ޚަބަރު

ކޯވިޑް-19 : އުތުރު ކްލަސްޓަރގެ އިންވެސްޓިގޭޝަން މިއަދު ނިމޭނެ - އެޗްޕީއޭ


އުތުރު ޕޮލިސް ކްލަސްޓަރގެ އިންވެސްޓިގޭޝަން މަސައްކަތްތައް މިއަދު ނިންމާނެކަމަށް ހެލްތް ޕްރޮޓެކްޝަން އެެޖެންސީ އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ. މި ކްލަސްޓަރގައި 2 ރަށަކުން 10 މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

މި ކްލަސްޓަރގެ އިތުރު ދެ މީހަކު އިއްޔެވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވެފައިވަނީ ކުދުދުއްފުށީގައި މަސައްކަތްކުރާ ދެ ފުލުހުންކަމަށެވެ. ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ އިއްޔެ ޕޮޒިޓިވްވި ދެ ފުލުހުންނަކީ ޕޮލިސް ކްލަސްޓަރގެ ކޮންޓެކްޓުންގެ ތެރެއިން ފާހަގަވެގެން، ސާމްޕަލް ޓެސްޓުކުރި މީހުންކަމަށެވެ.

ކުޅުދުއްފުށީގައި އެކްޓިވް ކޭސްގެ ގޮތުގައި 6 މީހުން މިވަގުތު އެބަތިއްބެވެ. އެއީ 4 ދިވެހިންނާއު 2 ބިދޭސީންނެވެ. މީގެތެރޭގައި މުޅިންވެސް ހިމެނެނީ ކޮންޓެކްޓުންނެވެ. މި ކްލަސްޓަރއާއި ގުޅުންހުރި 4 މީހުން ހއ.ދިއްދޫއިންވެސްވަނީ ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ 3 ފުލުހުންނާއި، ފުލުހެއްގެ އަންހެނުންނެވެ.

މި ކްލަސްޓަރގެ ފުރަތަމަ ކޭސް ފެނިފައިވަނީ ކުޅުދުއްފުށިން މިމަހުގެ 4 ވަނަ ދުވަހުއެވެ. މިއީ އެހެން ކޭސްއަކާ ގުޅުމެއް ނެތް ފުލުސް މީހެކެވެ. މި ކޭސްއާއި ގުޅިގެން އުތުރުގެ 6 ރަށެއް މޮނިޓަރިންގގެ ޙާލަތަށްވެސް ގެނައެވެ. ނަމަވެސް ކޮންޓެކްޓުން ފާހަގަކޮށް، 24 ގަޑިއިރުތެރޭ މި 6 ރަށްވަނީ މޮނިޓަރިންގގެ ޙާލަތުން ނަގާފައެވެ.

އެޗްޕީއޭއިން ވިދާޅުވީ މި ކްލަސްޓަރގެ އިންވެސްޓިގޭޝަނާއި ގުޅޭ މަސައްކަތްތައް ކުރުމަށް ކުޅުދުއްފުށީގައި އެޗްޕީއޭގެ ޓީމެއް ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އަދި މިއަދުގެ ނިޔަލަށް މި ކްލަސްޓަރގެ އިންވެސްޓިގޭޝަން ނިންމާނެކަމަށްވެސް އެޗްޕީއޭއިންވަނީ ވިދާޅުވެފައެވެ. މި ކްލަސްޓަރއާއި ގުޅުންހުރި 130އަށްވުރެ ގިނަ ސާމްޕަލްނަގައި ޓެސްޓުކޮށްފައިވެއެވެ.