ވިޔަފާރި

ރާއްޖޭގައި ބާނާ މަސް ލަންކާއަށް އެކްސްޕޯޓްކުރުމަށް ހުރަހެއް ނެތް- މިނިސްޓަރ ޝާހިދު


ރާއްޖޭގެ މަސްވެރިން ބާނާ މަސް ލަންކާއަށް އެކްސްޕޯޓްކުރުމުގައި އެއްވެސް ހިފެހެއްޓުމެއް އެޤައުމުން ނުގެންގުޅޭކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ ޝާހިދު ވަނީ ރާއްޖޭގެ މަސްވެރިން ބާނާ މަސް ލަންކާއަށް އެކްސްޕޯޓްކުރުމާ ގުޅޭގޮތުން ލަންކާގެ ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާކުރައްވާފައެވެ. އެގޮތުން މިނިސްޓަރ ޝާހިދު ވަނީ ލަންކާގެ ފޮރިން މިނިސްޓަރ ގިނޭސް ގުނަވަދަނައާއި ލަންކާގެ ފިޝަރީޒް މިނިސްޓަރ ޑޮގްލަސް ޑެވަނަންދައާއި އެޤައުމުގެ ފިނޭންސް މިނިސްޓަރ އަޖިތް ނިވާޑްއާއި ބައްދަލުކުރައްވާފައެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، ލަންކާގެ ސަރުކާރު ބަދަލުވެ، އެ ޤައުމުގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ލަންކާއަށް އެހެން ޤައުމުތަކުން މަސް އެކްސްޕޯޓްކުރުން ހިފަހައްޓާފައިވާކަމަށެވެ. ނަމަވެސް އެޤައުމުގެ ކަމާބެހޭ ފަރާތްތަކާއެކު ބޭއްވި މަޝްވަރާތަކަށްފަހު ރާއްޖެއިން ލަންކާއަށް މަސް އެކްސްޕޯޓްކުރުމުގައި އެއްވެސް ހިފެހެއްޓުމެއް ނޯންނާނެކަމުގެ ޔަޤީންކަން އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ދީފައިވާކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރާ ޤައުމުތަކުގެ ތެރޭގައި ލަންކާ ހިމެނެއެވެ. މޯލްޑިވްސް ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރި ޤައުމުތަކުގެ ތެރޭގައި ލަންކާ ހިމެނެއެވެ. ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލުގެ ބޮޑުބަޔަކީ މަހުގެ އެކި ބާވަތްތަކެވެ.