ކުޅިވަރު

ޓީމަށް ބަދަލުތަކެއް ގެންނާނަން: ޒިދާން

ސްޕެނިޝް ލީގުގައި މިރޭ އަލަށް ޕްރޮމޯޓްވި ކާޑިޒްއާ ދެކޮޅަށް ނުކުންނައިރު ޓީމަށް ބަދަލުތަކެއް ގެންނާނެކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

މެޗުގެ ކުރިން ވާހަކަދައްކަމުން ޒިދާން ބުނީ ކުރިޔަށް 21 ދުވަސް ތެރޭގައި ހަތް މެޗު ކުޅެން ޖެހުމުން ޓީމަށް އެހެން ގޮތްތަކެއް ހޯދަން ޖެހިފައިވާކަމަށެވެ. އޭނާ ބުނީ އެސަބަބާ ހުރެ ކުލަބް ކާޑިޒްއާ ދެކޮޅަށް ކުޅޭއިރު ބަދަލުތަކެއް ޓީމުން ފެންނާނެކަމަށެވެ. އަދި މި ސީޒަނުގައި އެތައް ފަހަރަކު މިކަހަލަ ކިތަންމެ ބަދަލެއް ގެންނަ ޖެހޭނެކަމަށް ޒިދާން ބުންޏެވެ.

ޒިދާން ބުނީ އެނާގެ ޓީމުގައި ވަރަށް މޮޅު ކުޅުންތެރިން އެބަތިބި ކަމަށާއި ޓީމުގެ އަސްލު މަގާމަށް ގެންގޮސްގެން ނޫނީ އެއިން ކުޅުންތެރިޔަކު އަރާމް ކުރަން ވެސް ބޭނުންނުވާކަމަށެވެ. ޓީމުގެ ރޫހު އޮތީ އެހާވެސް ވަރުގަދަކޮށް ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ބުންޏެވެ. ކާޑިޒްއަކީ ވަރަށް ޑިސިޕްލިން ޓީމެއް ކަމަށާއި އަލަށް ޕްރޮމޯޓްވި ޓީމަކަށް ވިޔަސް އެޓީމުން މެޗުގައި އުނދަގޫ ކުރިމަތިކުރުވާނެކަމަށް ޒިދާން ބުންޏެވެ.

މިދިޔަ ސީޒަންގެ ސްޕެނިޝް ލީގު ރެއާލްއަށް ކާމިޔާބުކޮށްދިން ޒިދާން ބުނީ އެޓީމުން ނުކުންނާނީ މެޑްރިޑާ ވާދަކޮށް މޮޅެއް ހޯދަން ކަމަށާއި އެހެންކަމުން އެޓީމުގެ މައްޗަށް ކުރި ހޯދޭނީ މެޑްރިޑުން ވަރުގަދައަށް ކުޅެގެންކަމަށެވެ. މިއީ 2006 ވަނަ އަހަރު ސްޕެނިޝް ލީގުގައި ވާދަކުރި ފަހުން ކާޑިޒް ލީގުގައި ވާދަކުރާ ފުރަތަމަ ފަހަރެއެވެ.