ޚަބަރު

ބޮޑު އާބާދީއެއް ހައިހޫނުކަމުގައި، އަނެއްބަޔަކު އިސްރާފުކުރުމުގައި


ކާބޯތަކެތީގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރުމަހުގެ 16ވަނަ ދުވަހެވެ. "ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް" ޚާއްސަ ދުވަހެއްގެ ގޮތުގައި ފާހަގަކުރުމަށް އދ.ގެ ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަންއިން ނިންމި އެއްމެ ބޮޑު އެއް ސަބަބަކީ ދުނިޔޭގެ ބޮޑު އާބާދީއަކަށް ކުރިމަތިވެފައިވާ ހައިހޫނުކަމުގެ މައްސަލަ ނައްތާލާ، އެކަމަށް ދުނިޔޭގެ ސަމާލުކަން އިތުރުކުރުމެވެ.
ކާނާއާއި ދަނޑުވެރިކަމާބެހޭ އދ.ގެ ޖަމިއްޔާއިން ބައިނަލްއަޤްވާމީ ކާބޯތަކެތީގެ ދުވަހެއް ފާހަގަކުރުމަށް ނިންމާފައިވަނީ 1979ގައެވެ. މިކަން އެންމެ ބޮޑަށް ގުޅިގެން ދިޔައީ ފަޤީރުންގެ އާބާދީ އިތުރުވެ ކާނާ ނުލިބި އެތައް ބަލިތަކެއް ދުނިޔޭގައި ފެތުރިގެންދިޔުމާއެވެ.
ތަޣައްޔަރު ފެނާއި، ރައްކާތެރި ނޫން ކާބޯތަކެއްޗާއި ގުޅިގެން 200އަށްވުރެ ގިނަ ބާވަތުގެ ބަލި ޖެހޭކަމަށް ހޯދުންތަކުން ދައްކައެވެ.

މުޅި ދުނިޔެއަށް މިއަހަރު ކުރިމަތިވި ކޯވިޑް-19ގެ ސަބަބުން، ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރަންޖެހިފައިވާ މިންވަރުވަނީ ފެނިފައެވެ. ލޮކްޑައުންގެ ސަބަބުން އެތައް ފެކްޓްރީއެއް ބަންދުކުރަންޖެހުމާއި، އެތައްބައެއްގެ ވަޒީފާ ގެއްލުމާއި، އަދި ކާބޯތަކެތި އެއްޤައުމުން އަނެއް ގައުމަށް ގެންދިއުމުގައި ކުރިމަތިވި ގޮންޖެހުންތަކުންވެސް މިކަން ވަރަށް ބޮޑަށް ހާމަވެގެންދިޔަކަމަށް ކާނާއާއި ދަނޑުވެރިކަމާއިބެހޭ ބައިނަލްއަޤްވާމީ ޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ.އަދި މިކަމުގެ އަސަރު އެންމެ ބޮޑަށްކޮށްފައިވަނީ ފަޤީރު އާއިލާތަކަށްކަމަށްވެސް އެޖަމިއްޔާއިން ބުނެފައިވެއެވެ.

ދުނިޔޭގެ ބައެއް ސަރަޙައްދުތަކުގައި ހައިހޫނުކަން އިންތިހާއަށް އޮތްނަމަވެސް، ވޭތުވެދިޔަ މަދު އަހަރުތަކުގައި ދަނޑުވެރިކަމުން އުފައްދާ ކާނާގެ ބާވަތްތައް ވަރަށްބޮޑަށްވަނީ އިތުރުވެފައެވެ. ކާބޯތަކެތި އުފައްދާ މިންވަރު މާބޮޑަށް އިތުރުވުމާއި ގުޅިގެންވެސް އޭގެ ނޭދެވޭ އަސަރު ފެންނަމުންދާކަމަވެސް ކާބޯތަކެއްޗާއި ބެހޭ ޖަމިއްޔާއިން ބުނެއެވެ. އެގޮތުން އުފައްދާ މިންވަރު އިތުރުވުމުން ކާނާ އުފެއްދުމާއި ބޭނުންކުރުމުގައި އޮންނަންޖެހޭ ބެލެންސް ނެތިގެންދާ ކަމަށް އެޖަމްއިއްޔާއިން ބުނެއެވެ.

އެގޮތުން އެއްބަޔަކު ބަނޑުހައި ހޫނުކަމުގައި އުޅޭއިރު، މާގިނައިން ކާނާ ބޭނުންކުރުމުގެ ސަބަބުން އޮބޭސިޓީފަދަ ސިއްޙީ ބޮޑެތި މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. އަދި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުވުމާއި، ކާބޯތަކެތީގެ އިސްރާފު ބޮޑުވުމާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކުޑަވުމާއި، ދަނޑުވެރިކަމުގެ މަސައްކަތްކުރާ މީހުންނަށް ލިބެންޖެހޭ ފުރިހަމަ ރައްކާތެރިކަން ލިބެންޖެހޭ މިންވަރަށް ނުލިބޭކަމަށް ބައިނަލްއަޤްވާމީ ކާބޯތަކެއްޗާއި ދަނޑުވެރިކަމާއިބެހޭ ޖަމިއްޔާއިން ފާހަގަކުރެއެވެ.

ކޯވިޑް-19ގެ މި ޙާލަތުން އަރައިގަތުމަށް ޤައުމުތަކުން މިހާރު މަސައްކަތް ފަށާފައިވާއިރު، މިއީ ކާބޯތަކެއްޗާއި ގުޅޭ އާ ސިޔާސަތުތައް އެކުލަވާލައި، ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށް އާ ގޮތްތަކަކަށް މަސައްކަތްކުރުމަށް ލިބޭ ފުރުސަތެއްކަމަށް ކާބޯތަކެއްޗާއި ދަނޑުވެރިކަމާއި ބެހޭ ބައިނަލްއަޤްވާމީ ޖަމިއްޔާއިން ބުނެއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖެއިންވެސް މިވަނީ ދަނޑުވެރިކަމާއި، ކާބޯތަކެތީގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްތައް ފަށާފައެވެ. ކާބޯތަކެތި ހޯދުމަށް ބޭރު ޤައުމުތަކަށް ބަރޯސާވާ ބަރޯސާވުން ކުޑަކުރުމަކީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކލްޗަރގެ އެއް އަމާޒެވެ. އެގޮތުން ކޯވިޑްގެ ފުރަތަމަ ދުވަސްތަކުން ފަށައިގެންވެސްވަނީ ރާއްޖޭގައި ދަނޑުގޮވާމުގެ ބާވަތްތައް ހެއްދުމުގެ މުހިންމުކަން މީހުންގެ ސަމާލުކަމަށް ގެނެސްފައެވެ. އަދި އަމިއްލައަށް އުފައްދާ، ފައިދާހުރި ކާނާ ބޭނުންކުރުމަށް މީހުން ހޭލުންތެރިކުރުމުގެ ގޮތުން ސިއްޙަތަށް ފައިދާހުރި ކާނާ ލިބޭ ގަސްތައް ރަށްރަށުގައި އާލާކުރުމުގެ ޕްރޮގްރާމެއްވެސް މިހާރުވަނީ ފަށާފައެވެ.

އަދި އަލަށް މިދާއިރާއަށް ނިކުންނަން ބޭނުންވާ މީހުންނަށް ފުރުޞަތު ހޯދައިދިނުމާއި، ދަނޑުވެރިކަމަށް މީހުން ހޭލުންތެރިކޮށް މި ދާއިރާއަށް މީހުންގެ ޝަޢުގު އުފެއްދުމަށްވެސްދަނީ ގިނަ މަސައްކަތްތައްކުރަމުންނެވެ. މީގެއިތުރަށް މަސްވެރިކަމާއި، ގެރިބަކަރިއާއި ކުކުޅު ފަދަ ތަކެތި ގެންގުޅެ އެއިން މަންފާ ހޯދުމަށް ބާރުއެޅުމަށްވެސް މިނިސްޓްރީއިންދަނީ މަސައްކަތްކުރަމުންނެވެ. މިފަދަ މަސައްކަތްތަކަށް އެހީވުމަށް މިނިސްޓްރީން މިހާރުވެސް ފުރުސަތުތައް ހުޅުވާލާފައިވާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.