ސިއްހަތު

ކޯވިޑް-19 : އައި.ޖީ.އެމް.އެޗްއިން މެދުކަނޑާލި ބައެއް ޚިދުމަތްތައް މިމަހުގެ 19ގައި އަލުން ފަށަނީ


އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުން ދެމުންދާ އޯ.ޕީ.ޑީތަކާއި އެހެނިހެން ޚިދުމަތްތަކަށް މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން ބަދަލު ގެނައުމަށް ނިންމާފައިވާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

އައި.ޖީ.އެމް.އެޗްއިން ވިދާޅުވީ، މި ބަދަލުތައް ގެނައުމަށް ނިންމާފައިވަނީ ކޯވިޑް-19ގެ ސަބަބުން އެޗް.ޕީ.އޭ އިން އެޅުއްވި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ގެނެވުނު ލުއިތަކާއިއެކުގަިކަމަށެވެ.

އެގޮތުން އޮންލައިން އޯ.ޕީ.ޑީގެ އިތުރުން ހޮސްޕިޓަލުގެ އޯ.ޕީ.ޑީގައި ޑޮކްޓަރުން ބަލިމީހުން ބައްލަވާނީ ހެނދުނު 09:00 އިން 12:00 އަށް އަދި މެންދުރުފަހު 13:00 އިން 16:00 އަށްކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. އަދި ޓެލެފިޒިއޯ ކްލިނިކްތަކުގެ އިތުރުން ބަލިމީހުން ގެނެސްގެން ދެވޭ ފިޒިއޮތެރަޕީގެ ހިދުމަތްދިނުން ހުކުރުދުވަސް ފިޔަވައި ހުރިހާ ދުވަހެއްގެ 09:00 ން 16:00 އަށް ކުރިއަށް ގެންދެވޭނެކަމަށްވެސް އައި.ޖީ.އެމް.އެޗްއިން ވިދާޅުވެއެވެ.

އޮންލައިންކޮށް ހިންގޭ ސްޕީޗް ތެރަޕީ ކްލިނިކްތަކުގެ އިތުރުން ބަލިމީހުން ގެނެސްގެން ދެވޭ ސްޕީޗް ތެރަޕީ ޚިދުމަތްދިނުން ހުކުރުދުވަސް ފިޔަވާ ހުރިހާ ދުވަހެއްގެ 09:00 ން 16:00 އަށް ކުރިއަށް ގެންދިއުމަށްވެސް އައި.ޖީ.އެމް.އެޗްއިން ވަނީ ނިންމާފައެވެ. އަދި ޑައިޓެޓިކްސްގެ އޮންލައިން ކްލިނިކް ހުކުރުދުވަސް ފިޔަވާ ހުރިހާ ދުވަހެއްގެ 09:00 ން 13:00 އަށް ކުރިއަށް ގެންދެވޭނެކަމަށާއި، ހަފުތާއަކު ދެ ދުވަހު ބަލިމީހުން ގެނެސްގެން ހިންގޭ ޑައެޓެޓިކްސް ކްލިނިކް ހިންގޭނެކަމަށްވެސް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއްވައެވެ.

އައި.ޖީ.އެމް.އެޗްގައި ދުރާލާ ރާވައިގެން ކުރަމުންގެންދާ އޮޕަރޭޝަންތައް މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން ވަނީ ކުރަން ފަށާފައެވެ. އައި.ޖީ.އެމް.އެޗްއިން ވިދާޅުވީ، ކުރިއެކޭވެސް އެއްފަދައިން ރޭޑިއޯލޮޖީ ޑިޕާޓްމަންޓުގެ ޚިދުމަތްތައް ހުކުރުދުވަސް ފިޔަވާ ހުރިހާ ދުވަހެއްގެ 09:00 ން 16:00 އަށް ކުރިއަށް ގެންދެވޭނެއެވެ. އަދި ލެބޯޓްރީ ޓެސްޓްތައް ހެދުންވެސް ހުކުރުދުވަސް ފިޔަވާ ހުރިހާ ދުވަހެއްގެ 08:00 ން 16:00 އަށް ކުރިއަށްގެންދާނެކަމަށެވެ.

މި ބަދަލުތަކާއެކުވެސް ކުރިއެކޭ އެއްފަދައިން އިމަޖެންސީގެ ޚިދުމަތްތައް 24 ގަޑިއިރު މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވޭނެކަމަށް އައި.ޖީ.އެމް.އެޗްއިން ވިދާޅުވެއެވެ. ކޯވިޑް-19ގެ ސަބަބުން އެޗް.ޕީ.އޭ އިން އެޅުއްވި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ގެނެވުނު ނަމަވެސް، އެނދުމަތިކުރެވިފައިވާ ބަލިމީހުންނާއިއެކު 1 (އެކެއް) އެހީތެރިޔަކަށްވުރެ އިތުރަށް މަޑު ނުކުރުމަށާއި، ބަލިމީހުންނަށް ޒިޔާރަތް ނުކުރުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ކުޑަކުދިންނާއި އުމުރުން ދުވަސްވީބޭފުޅުން ކޮންމެހެން މަޖުބޫރު ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށްވެސް އައި.ޖީ.އެމް.އެޗްއިން ވިދާޅުވެފައިވެއެވެ.