ދުނިޔެ

ފުރަތަމަ 13 ދުވަހު 75 ހާހަށްވުރެ ގިނަ މީހުން އުމްރާވި


އުމްރާގެ އަޅުކަމަށް ޙަރަމުފުޅު އާއްމުކޮށް ހުޅުވާލުމުން މިދިޔަ 13 ދުވަހުގެ ތެރޭގައި 75 ހާހަށްވުރެ ގިނަ މީހުން އުމްރާގެ އަޅުކަން ފުރިހަމަކޮށްފިއެވެ.

ކޯވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މުސްލިމުންގެ އެންމެ މުޤައްދަސް ޙަރަމް ކަމަށްވާ، މައްކާގެ މާތްވެގެންވާ މަސްޖިދުލްޙަރަމް ބަންދުކޮށްފައި އޮންނަތާ 7 މަހަށްފަހު އާއްމުކޮށް ހުޅުވާލީ މިމަހުގެ 4 ވަނަދުވަހުއެވެ.

އުމްރާގެ އަޅުކަމަށް އަލުން ޙަރަމުފުޅު ހުޅުވާލާފައިވަނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި އުމްރާވުމުގެ ފުރުސަތު ދީފައިވަނީ މައްކާގައި އުޅޭ ރައްޔިތުންނަށެވެ. ސައުދީ ސަރުކާރުން ބުނީ ފުރަތަމަ ފިޔަވަހި ނިމުނު އިރު 70 ހާހަށްވުރެ ގިނަ މީހުން އުމްރާގެ އަޅުކަން ފުރިހަމަކޮށްފައިވާކަމަށެވެ. އަދި އުމްރާއަށް ހުޅުވާލިފަހުން މިހާތަނަށް ކޯވިޑްގެ އެއްވެސް ކޭހެއް ފެނިފައިނުވާކަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ.

އުމްރާގެ ދެވަނަ ފިޔަވަހިކަމަށްވާ މައްކާއިން ބޭރު ސައުދީ އެހެން ރައްޔިތުންނަށް ޙަރަމްފުޅު ހުޅުވާލަން ހަމަޖެހިފައިވަނީ މާދަމާ ރަބީއުލްމަހުގެ 1 ވަނަދުވަހުއެވެ. މި ފިޔަވަހީގައި ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ ޙަރަމްފުޅުގެ 75 އިންސައްތަ ޖާގަ ފުރޭވަރަށެވެ. މި ފިޔަވަހީގައި ދުވާލަކު 40000 މީހުންނަށް ޙަރަމްފުޅަށް ވަދެވޭނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އުމްރާއަށް އަންނަ ރައްޔިތުންނަށް ޙަރަމްފުޅު ހުޅުވާލާނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ. އެއީ ރަބީލްއައްވަލް މަހުގެ 15 ވަނަދުވަހެވެ. އާއްމުކޮށް ހުޅުވާލާއިރު ޙަރަމުފުޅުގެ 100 އިންސައްތަ ހުޅުވާލިނަމަވެސް އުމްރާގެ އަޅުކަން އަދާކުރުމަށް މި ފިޔަވަހީގައިވެސް ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ 20 ހާސް މީހުންނަށެވެ. އަދި ދުވާލަކު ޙަރަމްފުޅަށް ވަދެވޭނީ 60 ހާސް މީހުންނަށެވެ.

ސައުދީ ސަރުކާރުން ބުނީ އެހެން ޤައުމުތަކުގެ ރައްޔިތުން އުމްރާވުމަށް ކަނޑައަޅާ އުސޫލްތައް ޤައުމުތައް ވަކިވަކިން އެގޭގޮތަށް އާއްމުކުރާނެކަމަށެވެ. އަދި ޤައުމުތަކަށް އުސޫލްތައް ކަނޑައަޅަނީ އެ ޤައުމެއްގައި ކުރިޔަށް އޮތް ހަފްތާތަކުގައި ކޯވިޑްގެ ހާލަތު އޮންނަ ގޮތަކަށް ބަލައިގެންކަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ. ޚަރަމްފުޅު އަލުން ހުޅުވާލާއިރު އުމްރާގެ އަޅުކަމުގައި އަދި ބައިވެރިވެވޭނީ އުމުރުން 18 އަހަރާއި 65 އަހަރުގެ މީހުންކަމަށް ސައުދީ ސަރުކާރުން ބުނެފިއެވެ.

މޭމަހުގެ 31 ވަނަދުވަހު މަސްޖިދުއް ނަބަވީ އަލުން ހުޅުވާލުމަށްފަހު ރައުޟާއަށް ޒިޔާރަތްކުރާ މީހުންނަށް އެ ސަރަހައްދުވެސް މިއަދުން ފެށިގެންވަނީ ހުޅުވާލާފައެވެ.

ކޯވިޑްގެ ނުރައްކާ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާތީ މި އަހަރުގެ ޙައްޖުގެ އަޅުކަންވެސް ސައުދީ ސަރުކާރުން ކުރިޔަށް ގެންގޮސްފައިވަނީ 10 ހާސް މީހުންނާއި އެކުއެވެ. ސައުދީގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ ރައްޔިތުންވެސް ހިމެނޭ ގޮތަށް ޙައްޖުގެ އަޅުކަން ކުރިޔަށް ގެންދިޔައީ ރައްކާތެރިކަމުގެ އެތައް ފިޔަވަޅުތަކެއް އެޅުމަށްފަހުއެވެ.

ސައުދީގައި ކޯވިޑް ޖެހޭ މިންވަރު މިހާތަނަށް ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްވެފައެވެ. ބަލީގެ އެންމެ ހާލަތު ބޮޑުވި ދުވަސްވަރު ބަލިޖެހޭ މީހުންގެ އަދަދު އެތައް ހާހެއް މަތީގައި ހުރިނަމަވެސް މިހާރު މިއަދަދު ވަނީ 450 ވުރެ ދަށަށް ޖެހިފައެވެ. ސައުދީން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 433 މީހުންނެވެ. މި ބަލީގައި އެ ޤައުމުގައި މިހާރު ފަރުވާ ހޯދަމުން އަންނަނީ 8 ހާސް 500 މީހުންނެވެ.
މައްކާ މަދީނާއަށް ބަލާލާއިރު މައްކާއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 27 މީހުންނެވެ. އަދި މަދީނާއިން ޕޮޒިޓިވްވީ 51 މީހުންނެވެ.