ޚަބަރު

ހުޅުމާލެ ހޮސްޕިޓަލްގައި އަހަރެއްގެ ތެރޭ 200ވުރެ ގިނަ މެމޮގްރަފީ ހަދައިފި

ހުޅުމާލެ ހޮސްޕިޓަލްގައި މެމޮގްރަފީގެ ޚިދުމަތް ފެށިތާ އެއް އަހަރު ފުރުނު އިރު އެހޮސްޕިޓަލުގައި 200 ވުތެ ގިނަ މެމްގްރަފީ ހަދާފައިވާ ކަމުގައި، އެހޮސްޕިޓަލުން ހާމަކުރައްވައިފިއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ހާމަކުރައްވާފައިވާ ގޮތުގައި އެޚިދުމަތަށް މިއަދު 1 އަހަރު ފުރުނު އިރު، މިހާތަނަށް އެހޮސްޕިޓަލުގައި 258 މެމޮގްރަފީ ޓެސްޓްވަނީ ހަދާފައެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގައި ރޭޑިއޮލޮޖީ ޑިޕާޓްމަންޓްއިން މަސައްކަތް ކުރަމުންދަނީ އެންމެ ރަނގަޅު ފެންވަރުގައި ޚިދުމަތް ދިނުމަށް ކަމުގައިވެސް އެހޮސްޕިޓަލުން ހާމަކުރައްވައެވެ. މެމޮގްރަފީއަކީ އުރަމަތީގެ ކެންސަރު ދެނެގަތުމުގަށް ނެގޭ އެކްސް-ރޭ އެކެވެ.

އުރަމަތީގެ ކެންސަރުގެ ކުރީކޮޅު ދެނެގަނެވުމަކީ، ބަލިން ސަލާމަތްވުމަށް އެންމެ މުހިއްމުކަންތައް ކަމުގައި ޑޮކްޓަރުން ފާހަގަކޮށްފައިވާއިރު، މެމޮގްރަފީއަކީ، ބަލީގެ ވަރަށް ކުރީކޮޅު ބަލި ދެނެގަނެވޭނެ ޚިދުމަތެކެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ ޓުވީޓް

މެމޮގްރަފީ ހެދުމުން، ބަލީގެ އެއްވެސް އަލާމާތެއް ބޭރުފުށުން ފެނުމުގެ ކުރީގައިވެސް ބަލި ދެނެ ގަނެވެއެވެ. އަދި ދުނިޔޭގެ ބައެއް ޤައުމުގައި ތަކުގައި ޑޮކްޓަރަށް ދައްކައިގެން ޑޮކްޓަރު ލަފާދެއްވުމުގެ ކުރިންވެސް އަމިއްލައަށް ހޮސްޕިޓަލަށް ގޮސް މެމޮގްރާމް ހެދޭނެ އިންތިޒާމް ހަމަޖައްސައިދީފައި އޮވެއެވެ. ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވީ، އެހޮސްޕިޓަލުން މެމޯގްރަފީ ހެދުމަށް ބޭނުންވާ ބޭފުޅުން 1417 އަށް ގުޅުއްވުމުން އެކަމާއި ގުޅޭ މައުލޫމާތު ލިބޭނެ ކަމަށާއި، އެޕޮއިންޓްމެންޓް ހެއްދެވޭނެ ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި މެމޯގްރަފީގެ ޚިދުމަތް ފަށާފައިވަނީ، 14 އޮކްޓޫބަރ 2019 ގައެވެ. އެހޮސްޕިޓަލްގެ އޮންކޮލޮޖީ ޑިޕާޓްމަންޓަށް 2 އަހަރު ފުރުން ފާހަގަކުރުމާއި އެކު ފެށި، އެޚިދުމަތް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާގެ އަނބުކަނބަލުން ފަޒްނާ އަހުމަދެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ކެންސަރުބަލި މީހުންނަށް ޚާއްސަ ޑިޕާޓްމަންޓެއް އުފައްދައި ޚިދުމަތްތައް ދެމުން އަންނައިރު، ކެންސަރު ބައްޔަށް ޚާއްސަ ހޮސްޕިޓަލެއް ހުޅުމާލޭގައި ޤާއިމް ކުރެއްވުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.