ވިޔަފާރި

އިންޑިގޯ އެއަރލައިނުން މުމްބާއީ އާއި ރާއްޖެއާ ދެމެދު ޝެޑިއުލް ދަތުރުތައް އަލުން ފަށައިފި


އިންޑިގޯ އެއަރލައިނުން އިންޑިއާގެ މުމްބާއީ އާއި ރާއްޖެއާ ދެމެދު ޝެޑިއުލް ދަތުރުތައް އަލުން ފަށައިފިއެވެ.

އިންޑިގޯ އެއަރލައިނުން ވަނީ އިންޑިއާގެ މުމްބާއީއާ ރާއްޖެއާ ދެމެދު ހަފްތާއަކު ދެ ދަތުރު ކުރުމަށް ނިންމާފައެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެވެސް ބުރާސްފަތި އަދި އާދީއްތަ ދުވަހު އެއަރލައިނުގެ ދަތުރުތައް އިންޑިއާގެ މުމްބާއީއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޯވިޑް-19އާ ގުޅިގެން އިންޑިގޯ އެއަރލައިން ރާއްޖެއަށް ބާއްވަމުން އައި ދަތުރުތައް ހުއްޓާލުމަށްފަހު އަލުން ދަތުރުތައް ފަށާފައިވަނީ ސެޕްޓެމްބަރުމަހުގެ 3 ވަނަ ދުވަހުއެވެ. މިއާ އެކު އިންޑިގޯއިން ދަނީ އިންޑިއާގެ ކޮޗިން އާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ދެމެދު ހަފްތާއަކު ތިން ދަތުރުކުރަމުންނެވެ.

އިންޑިގޯއިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފުރަތަމަ ފަށާފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން އިންޑިގޯއިން ކޮންމެ ހަފްތާއަކު އިންޑިއާގެ މުމްބާއީ، ކޮޗިން އަދި ބެންގަލޫރުއާއި ރާއްޖެއާއި ދެމެދު ފަސް ފްލައިޓް ދިޔައީ އޮޕަރޭޓްކުރަމުންނެވެ. ނަމަވެސް ކޯވިޑް-19އާ ގުޅިގެން އިންޑިއާގެ އަދި ރާއްޖޭގެވެސް ބޯޑަރު ބަންދުކުރުމާއެކު އިންޑިގޯގެ ދަތުރުތައް އޮތީ ހުއްޓާލާފައެވެ.

އިންޑިގޯއަކީ އިންޑިއާގެ އެންމެ ބޮޑު އެއް ބަޖެޓް އެއަރލައިނެވެ. އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 10 މަންޒިލްގެ ތެރެއިން އެންމެ ކުރީގައި އުޅޭ އެއް މަންޒިލެވެ.