ވިޔަފާރި

މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 500އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އާދޭ


ބޯޑަރު އަލުން ހުޅުވާލިފަހުން މިހާތަނަށް ރާއްޖެއަށް 26000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު މިދިޔަ ޖުލައިމަހުގެ 15 ވަނަ ދުވަހުން މިމަހުގެ 14 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް އައިސްފައި ވަނީ 26720 ފަތުރުވެރިންނެވެ.

ރާއްޖެގެ ބޯޑަރު ބަންދުކުރުމާއި ހަމައަށް ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 382760 (ތިންލައްކަ އަށްޑިހަ ދެހާސް ހަތްސަތޭކަ ފަސްދޮޅަސް) ފަތުރުވެރިންނެވެ. ބޯޑަރު ހުޅުވާލުމާއިއެކު ޖުލައިމަހު 1752 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު، އޮގަސްޓްމަހު 7628 ފަތުރުވެރިން އަދި ސެޕްޓެމްބަރމަހު 9538 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 14 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް އައިސްފައިވަނީ 7،853 ފަތުރުވެރިންނެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 409567 (ހަތަރުލައްކަ ނުވަހާސް ފަށްސަތޭކަ ފަސްދޮޅަސް ހަތް) ފަތުރުވެރިންނެވެ.

ދުވާލެއްގެ މައްޗަށް ރާއްޖެއަށް އަންނަ ފަތުުރުވެރިންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން ސެޕްޓެމްބަރމަހު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް އައިސްފައިވަނީ 318 ފަތުރުވެރިންނެވެ. މިއަދަދު މިހާރުވަނީ 500އަށް ވުރެ މައްޗަށް އަރާފައެވެ.

ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލި ޖުލައިމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 117 ފަތުރުވެރިންނެވެ. އަދި އޮގަސްޓުމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 246 ފަތުރުވެރިންނެވެ.

މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެޤައުމުން ރާއްޖެއަށް 4،817 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ޔޫ.އޭ.އީ އިންނެވެ. އެޤައުމުން ރާއްޖެއަށް 3،218 ފަތުރުވެރިން އައިސްފައިވެއެވެ. ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ އެމެރިކާއިންނެވެ. އެމެރިކާއިން 2،431 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.