ޚަބަރު

މޯލްޑިވިއަނުން އެކަނިވެސް، ބަންގްލަދޭޝްގެ 7000އަށްވުރެ ގިނަ މީހުން ފޮނުވާލައިފި


ދިވެހި ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓުތަކުގައި އެކަނިވެސް މިހާތަނަށް 7000އަށްވުރެ ގިނަ ބަންގްލަދޭޝް މީހުން ޤައުމަށް ފޮނުވާލާއިފިއެވެ. މިއަދުވެސް ވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައި 200 ބަންގްލަދޭޝްގެ މީހުން އެ ޤައުމަށް ފޮނުވާލާފައެވެ.

ކޯވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންނާއި ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ފޮނުވާލުމުގެ މަސައްކަތުގެ ދަށުން މިހަތަނަށް މޯލްޑިވިއަނުން ވަނީ 40 ދަތުރުކޮށްފައެވެ. އަދި މިދަތުރުތަކުގައި މިހާތަނަށް ބަންގްލަދޭޝްގެ 7732 މީހުންވަނީ ފޮނުވާލާފައެވެ.

އިމިގްރޭޝަނުގެ ތަފާސްހިސަބުތައް ދައްކާގޮތުން މިހާތަނަށް އެކި ޤައުމުތަކަށް ނިސްބަތްވާ މީހުން ފޮނުވާލުމަށް އެޤައުމުތަކުގެ ސަރުކާރުތަކާ ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި އަށާރަ ހާހަށްވުރެ ގިނަ ބިދޭސީއަކުވަނީ ޤައުމަށް ފޮނުވާލާފައެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމޭއިރު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ޤަވާއިދާ ޚިލާފަށް ލިޔެކިޔުމެއްނެތި ތިބި މީހުންގެ ތެރެއިން ވިހި ހާސް މީހުން އަނބުރާ ޤައުމަށް ފޮނުވާލުމެވެ. ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ޢަދަދު ފަސްދޮޅަސް ހާހަށް ވުރެ އިތުރުކަމަށް ސަރުކާރުން ހާމަކުރައްވައެވެ.

ޤަވާއިދާ ޚިލާފަށް ލިޔެކިޔުން ނެތި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ބޮޑުވެ އިޖުތިމާޢީ ގިނަ މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ. ބިދޭސީންގެ މައްސަލަ ބޮޑުވެ މިމައްސަލަ ޙައްލުކުރުމަށް ސަރުކާރުން އަންނަނީ އެމީހުން ނިސްބަތްވާ ޤައުމުތަކާ ގުޅިގެން އެމީހުން ޤައުމަށް ފޮނުވާލުމުގެ މަސައްކަތްކުރަމުންނެވެ. އަދި ރާއްޖެއަށް އެތެރެވުމުގައި ހަރުދަނާ ނިޒާމެއްގެ ތެރެއިން ބިދޭސީންގެ ކަންކަން ބެލޭނެ އިންތިޒާމުތަކެއް ހަމަޖައްސައި އެކަމަށް ޚާއްސަ އުސޫލުތައް އަންނަނީ އެކުލަވާލަމުންނެވެ.