ޚަބަރު

ކޮމަންވެލްތަކީ ކުދި ޤައުމުތަކުގެ އަޑު އިއްވާ، އެ އަޑު އަހާ ޖަމްޢިއްޔާއެއް - މިނިސްޓަރ ޝާހިދު


ކޮމަންވެލްތަކީ ކުދި ޤައުމުތަކުގެ އަޑު އިއްވާ، އެ އަޑު އަހާ ޖަމްޢިއްޔާއެއްކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ، ދިވެހިރާއްޖެއިން ކޮމަންވެލްތާއި އަލުން ގުޅުމަށްފަހު ބޭއްވި އެޖަމްޢިއްޔާގެ ޚާރިޖީ ވަޒީރުންގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު މެންދުރުފަހު ވަރޗުއަލްކޮށް ބޭއްވެވި މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި އަލުން އަނބުރާ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ވުމަށް ދިވެހިރާއްޖެއިން ކުރި މަސައްކަތަށް ކޮމަންވެލްތުގެ މެމްބަރު ޤައުމުތަކުންނާއި، އަދި ސެކްރެޓަރީ ޖެނެރަލް ކުރެއްވި މިންނެތް މަސައްކަތް ފާހަގަކުރައްވައި، ޝުކުރު އަދާކުރެއްވިއެވެ. އަދި ކޮމަންވެލްތަކީ ކުދި ޤައުމުތަކުގެ އަޑު އިއްވާ، އެ އަޑު އަހާ ޖަމްޢިއްޔާއެއްކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ކޮމަންވެލްތު ވަލްނަރަބަލިޓީ އިންޑެކްސްއަށް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭކަން ފާހަގަކުރައްވައި، މި ބަލިމަޑުކަމުގެ ސަބަބުން ކުދި ޤައުމުތަކަށް ލިބުނު ގެއްލުންތަކާއި، މޫސުމީ ބަދަލުތަކަށް ރިޢާޔަތްކުރެވޭ ގޮތްތައް ވަރަށް އަވަހަށް ފެނިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. މީގެ އިތުރުން މެދުފަންތީގެ އާމްދަނީ ލިބޭ ޤައުމުތަކަށް ކޯވިޑް-19ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތައް އިތުރުކަމަށާއި، އެޤައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ފަސޭހަ މަގުތަކެއް ހޯދަން ޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ ކޮމަންވެލްތުން މެމްބަރު ޤައުމުތަކަށް އެހީތެރިވުމުގެ ގޮތުން ޑިޒާސްޓަރ ރިސްކް ފައިނޭންސް ޕޯޓަލްއެއް ޤާއިމްކުރިކަމާއި، ބައިނަލްއަޤްވާމީ މާލީ ބާޒާރުން މެމްބަރު ޤައުމުތަކަށް ފުރުޞަތު ހޯދައިދިނުމަށް މަސައްކަތް ކުރިކަން ފާހަގަކުރައްވާފައެވެ. އަދި ކޮމަންވެލްތާއެކު ކުރިއަށް އޮތްތަނުގައި ދިވެހިރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރާނެކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރުއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ވައުދުފުޅާ އެއްގޮތަށް ކޮމަންވެލްތާއި ދިވެހިރާއްޖެ އަލުން ގުޅިފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ އެއްވަނަ ދުވަހުއެވެ. އަދި ކޮމަންވެލްތުގެ މެންބަރު ޤައުމަކަށް ރާއްޖެ އަލުން ހަމަޖެއްސުމުން އެ ޖަމާއަތުގެ މައި އިދާރާގައި ދިވެހި ދިދަ އަލުން ނަގާފައިވަނީ ފެބްރުއަރީމަހުގެ 8 ވަނަ ދުވަހުއެވެ. ދިވެހިރާއްޖެ ކޮމަންވެލްތާއި އަލުން ގުޅުމުން ރާއްޖެއަކީ އެ ޖަމާއަތުގެ 54 މެންބަރު ޤައުމެވެ.