ކުޅިވަރު

ބޭލް ހިތްހަމަޖެހިގެން ހުރުމަކީ ކުލަބަށް ވަރަށް މުހިންމު ކަމެއް: މޮރީނިއޯ


މި ސީޒަނުގައި ސްޕެއިންގެ ރެއާލް މެޑްރިޑުން ޓޮޓްނަމަށް ލޯނު އެއްބަސްވުމުގެ ދަށުން ބަދުލިވި އެކުލަބުގެ ކުރީގެ ތަރި ގެރެތް ބޭލް ޓޮޓްނަމްގައި ހިތްހަމަޖެހިގެން ހުރުމަކީ ކުލަބަށް ވަރަށް މުހިންމުކަމެއް ކަމަށް އެޓީމުގެ ހޯސޭ މޮރީނިއޯ ބުނެފިއެވެ.

ބޭލް ވަނީ އަނިޔާއިން މުޅިން ރަނގަޅުވެ ޓޮޓްނަމުން އިއްޔެ ބޭއްވި ފަރިތަކުރުންތަކުގައި ވެސް ބައިވެރިވެފައެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހުގެރޭ ވެސްޓްހޭމްއާ ދެކޮޅަށް ކުޅޭ މެޗުގައި ބޭލް ފެނުމުގެ ފުރުސަތު ބޮޑު ކަމަށް މޮރީނިއޯ ބުންޏެވެ. އޭނާ ބުނީ ބޭލް ކުލަބާ ގުޅުނީ ކުލަބަށް އޭނާގެ އެހީތެރިކަން ބޭނުން ޖެހިފައިވާ ދަނޑިވަޅެއްގަ ކަމަށާއި ކުލަބުން އޭނާއަށް ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.

މޮރީނިއޯ ބުނީ އެނާ ނިންމުތައް ނިންމާނީ ކުލަބަށާއި ކުޅުންތެރިޔާ އަށް އެންމެ ރަނގަޅު ގޮތް ބެލުމަށްފަހުކަމަށެވެ. ބޭލް ހިމެޖެހިގެން ކުލަބުގައި ހުރުމަކީ ޓޮޓްނަމަށް މިސީޒަނުގައި ވަރަށް މުހިންމު ކަމެއް ކަމަށާއި އެއީ ބޭލްގެ ކެރިއަރަށްވެސް މުހިންމުކަމެއް ކަމަށް މޮރީނިއޯ ބުންޏެވެ. ގައުމީ ޓީމު ބްރޭކްގެ ކުރިން ޓޮޓްނަމުން ވަނީ ވަރަށް ގާތްގާތުގައި މެޗުތަކެއް ކުޅެފައެވެ. އެގޮތުން 10 ދުވަސް ތެރޭގައި ޓޮޓްނަމުން ވަނީ ފަސް މެޗު ކުޅެފައެވެ. ފަސްމެޗުގެ ތެރެއިން ހަތަރު މެޗު ޓޮޓްނަމުން ކާމިޔާބުކުރުމުގެ ފަހަތުގައި ވަނީ ކުޅުންތެރިން ކުރި ބުރަ މަސައްކަތް ކަމަށް މޮރީނިއޯ ބުންޏެވެ.

މީގެ ކުރިން ޓޮޓްނަމްގެ ކުރީގެ ކޯޗު ހެރީ ރެޑްނެޕް ބުނެފަވަނީ މި ސީޒަންގައި މޮރީނިއޯއާ އެކު ޓޮޓްނަމަށް ލީގު ކާމިޔާބު ކުރެވިދާނެކަމަށެވެ.. މިވަގުތު ލީގުގައި ޓޮޓްނަމް އޮތީ 7 ޕޮއިންޓާއެކު ހަވަނަގައެވެ.