ޚަބަރު

ރާއްޖެ އާއި މޮރީޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަނުވޭ: ބަންޑާރަ ނާއިބު

ރާއްޖެއާއި މޮރިޝަސްގެ ޚާއްޞަ އިޤުތިޞާދީ ސަރަހައްދާއި ކޮންޓިނެންޓަލް ސެލްފު ބައުންޑަރީ ކަނޑައެޅުމަށް އެދި ރާއްޖެ އާއި ދެކޮޅަށް މޮރީޝަސްއިން އިންޓަރނޭޝަންލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް، އިޓްލިސްއަށް ހުށައެޅި މައްސަލާގައި އެޤައުމުން މަސައްކަތްކުރަނީ ނަހަމަގޮތެއްގައި އެހެން މަޤްޞަދެއް ޙާސިލުކުރުމަށް ކަމުގައި ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢައްތު ވިދާޅުވެއްޖެއެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ރާއްޖެއާއި މޮރީޝަސްގެ އެކްސްކުލޫސިވް އިކޮނޮމިކް ޒޯން ނުވަތަ ޚާއްޞަ އިޤްތިޞަދީ ސަރަހައްދު ފުށުއަރާތީ އެމައްސަލައަށް ހައްލެއް ހޯދައިދިނުމަށް މޮރިޝަސްއިން އިޓްލޮސްއަށް ހުށައެޅި މައްސަލައިގެ އަޑުއެހުންތައް އިއްޔެ ވަނީ ފަށާފައެވެ.

މިމައްސަލާގައި ރާއްޖޭގެ ފަރާތުން ވަކާލާތުކުރައްވަމުން ބަންޑާރަ ނައިބު އިބްރާހީމް ރިފްޢަތު ވަނީ އިޓްލަސްއަށް ހުށައަޅާފައިވާ މިމައްސަލައަކީ ސުލްހަވެރިކަމާއެކު މަޝްވަރާކޮށްގެން ޙައްލުކުރެވިދާނެ މައްސަލައެއްކަމަށެވެ. ބަންޑާރަ ނާއިބު ވިދާޅުވީ ދެޤައުމުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލާގައި އިޓްލޮސްއަށް މައްސަލަ ހުށައަޅާފައި ވަނީ އެކަމުގައި ރާއްޖެއާއި ޚިލާފެއް އުފެދިގެން ނޫންކަމަށާއި، ޓްރައިބިއުނަލަށް މައްސަލަ ހުށައެޅުމުގައި ލިބިފައިވާ ހައްގުގެ ބޭނުން ނަހަމަގޮތުގައި ބޭނުން ހިފާ މުޅިން އެހެން މަޤްޞަދެއް ޙާސިލުކުރުމަށް ކަމަށެވެ. މިމައްސަލަ ހުށައަޅާފައިވަނީ ޗާގޮސް އައިލެންޑްސް ނުަވަތ ފޯޅަވަހިގެ ސިޔާދަތީ ބާރު ލިބިގެންވަނީ މޮރިޝަސްއަށްކަން ކަނޑައެޅުމަށްކަމަށެވެ. މޮރިޝަންސް އާއި އިނގިރޭސިވިލާތާއި ދެމެދު އޮތް މައްސަލައެއް ޙައްލުކުރުމަށް ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލަ ޓްރައިބިއުނަލްއަށް ހުށައެޅީތީ ހިތާމަކު
ބަންޑާރަ ނާއިބުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެމައްސަލާގައި މޮރިޝަސްއާއި އެކަނި މަޝްވަރާކުރުމަށް ބޭނުންނުވާކަން ކުރިން ހާމަކޮށްފައިވާނެކަމަށާއި، އެއީ ފޯޅަވަހިގެ ރަށްތަކުގެ ސަރަހައްދު ކަނޑައެޅުމުގެ ބާރު އޮތީ މޮރީޝަސްއަށާއި އިނގިރޭސިވިލާތަށްކަން ކުރިންކަނޑައެޅިފައި ނެތުމުންކަމަށްވެސް ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ. މިކަމުގައި ރާއްޖެއަކީ އިސްތިއުމާރީ ބާރަށް ތާއީދުކުރާ ޤައުމެއް ކަމަށް މޮރީޝަސްއިން ސިފަކުރާކަން ފާހަގަކުރައްވާ ބަންޑާރަ ނާއިބު ވަނީ އެއީ އިންސާފެއް ނޫންކަމަށްވެސް ވިދާޅުވެފައެވެ.

ބަންޑާރަ ނާއިބުގެ ވާހަކަފުޅުގައި އިޓްލޮސްއަށް މައްސަލަ ހުށައަޅާފައިވަނީ ފުރިހަމަކުރަންޖެހޭ އިޖްރާޢަތްތައް ފުރިހަމަނުކޮށްކަމަށާއި، މައްސަލަ ހުށައެޅެނީ ދެޤައުމުގެ ސަރަހައްދާއި ބެހުމާއި ގުޅޭގޮތުން ދެޤައުމުގެ މެދުގައި މަޝްވަރާކޮށް އެކަމަށް އެއްވެސް ހައްލެއް ނުލިބި ނަތީޖާ ނުފެނިއްޖެ ޙާލަތެއްގައިކަން އދ.ގެ ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ މުއާހަދާއިން ފެނަން އޮތްކަމަށެވެ.

ފޯޅަވަހި ނުވަތަ ޗާގޯސްގެ މައްސަލައަކީ ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާއި ދެމެދުގައި އޮތް މައްސަލައެއްގެ ގޮތުގައި ރާއްޖެއިން ކުރިން ދެކެމުން އައިނަމަވެސް 2010 ވަނަ އަހަރު ދިވެހިރާއްޖެއިން ކޮމިޝަން އޮންދި ލިމިޓްސް އޮފް ދި ކޮންޓިނެންޓަލް ޝެލްފަށް ދިވެހިރާއްޖޭ ކަނޑުގެ ސަރަހައްދު ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅުމުން މޮރީޝަސްއިން ވަނީ އެކަމަށް ދެކޮޅު ހަދައި އދއަށް އެ މައްސަލަ ހުށައަޅާފައެވެ.

ރާއްޖޭގެ ހުށައެޅުމުގައި ފޯޅަވަހީގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ފާހަގަކޮށްފައި ނުވާތީ މޮރީޝަސްއިން ވަނީ އެކަމަށް އިއުތިރާޒްކޮށް ރާއްޖެއިން ހުށައަޅާފައިވާ ސަރަހައްދާއި އެޤައުމުގެ ކަނޑުގެ ސަރަޙައްދާއި ފުށޫއަރާކަމަށް ބުނެފައެވެ. އަދި އައްޑު އަތޮޅުއާއި ފޯޅަވައްސާއި ދެމެދުގައިވާ ކަނޑުގެ ސަރަހައްދާއި މެދު ވަކިގޮތަކަށް އެއްބަސްވުމަށްވެސް މޮރީޝަސްއިން ވަނީ ރާއްޖެއަަށް ގޮވާލާފައެވެ.

ފޯޅަވައްސަކީ ދިވެހިރާއްޖެއާއި 500 ކިލޯމީޓަރު ދެކުނުގައި އޮންނަ ހަތް އަތޮޅަކަށް ނިސްބަތްވާ 60 ރަށެވެ. މިހާރު އެ ރަށްތަކަކީ އިނގިރޭސި ސަރުކާރުގެ ބެލުމުގެ ދަށުގައިވާ "ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ" އެކެވެ. ޗާގޯސް އައިލެންޑްސްގެ 60 ރަށުގެ ޖުމްލަ ބޮޑުމިނުގައި 56 އަކަ ކިލޯމީޓަރު ހުރެއެވެ. އެންމެ ބޮޑު ރަށަކީ ޑިއޭގޯ ގާސިއާއެވެ. ފޯޅަވަހީގެ އަތޮޅު ތަކުގެ ތެރެއިން އައްޑު އަތޮޅާއި އެންމެ ކައިރީގައި އޮންނަނީ މޯސްބީ އައިލޭންޑް އަތޮޅާއި ސޮލޮމޮން އައިލޭންޑުގެ ރަށް ތަކެވެ. މިރަށްތަކާއި އައްޑު އަތޮޅާއި ދެމެދުގެ ދުރުމިނަކީ 280 ނޯޓިކަލް މޭލްއެވެ.