ވިޔަފާރި

އިޓަލީގައި ކުރިއަށްދާ "ޓީ.ޓީ.ޖީ ޓްރެވަލް އެކްސްޕީރިއަންސް" ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ


އިޓަލީގެ ރިމިނީގައި ކުރިއަށްދާ "ޓީ.ޓީ.ޖީ ޓްރެވަލް އެކްސްޕީރިއެންސް" ފެއަރގައި އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ބައެއް ކުންފުނިތަކުން ބައިވެރިވެއްޖެއެވެ.

މިއީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވިފަހުން، ބޭރުޤައުމެއްގައި ކުރިއަށްދާ ފަތުރުވެރިކަމުގެ ފެއަރއެގައި ރާއްޖެއިން ޓީމެއްގޮސް ބައިވެރިވި ފުރަތަމަ ފެއަރއެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްދާ މިފެއަރގައި މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީއާއެކު ސަން ސިޔާމް ރިސޯޓްސް އަދި ވޮޔެޖަސް މޯލްޑިވްސްއިން ވަނީ ބައިވެރިވެފައެވެ.

މި ފެއާގައި ރާއްޖޭގެ ތަމްސީލުކުރާނީ 32 އަކަމީޓަރުގެ ސްޓޭންޑެއްގައެވެ. މި ސްޓޭންޓު ފަރުމާކޮށްފައިވަނީ ރާއްޖޭ ގުދުރަތީ ރީތިކަން ދައްކައިދޭގޮތަށް ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ.

ޓީޓީޖީ އަކީ އިޓަލީގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރތަކުގެ ތެރޭގައި ހިމެނޭ ފެއަރއެކެވެ. އެގޮތުން މިދިޔަ އަހަރު މިފެއަރގައި 90އަށްވުރެ ގިނަ ޤައުމުން 2،131 އެގްޒިބިޓަރުން ބައިވެރިވެފައިވެއެވެ. އަދި މިފެއަރއަށް 44،000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވެއެވެ.

މި ފެއަރ މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ މައުލޫމާތު އިޓަލީ މީހުންނަށް ދެވޭނެއެވެ. އެގޮތުން ކޯވިޑް-19ގެ ހާލަތުގައިވެސް ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްކަމާއި ރާއްޖެއިން މިހާލަތުގައި އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭ މައުލޫމާތުތައް އިޓަލީގެ ފަތުުރުވެރިންނަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އިޓަލީއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުޙިއްމު ޤައުމެކެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ތިންމަސްދުވަސްތެރޭ އެޤައުމުން ރާއްޖެއަށް 52،848 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާ ބަލާއިރު 11.7 އިންސައްތަ އިތުރު އަދަދެކެވެ.