ދުނިޔެ

ޢަދަދު އިތުރުވާ ވަރަކަށް މަރުވާ މީހުންގެ ޢަދަދު އިތުރުވާނެ

ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު އިތުރުވާވަރަކަށް ބަލީގައި މަރުވާ މީހުންގެ ޢަދަދުވެސް އިތުރުވާނެކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން ހަނދާންކޮށްދީފިއެވެ.

ދުނިޔޭގެ ސަރަޙައްދުތަކުގައި މިހާތަނަށް 38 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހި 1.1 މިލިއަން މީހުންވަނީ މަރުވެފައެވެ. މިދިޔަ އޭޕްރިލް މަހު ދުވާލަކު 7،500އަށްވުރެ ގިނަ މީހުން ކޯވިޑް-19ގެ ސަބަބުން މަރުވަމުންގޮސް އެ ޢަދަދު މިހާރުވަނީ ދުވާލަކު 5،000 މަރަށް ދަށްވެފައެވެ. ވިލާތުގައި ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދުވަނީ 100،000 އިތުރުވެފައެވެ. އޭގެ ތެރެއިން 20،000 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހެނީ އިނގިރޭސިވިލާތުގައެވެ. އިޓަލީވިލާތާއި ސްވިޒަލޭންޑާއި ރަޝިޔާގައިދަނީ ރެކޯޑު ޢަދަދަކަށް މީހުންނަށް ބަލިޖެހެމުންނެވެ.

ޑަބްލިއުއެޗުއޯގެ އެންމެ އިސް ސައިންސުވެރިޔާ، ސައުމްޔާ ސްވާމިނަތަން ވިދާޅުވީ މަރުވާ މީހުންގެ ޢަދަދު ދަށަށްދާ ނަމަވެސް ޙާލު ބޮޑުވެގެން އައިސީޔޫގައި ފަރުވާދޭންޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާކަމަށެވެ.

މީސްމީޑިޔާ މެދުވެރިކޮށް ޑަބްލިއުއެޗުއޯއިން ބޭއްވި ޙަރަކާރެއްގައި ވާހަކަދައްކަވަމުން ސްވާމިނަތަން ވިދާޅުވީ މަރުވާ މީހުންގެ ޢަދަދު ޢާންމުކޮށް އިތުރުވާން ފަށަނީ ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާތާ ދެތިން ހަފުތާ ފަހުންކަމަށެވެ. އެހެންކަމުން މަރުވާ މީހުންގެ ޢަދަދު ދަށްވާކަމަށް ދެކި ފަރުވާކުޑަކޮށްގެން ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކޯވިޑާއި ދެކޮޅަށް ވެކްސިނެއް ތައްޔާރުކުރުމަށް އެތައް ތަހުލީލުތަކެއް ކުރިއަށްދެއެވެ. މި އަހަރުގެ ތެރޭގައި ވެކްސިން ދޭން ފެށޭނެކަމުގެ އުންމީދު ބޮޑުވެފައިވީ ނަމަވެސް ގިނަ ޢަދަދެއްގެ މީހުންނަށް އަވަސް މުސްތަގުބަލެއްގައި ވެކްސިން ދިނުމަކީ ނާދިރުކަމެއްކަމަށް ސްވާމިނަތަން ވިދާޅުވިއެވެ. ވެކްސިނެއް ތައްޔާރުވުމުން އެ ވެކްސިން ދޭނެ ތަރުތީބެއް އޮންނަންވާނެކަމަށް އޭނާ ވިދާޅުވިއެވެ. އެންމެ ފުރަތަމަ ވެކްސިން ދޭންވަނީ ޞިއްޙީ ޚިދުމަތްތެރިންނަށާއި ކުރީ ސަފުގައި މަސައްކަތްކުރާ މަސައްކަތްތެރިންނަށްކަމަށް ގިނަ މީހުން އެއްބަސްވާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އޭގެ ތެރެއިންވެސް ބަލީގެ ހިރާސް އެންމެ ބޮޑީ ކޮން ބަޔަކަށްތޯ ދެނެގަނެ އެމީހުންނަށް ވެކްސިން ދީ، އުމުރުން ދުވަސްވީ މީހުންނަށް އިސްކަން ދޭންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ޞިއްޙަތު ރަނގަޅު ޒުވާނަކަށް ވެކްސިން ލިބުމަށް 2022ވަނަ އަހަރާ ހަމައަށް މަޑުކުރަން ޖެހިދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޑަބްލިއުއެޗުއޯއިންވަނީ މުޖުތަމަޢުތައް ބަލިން ރައްކާތެރިކުރުމަށް 'ހާޑް އިމިއުނިޓީ' ހާޞިލްކުރުމަށް މީހުންނަށް ބަލިޖެހެން ދޫކޮށްލެވެން ނެތްކަމަށް ބުނެފައެވެ. އެގޮތަށް ޢަމަލުކޮށްފިނަމަ ގިނަ ޢަދަދެއްގެ މީހުން މަރުވާނެކަމަށާއި އޭގެ ބަދަލުގައި ގިނަގިނައިން އަތް ދޮވުމާއި އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމާއި މާސްކު ބޭނުންކުރުމަކީ ބަލިފެތުރުން ހުއްޓުވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅުތައްކަމަށްވަނީ ބުނެފައެވެ.

ސްވާމިނަތަން ވިދާޅުވީ ހާޑް އިމިއުނިޓީއާ ގުޅޭގޮތުން ވާހަކަ ދައްކަންވާނީ ވެކްސިނެއް ދިނުމާއި ގުޅުވައިގެންކަމަށާއި ބަލި ފެތުރުން ހުއްޓުވުމަށް އާބާދީގެ 70 އިންސައްތަ މީހުންނަށް ވެކްސިން ދިނުމަކީ ކޮންމެހެން މުހިންމުކަމެއްކަމަށެވެ.