ޚަބަރު

ހަނގުރާމައަށް ދިޔަކަމަށް ތުހުމަތުކުރެވޭ މީހާގެ ބަންދަށް 7 ދުވަސް ޖަހައިފި


ސޫރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަކަމަށް ތުހުމަތުކުރެވޭ މީހާގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.

ފުލުހުން ވިދާޅުވީ، ސޫރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަކަމަށް ތުހުމަތުކޮށް ރޭ ހައްޔަރުކުރި ޢުމުރުން 34 އަހަރުގެ މިހާ ބަންދުގައި ބަހައްޓައިގެން ތަޙުގީގު ކުރިއަށް ގެންދިއުމަށް 7 ދުވަސް ކޯޓުން ޖަހައިދީފައި ވާކަމަށެވެ.

ސޫރިއާއަށް ހަނގުރާމައަށް ދިއުމަށްފަހު އެނބުރި ރާއްޖެ އައި އެމީހާ ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ. އެމީހާއަކީ ސޫރިޔާގައި ހިނގަމުންދާ ޓެރަރިސްޓު ޙަރަކާތްތަކުގައި ބައިވެރިވެފައިވާ މީހެއްކަމަށް ތުހުމަތު ކުރެވޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙަމަދު ޙަމީދު ވަނީ ވިދާޅުވެފައެވެ. އޭނާއަކީ ބޭރު ޤައުމުތަކުގައި ހިންގާ ޓެރަރިސްޓް ޙަރަކާތްތަކުގައި ބައިވެރިވާކަމަށް ތުހުމަތުކުރެވޭ ދިވެހިންގެ ތެރޭގައި ހިމެނޭ މީހެއް ކަަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވި އެވެ.

ފުލުހުންވަނީ އެމީހާ މާލޭގައި ދިރުއުޅުނު ގެ ބަލައި ފާސްކޮށްފަ އެވެ. ބޭރު ޤައުމުތަކުގައި ހިނގާ ހަނގުރާމަތަކާއި ޓެރަރިސްޓު ޙަރަކާތްތަކުގައި ދިވެހިން ބައިވެރިވާކަމުގެ ރިޕޯޓުތައް ފެންމަތިވެފައިވާއިރު، މިފަދަ ޙަރަކާތްތަކުގައި ބައިވެރިވެފައިވާ ބައެއް ދިވެހިން މަރުވެފައިިވާކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ. އަދި މިދިޔަ އަހަރު އަފްޣާނިސްތާން ސަރުކާރުން ހައްޔަރުކުރި 243 އައިއެސް ހަނގުރާމަވެރިންގެ ތެރޭގައިވެސް ދިވެހިން ހިމެނޭކަމަށް އެ ޤައުމުގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

ޓެރަރިޒަމާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ފުޅާކޮށް ބައިނަލްއަޤްވާމީ މުޖުތަމައާއިއެކު މިކަމުގައި ދިވެހި ސަރުކާރުންވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހަނގުރާމައިން އަނބުރާ ގެންނަ މީހުން ރިހެބިލިޓޭޓްކުރުމަށް ކ. ހިންމަފުށީގައި ޚާއްޞަ މަރުކަޒެއްވެސް ދަނީ ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ދިވެހިންގެ ތެރެއިން ބޭރު ޤައުމުގެ ހަނގުރާމައިގައި ބައިވެރިވެ ހާލުގައިޖެހިފައި ތިބި ފަރާތްތަށް އަނބުރާ ރާއްޖެ ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވައުދުފުޅެކެވެ.