ޚަބަރު

ސިޔާސީ މަޝްރަހު އިތުރަށް ހަލަބޮލިވިޔަ ނުދިނުމަށް މެލޭޝިޔާގެ ރަސްގެފާނު އެދިވަޑައިގެންފި


ޤައުމަށް ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތައް އިތުރަށް ބޮޑުވިޔަނުދީ މަޝްވަރާއާއި ދުސްތޫރީ ނިޒާމުގެ ތެރެއިން ޙައްލެއް ހޯދުމަށް މަސައްކަތްކުރުމަށް މެލޭޝިޔާގެ ރަސްގެފާނު އައްސުލްޠާން އަބްދުﷲ ޤައުމުގެ ސިޔާސީ ފަރާތްތަކަށް ގޮވާލައްވައިފިއެވެ. ރަސްގެފާނު އަބްދުﷲ އެހެން ގޮވާލައްވައިފައިވަނީ މެލޭޝިޔާގެ ބޮޑުވަޒީރުގެ މަޤާމު ހޯއްދެދުމަށް މިހާރުގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީނާއި އިދިކޮޅު ސިޔާސީ ލީޑަރު އަންވަރު އިބްރާހިމް މަސައްކަތްކުރައްވަމުންދާ ދަނޑިވަޅެއްގައެވެ.

އައު ސަރުކާރު އުފެއްދުމަށް ޤާނޫނުހަދާ މަޖިލީހުގެ ތާޢީދު އޮތްކަމުގެ ޔަޤީންކަން އެރުވުމަށް މެލޭޝިޔާގެ އިދިކޮޅު ސިޔާސީ ލީޑަރު، އަންވަރު އިބްރާހިމް މިދިޔަ ހަތުފަގައިވަނީ ރަސްގެފާނު އަބްދުﷲއާ ބައްދަލުކުރައްވާފައެވެ. އެއް ގަޑިއިރަށް ދެމިގެންދިޔަ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އަންވަރު އިބްރާހީމް ވިދާޅުވީ ބޮޑުވަޒީރުގެ މަޤާމަށް އޭނާ އައްޔަނުކުރުމަށް ޤާނޫނުހަދާ މަޖިލީހުގެ ގިނަ މެންބަރުންގެ ތާޢީދު އޮތްކަން ޔަޤީންކޮށްދޭ ލިޔެކިޔުންތައް ރަސްގެފާނަށް ޙަވާލުކުރައްވާފައިވާކަމަށެވެ. މިހާރު ކުރިމަތިވެފައިވާ ޙާލަތާގުޅޭގޮތުން އިތުރު މަޝްވަރާތައް ކުރެއްވުމަށް ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ ވަރަށް އަވަހަށް ރަސްގެފާނު ބައްދަލުކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ކޯވިޑް-19 ފެތުރޭތީ މެލޭޝިޔާގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދަތުރުފަތުރަށް ހުރަސްއެޅުމުން އެ ބައްދަލުވުންތައްވަނީ ފަސްކޮށްފައެވެ.

ޝާހީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނީ ސިޔާސީ ކަންކަމުގައި ހަރުދަނާކަން ދެއްކުމަށް ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންނަށް ނަސޭޙަތްތެރިވާކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ދެނެގަތުމަށް މަސައްކަތްކުރުމަށްވެސްވަނީ ގޮވާލައިފައެވެ. ކޯވިޑް-19ގެ ސަބަބުން ޤައުމުގެ ޙާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި ސިޔާސީ މަޝްރަހު ގޯސްވިޔަ ނުދިނުމަށް ހުރިހާ ފަރާތްތަކުން މަސައްކަތްކުރުމުގެ މުހިންމުކަން އެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ. އަދި މައްސަލަތަކާއި ދެބަސްވުންތައް ޙައްލުކުރުމަށް މަޝްވަރާކުރުމާއި ޤާނޫނުގެ ތެރެއިން މަސައްކަތްކުރުމުގެ މުހިންމުކަންވެސްވަނީ ފާހަގަކޮށްފައެވެ.

222 މެންބަރުން ތިބޭ މެލޭޝިޔާގެ ޤާނޫނުހަދާ މަޖިލީހުގެ 120 މެންބަރުންގެ ތާޢީދު އޮތްކަމަށް އަންވަރުވަނީ ވިދާޅުވެފައެވެ. މިއީ ޤާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އޭނާއަށް ތާޢީދުކުރާކަމަށް މިދިޔަ މަހުގެ ތެރޭގައި އިޢުލާނުކުރެއްވުމަށްފަހު އޭނާއަށް ތާޢީދުކުރައްވާ މެންބަރުންގެ ޢަދަދު ހާމަކުރައްވާ ފުރަތަމަ ފަހަރެވެ. ނަމަވެސް އެ ބޭފުޅުންގެ ވަނަވަރު އޭނާ ހާމަކުރައްވާފައެއް ނުވެއެވެ. އަންވަރު ވިދާޅުވީ ދެން ކުރިއަށް ދާނެގޮތެއް ނިންމަވާނީ ރަސްގެފާނު އަބްދުﷲ ސުލްޠާން އަޙްމަދު ޝާހުކަމަށެވެ.

މެލޭޝިޔާގެ ރަސްގެފާނަށް ޤާނޫނުހަދާ މަޖިލީހުގައި ނުފޫޒު އަދި ތާޢީދު އޮންނަ ބޭފުޅަކަށް ބޮޑުވަޒީރުގެ މަޤާމު ޙަވާލުކުރުމުގެ ބާރު ލިބިގެންވެއެވެ. އަދި ޤާނޫނުހަދާ މަޖިލީސް އުވާލައި އައު އިންތިޚާބެއް ބޭއްވުމަށް އެނގުމުގެ ބާރުވެސް ރަސްގެފާނަށް ލިބިގެން ވެއެވެ. 2018ވަނަ އަހަރުން ފެށިގެން މެލޭޝިޔާގެ ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި މަހާތިރު މުޙައްމަދު މި އަހަރުގެ ފެބްރުއަރީ މަހުގައި ކުއްލިގޮތަކަށް އިސްތިޢުފާ ދެއްވުމުން ރަސްގެފާނު އަބްދުﷲވަނީ އެ މަޤާމަށް މިހާރުގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީން ޢައްޔަނުކުރައްވާފައެވެ. ބޮޑުވަޒީރުގެ މަޤާމަށް އަންވަރު އައްޔަނުކޮށްފިނަމަ އޭނާ ވެގެންދާނީ މި އަހަރުގެ ތެރޭގައި މެލޭޝިޔާގެ ބޮޑުވަޒީރުކަމާ ޙަވާލުވެވަޑައިގަންނަވާ ތިންވަނަ ބޭފުޅަށެވެ.