ސިޔާސީ

ނަޝީދުގެ މައްސަލަ ސްޕްރީމް ކޯޓުގައި ޕީޖީއިން އިސްތިއުނާފް ކޮށްފި


ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފުކުރުމަށް ދައުލަތުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލާފައިވާތީ، އެ މައްސަލަ ޕީޖީ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ ގާނޫނު އަސާސީގެ 223 ވަނަ މާއްދާއިން ބާރު ލިބިގެން ކަމަށެވެ.ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމުގެ ހައްގު ރައީސް ނަޝީދަށް އޮތް ކަމަށް ހައިކޯޓުން ކަނޑައެޅިއިރު، އެމަނިކުފާނުގެ ފަރާތްޕުޅުން އެ މައްސަލަ އިސްތިއުނާފު ކޮށްފައިނުވާ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ނަޝީދުގެ އިސްތިއުނާފު މައްސަލަ ބަލައިގަތުމުގެ ހުއްދަ ދެވެންނެތްކަމަށް ނިންމި ނިންމުން ދިރާސާކުރިއިރު، އެނިންމުމަށް ވާސިލުވުމަށްޓަކައި ހައި ކޯޓުން ޤާނޫނު ތަޠްބީޤްކޮށްފައި ވަނީ އެންމެ ރަނގަޅަށް ކަމަށް އެއޮފީހުން ނުދެކޭކަމަށެވެ.ހަމައެހެންމެ ޕީޖީ އޮފީހުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލާގައި ބައިވެރިވެ އިސްތިއުނާފު ކުރިއަށްގެންދިޔުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އެއްބާރުލުންދީފައި ނުވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.އެ ބަޔާނުގައި ވަނީ މުއްތަހަމުންގެ މައްޗަށް ކޯޓުތަކުން އިއްވާ ހުކުމްތައް ރަނގަޅުގޮތުގައި ދެމިއޮތުން ކަށަވަރުކުރުމަކީ ޝަރުޢީ ނިޒާމުގެ ޒިންމާއެއް ކަމަށާއި އެހެންކަމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ޝަރީއަތުގެ އިޖުރާއީ އިންސާފާ ބެހޭގޮތުން ބައެއްކަންކަން ފާހަގަކޮށްފައިވާނެ ކަމަށެވެ.ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ދިރާސާކުރާއިރު އެނުކުތާތައް އެންމެ ރަނގަޅު ގޮތުގައި ނެގެހެއްޓިފައި ނުހުރެދާނެކަމަށްފެންނާތީ، ސްޕްރީމްކޯޓަށް ހުށަހެޅިފައިވާ އިލްތިމާސް ބައްލަވައި، ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރައްވާފައިވާ ޙުކުމާއިމެދު ސްޕްރީމް ކޯޓުން ގޮތެއް ނިންމަވާނެކަމަށް އުންމީދު ކުރާކަމަށް ޕީޖީއޮފީހުގެ ބަޔާނުގައިވެއެވެ.