ޚަބަރު

ޓްރަމްޕްގެ ހަގު ދަރިކަލުންނަށްވެސް ކޯވިޑް-19 ޖެހުނު: މެލާނިޔާ


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހަގު ދަރިކަލުންނަށް ކޯވިޑް-19 ޖެހުނުކަމަށާއި ނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް އޭނާގެ ކިބައިން ފެނިފައިނުވާކަމަށް ޓްރަންޕްގެ އަނބިކަނބަލުން މެލާނިޔާ ޓްރަމްޕް ވިދާޅުވެއްޖެއެވެ. އުމުރުން 14 އަހަރުގެ ބެރޮން ޓްރަމްޕަށް ކޯވިޑް-19 ޖެހުނުކަން މެލާނިޔާ އިޢުލާނުކުރެއްވީ އޮކްޓޯބަރު މަހުގެ 14ވަނަ ދުވަހުގައި ނެރުއްވި ބަޔާނެއްގައެވެ.

އޮކްޓޯބަރު މަހުގެ 2ވަނަ ދުވަހު ރައީސް ޓްރަންޕާއެކު ކޯވިޑް-19އަށް ޕޮސިޓިވް ވެފައިވާކަމަށް އިޢުލާނުކުރެއްވި މެލާނިޔާއަށް ބަލިޖެހުމުން ކުރެވުނު ތަޖުރިބާއާ ގުޅޭގޮތުންވެސް އެކަމަނާވަނީ ވާހަކަދައްކަވާފައެވެ. އެގޮތުން އެކަމަނާއަށް ތަޖުރިބާ ކުރެވުނީ ބަލީގެ ވަރަށް ކުދި އަލާމާތްތަކެއްކަމަށާއި ގައިގައި ރިއްސުމާއި ކެއްސުމާއި ބޮލުގައި ރިއްސުން އިހުސާސު ކުރެވުނުކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ގިނަ ވަގުތު ވަރަށް ބޮޑަށް ވަރުބަލިވެވަޑައިގެންކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. ނަމަވެސް މެލާނިޔާއާއި ބެރޯންއާއި ދެމައިންވެސް މިހާރު ބަލިން ފަސޭހަވެފައިވާކަމަށް ބަޔާނުގައިވަނީ ބުނެފައެވެ.

ރައީސް ޓްރަމްޕްގެ ފުރާވަރު އުމުރުފުރައިގެ ދަރިކަލުންނަށް ކޯވިޑް-19 ޖެހުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބަލިން ފަސޭހަވެ އަލުން ކެންޕެއިނަށް ނިކުންނަވާފައިވާ ރައީސް ޓްރަމްޕް ވިދާޅުވީ އެމަނިކުފާނުގެ ދަރިކަލުންނަށް ކޯވިޑް-19 ޖެހި ޙާލުބޮޑު ނުވުމަކީ ބަންދުކޮށްފައިވާ މަދަރުސާތައް ވީ އެންމެ އަވަހަކަށް އަލުން ހުޅުވަންޖެހޭކަމުގެ ހެއްކެއްކަމަށެވެ. އެމަނިކުފާނު އެހެން ވިދާޅުވީ އައޯވާގައި ބޭއްވި ކެމްޕެއިނު ޙަރަކާތެއްގައި ވާހަކަދައްކަވަމުންނެވެ. ޓްރަމްޕް ވިދާޅުވީ ޚުދު ބެރޮންއަށްވެސް ކޯވިޑް-19 ޖެހިފައިވާކަމަށް ނޭނގުން އެކަށީގެންވާކަމަށާއި ބޮޑުވަމުން އަންނަ ކުދިންގެ ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރަށް ވަރުގަދަވާނެކަމަށެވެ.

ބަލިޖެހޭ ކުދިންގެ ތެރެއިން 99.9 އިންސައްތަ ކުދިން ބަލިން ފަސޭހަވާކަމަށް އޭނާ ވިދާޅުވިއެވެ. އެމަނިކުފާނުގެ ދަރިކަލުންވެސް ބަލިޖެހުނުތާ 'ހިނދުކޮޅޭއް ތެރޭގައި' ބަލިން ރަނގަޅުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ދަރިވަރުން އަނބުރާ މަދަރުސާއަށް ފޮނުވަންޖެހޭކަމަށް ރައީސް ޓްރަމްޕް ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން ޙާލަތު އެންމެ ގޯސްވެފައިވާ ޤައުމުގެ ގޮތުގައި އޮތީ އެމެރިކާއެވެ. އެ ޤައުމުގައި މިހާތަނަށް 8،150،838 މީހުންނަށް ކޯވިޑް-19ޖެހި 221،850 މީހުންވަނީ މަރުވެފައެވެ. ޓްރަމްޕް މީގެ ކުރިންވަނީ ކޯވިޑް-19އަކީ ނުރައްކާތެރި ބައްޔެއް ނޫންކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ބަލިފެތުރުން ހުއްޓުވުމަށް އަޅާ ގައިދުރުކުރުމުގެ ފިޔަވަޅުތަކަށް ޢަމަލުނުކުރައްވާ ޞިއްޙީ މާހިރުންގެ ލަފަޔަށް ފަރުވާލެއް ނުބަހައްޓަވާ ބޭފުޅެއްގެ ގޮތުގައި ރައީސް ޓްރަންޕުވަނީ ފާހަގަވެފައެވެ. މާސްކު ބޭނުންކުރުމާއި ދެކޮޅަށްވެސް އެކި ފަހަރުމަތިން އެމަނިކުފާނުވަނީ ވާހަކަދައްކަވާފައެވެ. އޭގެ އިތުރުން އިޤުތިޞާދީ ޙަރަކާތްތައް އަލުން ފަށައި މަދަރުސާތައް ހުޅުވުމަށް އެމަނިކުފާނުދަނީ ބާރުއަޅުއްވަމުންނެވެ. ނަމަވެސް މުދައްރިސުންގެ ޔޫނިއަންތަކުންދަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. މަދަރުސާތައް ހުޅުވުމުން ކުދިންގެ ފަރާތުން މުދައްރިސުންނަށް ބަލިޖެހުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށް އެފަރާތްތަކުންދަނީ ފާހަގަކުރަމުންނެވެ.