ޚަބަރު

އިންތިޚާބު ނާކާމިޔާބުވެއްޖެނަމަ ޕާޓީ ލީޑަރުކަމުން އިސްތިޢުފާ ދޭނަން: ބޮޑުވަޒީރު އާޑަރން


ކުރިއަށް އޮތް ނިއު ޒީލެންޑުގެ ޢާންމު އިންތިޚާބު ނާކާމިޔާބުވެވަޑައިގެންފިނަމަ ލޭބާ ޕާޓީގެ ލީޑަރުކަމުން އިސްތިޢުފާ ދެއްވާނެކަމަށް އިތުރު ދަޢުރަކަށް ކުރިމަތިލައްވާފައިވާ އެ ޤައުމުގެ ބޮޑުވަޒީރު ޖަސިންޑާ އާޑަރން ވިދާޅުވެއްޖެއެވެ. ބޮޑިވަޒީރު އާޑަރން އެހެން ވިދާޅުވީ އާންމު އިންތިޚާބުގެ ކުރިން ބާއްވާ ފަހު ބަހުޘްގައި ވާހަކަ ދައްކަވަމުންނެވެ.

އޮކްޓޯބަރު މަހުގެ 17ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ނޭޝަނަލް ޕާޓީގެ ލީޑަރު ޖޫޑިތު ކޮލިންސާ ވާދަކުރައްވާ ކާމިޔާބީ ހޯއްދަވާނީ ބޮޑުވަޒިރު އާޑަރންކަމަށް ދިރާސާތަކުން ދައްކައެވެ. ނިއު ޒީލެންޑުގައި ކޯވިޑް-19 ފެތުރުން އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ޢާންމުންގެ މެދުގައި އެކަމަނާގެ މަޤުބޫލުކަންވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އޭގެ އިތުރުން މިދިޔަ އަހަރު އެ އެ ޤައުމުގެ ކްރައިސްޓްޗަރޗުގެ މިސްކިތްތަކަށް ދޮން ނަސްލުގެ މީހުންނަކީ އެހެން އިންސާނުންނަށްވުރެ މޮޅު ބައެއްކަމުގައި ޤަބޫލުކުރާ 'ވައިޓު ސުޕްރީމިސްޓަކު' ޙަމަލާ ދިނުމުންނާއި ނުރައްކާތެރި އަލިފާން ފަރުބަދައެއް ގޮވުމުން އެކަމަނާ ޢަމަލުކުރައްވާފައިވާ ގޮތަށް ޢާންމުންގެ ތަޢުރީފުވަނީ ލިބިވަޑައިގެންފައެވެ.

ދިރާސާތަކުން ދައްކާގޮތުގައި އާޑަރންގެ ލޭބާ ޕާޓީ އޮތީ އިދިކޮޅު ނޭޝަލަން ޕާޓީއަށްވުރެ ފަނަރަ ޕޮއިންޓު ކުރީގައެވެ. އޭގެ މާނައަކީ ލޭބާ ޕާޓީއަށް ކާމިޔާބުކުރެވޭނީ ޤާނޫނުހަދާ މަޖިލީހުގެ 59 ގޮނޑިއެވެ. އަމިއްލަ ސަރުކާރެއް އުފެއްދުމަށް 61 ގޮނޑި ކާމިޔާބުކުރަންޖެހޭނެއެވެ. 61 ގޮނޑި ކާމިޔާބު ނުކުރެވިއްޖެނަމަ ވެރިކަންކުރަންޖެހޭނީ އިއްތިޙާދެއްގެ ތެރެއިންނެވެ. ލޭބާ ޕާޓީއާއެކު އިއްތިޙާދެއް ޤާއިމްކޮށް މަސައްކަތްކުރާނެކަމަށް އެންމެ ބޮޑަށް ބެލެވޭ ގްރީން ޕާޓީއިން 11 ގޮނޑި ކާމިޔާބުކުރާނެކަމަށް ޤަބޫލުކުރެވެއެވެ. ދެ ޕާޓީ ގުޅިއްޖެނަމަ އުފެދޭ ސަރުކާރު ވެގެންދާނީ 1999ވަނަ އަހަރުން ފެށިގެން ވައަތު ފިޔައިގެ ސަރުކާރެއް ނިއު ޒީލެންޑުގައި ވެރިކަންކުރާ ފުރަތަމަ ފަހަރަށެވެ.