ވިޔަފާރި

ސެޕްޓެމްބަރުމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ %59 ދަށަށް


މިދިޔަ ސެޕްޓެމްބަރުމަހު ރާއްޖެއަށް އިމްޕޯޓުކުރި މުދަލާއި ރާއްޖެއިން ބޭރުކުރި މުދަލުގެ އަދަދު ދަށްވެ، އިމްޕޯޓް އަދި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 59 އިންސައްތަ ދަށަށް ހިނގައްޖެއެވެ.

ކަސްޓަމްސްއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ސެޕްޓެމްބަރުމަހު ދައުލަތަށް އިމްޕޯޓު އަދި އެކްސްޕޯޓުން ލިބިފައިވަނީ 292 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މި އަހަރުގެ ސެޕްޓެމްބަރމަހު މި ޢަދަދުވަނީ 119 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރމަހު ރާއްޖެއަށް 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ސެޕްޓެމްބަރުމަހު މި ޢަދަދުވަނީ 1.9 ބިލިއަން ރުފިޔާ އަށް ދަށްވެފައެވެ. މީގެއިތުރުން، ފާއިތުވި ސެޕްޓެމްބަރުމަހު ދައުލަތަށް ލިބުނު އާމްދަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހާ އަޅާބަލާއިރު 59 އިންސައްތަ ވަނީ ދަށްވެފައެވެ. 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު 292 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ސެޕްޓެމްބަރުމަހު މި ޢަދަދު ވަނީ 119 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ސެޕްޓެމްބަރުމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޗައިނާ، އިންޑިއާ އަދި ސިންގަޕޫރެވެ. ޗައިނާ އިން 345 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާއިން 275 މިލިއަން އަދި ސިންގަޕޫރުން 217 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އިމްޕޯޓުކޮށްފައިވަނީ މެޝިނަރީއާއި އިލެކްޓުރިކް ސާމާނާއި، ކާބޯތަކެތީގެ ބާވަތްތަކާއި، ތެލުގެ ބާވަތްތަކެވެ.

ސެޕްޓެމްބަރުމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ އިނގިރޭސިވިލާތަށާއި، ޖަރުމަންވިލާތް އަދި ފަރަންސޭސިވިލާތަށެވެ. އެގޮތުން އިނގިރޭސިވިލާތަށް 21 އިންސައްތަ މުދާ އެކްސްޕޯޓުކޮށްފައިވާއިރު، ޖަރުމަންވިލާތަށް 19 އިންސައްތަ އަދި ފަރަންސޭސިވިލާތަށް 17 އިންސައްތަ މުދާ ވަނީ އެކްސްޕޯޓުކޮށްފައެވެ. މި ޤައުމުތަކަށް ރާއްޖެއިން އެކްސްޕޯޓުކޮށްފައިވަނީ ގަނޑުކުރި މަހުގެ ބާވަތްތަކެއްވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހާއި އަޅާބަލާއިރު މިއަހަރުގެ ސެޕްޓެމްބަރުމަހު ރާއްޖެ އެތެރެވި އުޅަނދުފަހަރުގެ އަދަދާއި ރާއްޖެއިން ފުރާފައިވާ އުޅަނދުގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު މުދާ ހިފައިގެން ރާއްޖެއަށް 82 އުޅަނދެއް އެތެރެވެފައިވާއިރު މިއަހަރުގެ ސެޕްޓެމްބަރުމަހު އެތެރެވެފައިވަނީ 108 އުޅަނދެވެ. އަދި މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ރާއްޖެއިން 91 އުޅަނދެއް ފުރާފައިވާއިރު، މިއަހަރުގެ ސެޕްޓެމްބަރުމަހު ފުރާފައިވަނީ 117 އުޅަނދެކެވެ.

މުދާ ކްލިއަރކުރުމަށް ޕްރޮސެސްކުރެވުނު ޑެކްލެރޭޝަންގެ އަދަދުވެސް ފާއިތުވި ސެޕްޓެމްބަރުމަހު ވަނީ ބޮޑުތަނުން ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ޕްރޮސެސްކުރެވުނު ޑެކްލެރޭޝަންގެ އަދަދަކީ 19374އެކެވެ. މި އަދަދު މިއަހަރުގެ ސެޕްޓެމްބަރުމަހު ހުރީ 9463 ގައެވެ.