ވިޔަފާރި

ކުދި ވިޔަފާރިތަކަށް ޚާއްސަކޮށްގެން މާލޭގައި "ވީކް އެންޑް މާކެޓް" ބާއްވަނީ


މާލޭގައި "ވީކްއެންޑް މާކެޓެއް" ބޭއްވުމަށް ތައްޔާރުވަމުންދާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ ކޯވިޑާއި ގުޅިގެން އާއްމު ރައްޔިތުން ކުރަމުންދިޔަ ވިޔަފާރިތަކާއި އާމްދަނީއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަމަށެވެ. އެގޮތުން އާއިލާތަކަށް ފަސޭހައިން އާމްދަނީ ލިބޭނެ މަގެއް ފަހިކޮށްދިނުމަށް މާލޭގައި "ވީކެންޑް މާކެޓް"ގެ ނަމުގައި ވިޔަފާރި މާކެޓެއް ބޭއްވުމަށް ސިޓީ ކައުންސިލުން ނިންމާފައިވާކަމަށާއި އެކަމާއި ގުޅޭ ތައްޔާރިތައް ސިޓީ ކައުންސިލުން މިހާރު ފަށާފައިވާކަމަށް ސިފާ ވިދާޅުވިއެވެ.

ސިފާ ވިދާޅުވީ މާކެޓް ބޭއްވުމަށް އިންޑަސް ވިލެޖު ސަރަޙައްދުން ބިމެއް ކަނޑައަޅައި، ބިން ތައްޔާރުކުރުމުގެ މަސައްކަތް ކައުންސިލުން މިހާރު ފަށާފައިވާކަމަށް މޭޔަރ ސިފާ ވިދާޅުވިއެވެ.

"މިއީ މި ޙާލަތުން އަރައިގަތުމަށް މާލޭގެ އާއިލާތަކަށް އެހީވުމަށް ފަށާ މަސައްކަތެއް. އެޗްޕީއޭއާއިއެކުވެސް މަޝްވަރާކުރަމުންދަނީ މިކަން ކުރިއަށްގެންދެވޭނީ ކިހިނެތްތޯ ބެލުމަށް. އަދި ކައުންސިލުން މިހާރު މިދަނީމިކަމާއި ގުޅޭ މިންގަނޑެއް އެކުލަވާލަމުން. އާއްމުންގެ ޚިޔާލުވެސް މިކަމަށް ހޯދާނަން." ސިފާ މުޙައްމަދު ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ މި މާކެޓް ޚާއްސަކުރަނީ އަންހެނުންނާއި ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް ކުދި ވިޔަފާރިކުރާ ވިޔަފާރިވެރިންނަށްކަމަށެވެ.

ކޯވިޑް19ގެ ޙާލަތާއި ގުޅިގެން، ގޭގައި ތިބެގެން ކުރާ ކުދި ވިޔަފާރިތައްވަނީ އިތުރުވެފައެވެ. އެގޮތުން އެކި ކަހަލަ ކާބޯތަކެތި ހަދައިގެން ވިއްކުންވަނީ ވަރަށް ބޮޑަށްވަނީ އިތުރުވެފައެވެ.

ސިފާ ވިދާޅުވީ މާލޭ އިތުރުން ވިލިމާލޭގައިވެސް ކުދި ވިޔަފާރިތައް ކުރާ ފަރާތްތަކަށް ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މިވަގުތު ވިލިނގިލީގެ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ދަތިކަމަކީ ބައެއް ކަހަލަ ކުދި ވިޔަފާރިތައް ކުރާނެ ޖާގަ ނެތުންކަން ސިފާ ފާހަގަކުރެއްވިއެވެ. އެގޮތުން ވެލްޑިންކުރުމާއި ރޭނުމާއި ގުޅުންހުރި ކުދި ވިޔަފާރިތައް ކުރިއެރުވޭނެ ގޮތްތައް ހޯދަމުންދާކަމަށް ސިފާ ވިދާޅުވިއެވެ. އަދި ވިލިމާލޭގައި ގަސް ހައްދާ އެކަމުން ވިޔަފާރި ކުރާ މިހުންނަށްވެސް ވިލިމާލެއިން ޚާއްސަ ސަރަޙައްދެއް ކަނޑައަޅާފައިވާކަމަށާއި، އެ ސަރަޙައްދުވެސް ބޭނުންކުރަން ހުޅުވާލުމަށް ތައްޔާރުވަމުންދާކަމަށް ސިފާ ވިދާޅުވިއެވެ