެނޭ ގޮތަށް އެކި ބާވަތްތަކުގެ މުދާ ވިއްކުމާއި، އިލެކްޓްރޯނިކް ޒަރީޢާއިން އާންމުންނަށް ތަރުކާރީ ނުވަތަ މޭވާ ވިއްކުމުގެ އިތުރުން އެއް ފަރާތަށް ވުރެ ގިނަ ފަރާތުން، ވަގުތީގޮތުން ނުވަތަ ދާއިމީ ގޮތަކަށް ވަކި ތަނެއްގައި ތިބެގެން ތަރުކާރީ ނުވަތަ މޭވާ ވިއްކާނަމަވެސް ރަޖިސްޓްރީކުރަންޖެހޭނެއެވެ.

މި ގަވާއިދުގެ ދަށުން، ތަރުކާރީ ނުވަތަ މޭވާ ވިއްކުމުގެ ވިޔަފާރި ހަރަކާތް، ރަޖިސްޓަރީނުކޮށް ހިންގާ ނަމަ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގެ ދަށުން އިންސްޕެކްޓް ކުރުމަށްފަހު، 10000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި ވިޔަފާރި ހިންގާ ތަނުގައި ހުންނަންޖެހޭ ޝަރުތުތަކުން ޝަރުތެއް ފުރިހަމަވެފައި ނުވާކަން އިންސްޕެކްޝަނަކުން ފާހަގަކުރެވިއްޖެ ނަމަ، އެ ފަދަ ކޮންމެ ފަރާތެއް، 5000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.