ސިޔާސީ

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދަށް ދަޢުވާކުރަން ފޮނުވައިފި


ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން މަޤާމުން ވަކިކުރައްވާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ މައްސަލައިގެ ތަހްޤީޤު ނިންމައި ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން ވިދާޅުވީ، ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުޙުމަތުކުރެވޭ މައްސަލައިގެ ތަޙްޤީޤުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ކުރެވުނު މަޝްވަރާތަކާ އެއްގޮތަށް އިސްލާޙުކޮށް، މިމަހުގެ 7 ވަނަ ދުވަހު ޕީޖީ އޮފީހަށް މައްސަލައިގެ ލިޔެކިޔުންތައް ޙަވާލުކޮށްފައިވާކަމަށެވެ. ނަމަވެސް އިތުރު ތަފްޞީލެއް ފުލުހުން ދެއްވާފައެއް ނުވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ކުރީގެ މިނިސްޓަރ ޢަލީ ވަޙީދު ޖިންސީ އަނިޔާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އޭނަގެ ގެ ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ. އަދި މިހާތަނަށް 15 މީހެއްގެ ބަޔާން ނަގާފައިވާއިރު، ކުރީގެ މިނިސްޓަރ ޢަލީ ވަޙީދުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލާގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިނުވާ ފުލުހުންވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މި މައްސަލައިގެ ތަހުޤީގަށް ސުވާލުކުރުމަށް ޢަލީ ވަހީދު ވަނީ ފުލުހުންގެ ޢިދާރާއަށްވެސް ހާޒިރުކޮށްފައެވެ. މީގެ އިތުރުން މިމައްސަލައާއި ގުޅޭ އިތުރު ހެކި ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށްވެސް ފުލުހުން ކުރިން ވިދާޅުވެފައިވެއެވެ.

މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓޫރިޒަމް މިނިސްޓްރީގައި ހިންގާފައިވާކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ހުށަހެޅުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު އިސްތިއުފާދެއްވުމަށް އަންގަވައި އިސްތިއުފާ ނުދެއްވުމުން ރައިސުލްޖުމްހޫރިއްޔާ ވަނީ އޭނާ ވަޒީރުކަމުން ވަކިކުރައްވާފައެވެ.