ޚަބަރު

ކުޑަކުދިންނަށް ކުރާ އަނިޔާ: މިދިޔަ މަހު 106 މައްސަލަ ހުށައެޅި


އޮގަސްޓްމަހާ އަޅާ ބަލާއިރު މިދިޔަ މަހު ކުޑަކުދިންނަށް ކުރި އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް އިތުރުވެއްޖެއެވެ.

ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އޯގަސްޓް މަހު ކުޑަކުދިންނަށް ކުރި އެކި ބާވަތުގެ އަނިޔާގެ މައްސަލައިގެ ގޮތުގައި 103 މައްސަލައެއް ހުށަހެޅިއެވެ. ސެޕްޓެމްބަރުމަހު ޖެންޑަރ މިނިސްޓްރީއަށް ހުށައަޅާފައިވަނީ މިބާވަތުގެ 106 މައްސަލައެވެ. ސެޕްޓެމްބަރުމަހު އެމިނިސްޓްރީއަށް ޖުމުލަ 238 މައްސަލަ ވަނީ ހުށަހަޅާފައެވެ.

ސެޕްޓެމްބަރު މަހުގެ ތަފާސްހިސާބަށް ބަލާއިރު ކުޑަކުދިންނަށްކުރާ އަނިޔާގެތެރެއިން އެންމެ ގިނައިން ހުށައަޅާފައިވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. މިބާވަތުގެ 44 މައްސަލައެއްވަނީ ހުށަހަޅާފައެވެ.

މީގެއިތުރުން އިހުމާލުވުމުގެ 29 މައްސަލައަކާއި ޖިސްމާނީ ހާނިއްކައިގެ 16 މައްސަލައަކާއި ނަފްސާނީ ހާނިއްކައިގެ 5 މައްސަލައަކާއި ގެވެށި އަނިޔާގެ ޢަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 7 މައްސަލައެއް ހުށަހަޅާފައިވެއެވެ. އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 2 މައްސަލައެއްގެއިތުރުން އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާކުރުމުގެ 2 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި ނަހަމަގޮތުގައި ކުދިން ބޭނުންކުރުމުގެ މައްސަލައެއްވެސް އެމިނިސްޓްރީއަށްވަނީ ހުށަހަޅާފައެވެ.

ކުޑަކުދިންގެ މައްސަލަތަކުގެތެރޭގައި ކުދިންގެ އަޚުލާގާ ގުޅުންހުރި 10 މައްސަލައަކާއި އެކިބާވަތުގެ ކުށްކުރާ ކުދިންގެ 2 މައްސަލައަކާއި ކުޑަކުދިންގެ ޙައްގުތަކުން ކުދިން މަޙުރޫމްކުރުމުގެ 10 މައްސަލައެއްވެސް ޖެންޑަރ މިނިސްޓްރީއަށް މިދިޔަމަހުވަނީ ހުށަހަޅާފައެވެ.

މިދިޔަ މަހު ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ 46 މައްސަލައެއް ހިމެނެއެވެ. މިބާތުގެ މައްސަލަތަކުގެ ތެރޭގައި ނަފްސާނީ އަނިޔާގެ 8 މައްސަލައަކާއި ޖިސްމާނީ އަނިޔާގެ 29 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. ޖިންސީ ހާނިއްކަ ކުރުމުގެ 3 މައްސަލައާއި އިހުމާލުވުމުގެ 3 މައްސަލައާއި ބާރާއި ނުފޫޒުފޯރުވުމުގެ 2 މައްސަލައާއި މާލީ ފުދުންތެރިކަން ފޯރުކޮށް ދިނުމުގައި ހުރަސްއެޅުމުގެ މައްސަލައެއް ހިމެނެއެވެ.

މިދިޔަ މަހު ޢާއިލީ މައްސަލަތަކުގެ ގޮތުގައި ހިމެނޭ 24 މައްސަލައެއް ހުށައަޅާފައިވާއިރު އޭގެތެރޭގައި ހިމެނެނީ ހަޟާނަތާ ގުޅޭ 15 މައްސަލައަކާއި ދަރިންނަށް ޚަރަދު ދިނުމާ ގުޅޭ 6 މައްސަލަކާއި ކުދިން ބެލުމުގައި ޖެހުނު 3 މައްސަލައެކެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ޢުމުރުން ދުވަސްވީ މީހުނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 32 މައްސަލައެއް މިދިޔަ މަހުވަނީ ހުށައަޅާފައެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 21 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 11 މައްސަލައެވެ. ސެޕްޓެމްބަރު މަހު ޖެންޑަރ މިނިސްޓްރީންވަނީ އަމިއްލަ ނަފްސަށް އަނިޔާދިނުމާއި ގުޅޭ 8 މައްސަލައެއްވެސް ބަލާފައެވެ.