ޚަބަރު

ވެންޓިލޭޓަރު މައްސަލަ: 11 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފި


އާންމު އުސޫލާއި ޚިލާފަށް ވެންޓިލޭޓަރު ގެނައުމުގެ މައްސަލާގައި 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ޕީޖީއަށް މައްސަލަ ފޮނުވައިފި އެވެ.

އޭސީސީން ވިދާޅުވީ މި މައްސަލައަކީ އެ ކޮމިޝަނުން މިހާތަނަށް ތަޙުޤީޤުކުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކަށްބަލާއިރު ނިސްބަތުން އެންމެބޮޑު އެއް މައްސަލަ ކަމަށްވީނަމަވެސް، އެންމެ އަވަހަށް ތަޙްޤީޤުކޮށް ނިންމާފައިވާ މައްސަލަކަމަށެވެ. މިމައްސަލަ ތަޙްޤީޤުކުރުމުގައި ތަޙްޤީޤު ޓީމުން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، ތަޙްޤީޤަށް ބޭނުންވާ މަޢުލޫމާތާއި ލިޔެކިޔުންތައް ހޯދުމަށްޓަކައި ދަޢުލަތު އިދާރާތައް ހިމެނޭހެން، ތަފާތު 08 އިދާރާއަކުން މަޢުލުމާތު އެއްކުރެވިފައިވާކަމަމަށް އޭސީސީން ވިދާޅުވެއެވެ.

އަދި މި މައްސަލައާ ގުޅިގެން، ޖުމްލަ 1600 ޑޮކިއުމެންޓަކާއި، 500 އީމެއިލް ބެކަޕް ތަޙްޤީޤު ޓީމުން ދިރާސާކޮށް އެނެލައިޒްކޮށްފައި ވާކަމަށެވެ. މީގެތެރޭގައި، މި މައްސަލައާ ގުޅުންހުރި އެކި ފަރާތްތަކުގެ ގިނަ ޢަދަދެއްގެ ބޭންކް އެކައުންޓްތަކާގުޅޭ މަޢުލޫމާތު ހިމެނެއެވެ. މީގެއިތުރުން، މި މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ ޖުމްލަ 36 ބަޔާނެއް ނަގާފައިވެއެވެ.

މި މައްސަލައިގައި ހިމެނޭ ތުހުމަތުތަކާއި، އެ ތުހުމަތުތަކާގުޅޭ މައްސަލަ އެ ކޮމިޝަނުން ކުރި ތަޙުޤީގުގައި މިނިސްޓްރީ އޮފް ހެލްތްއަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމަށް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ އާއި ޙަވާލުކުރުމަށް ނިންމާފައި ވަނީ އެ ކުންފުނީގެ މާލީ ޤާބިލްކަމާއި ތަޖުރިބާއަށް ބެލުމެއްނެތި ކަމަށެވެ.

މިއީ މިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީގެ މެމްބަރުންގެ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން އެ ކުންފުންޏަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކޮށްފައިވާ ކަމެއް ކަމަށް ކުރާ ތުޙުމަތާގުޅޭ މައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތައްވެސް އޭސީސީން ވަނީ ހާމަކޮށްފައެވެ. އެގޮތުން މިނިސްޓްރީ އޮފް ހެލްތްއަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމަށް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ އާ ޙަވާލުކުރުމަށް ބޭއްވި ބިޑްކޮމިޓީގެ 01 އޭޕްރިލް 2020ގައި ބައްދަލުވުމުގެ ނިންމުމުގައި ބައިވެރިވެފައިވާތީ އާއި، އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއަށް އެ މަސައްކަތް ހަވާލުކުރުމަށް ބިޑު ކޮމިޓީން ނިންމިއިރު، އެ ނިންމުން ނިންމާފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި ޚިލާފަށްކަން ފާހަގަކުރެވުނު ކަމުގައި އޭސީސީން ވިދާޅުވެއެވެ.

75 ވެންޓިލޭޓަރ ސަޕްލައިކުރުމަށް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ އާއި ޙަވާލުކުރުމުގެ މަސައްކަތުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވެފައި ވަނީ މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ (ފައިނޭންސް އެގްޒެކްޓިވް) އަޙްމަދު އަސްލަމްކަމާއި، މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާ ކުރި ހުރިހާ މުއާމަލާތެއް ކޮށްފައިވަނީ އަޙްމަދު އަސްލަމްކަން ތަޙްޤީޤަށް ފާހަގަވާކަމަށް އޭސީސީން ހާމަކުރައްވައެވެ.

ވެންޓިލޭޓަރ ހޯދުމަށް ކޯޓޭޝަން ހޯދަންވީ ފަރާތުގެ މަޢުލޫމާތު މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން އަޙްމަދު އަސްލަމްއަށް ފޮނުވާފައިވާކަން އެނގޭއިރު ކޯޓޭޝަން ހޯދުމަށް Dr.Ali Al Tuckmachy އަށް ރިކުއެސްޓް ފޮނުވާފައި ވަނީ އަޙްމަދު އަސްލަމް ކަމަށްވާތީ ޓެކްނިކަލް އިވެލުއޭޝަން ރިޕޯޓު ލިބުމުގެ ކުރިން އަދި ބިޑް ކޮމިޓީއަށް ހުށަހެޅުމުގެ ކުރިން، އޯޑަރ ކޮންފަރމްކޮށްފައިވާކަމަށް Dr.Ali Al Tuckmachy އަށް އަޙްމަދު އަސްލަމް އަންގާފައިވާތީ ކޯޓޭޝަން ހޯދާފައިވާ ފަރާތާ އެ މަސައްކަތް ހަވާލުކުރުމަށް ބާރުއެޅުމުގެ ގޮތުން ބިޑް ކޮމިޓީއަށް މަޢުލޫމާތު ދީފައިވާތީއާއި، “ސިންގަލް ސޯސް” ޕްރޮކިއުމެންޓްގެ އުސޫލުން އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާ ޙަވާލުކުރުމަށް ހުއްދަދީފައި ވަނީ، އަޙްމަދު އަސްލަމް ކަމަށްވެސް އޭސީސީން ވިދާޅުވެއެވެ..

75 ވެންޓިލޭޓަރއާ ގުޅިގެން އެގްޒެކިއުޓަސް ޖެނެރަލް ޓްރޭޑިންގއަށް ދައްކަންޖެހޭ %75 އަށްވާ ފައިސާ ދެއްކުމަށް މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ހުއްދަދިން އެއް ފަރާތެއްގެ ގޮތުގައި އަޙްމަދު އަސްލަމް ސޮއިކޮށްފައިވާއިރު، އެޑްވާންސްކޮށް ކޮންޓްރެކްޓްގެ އަގުގެ %90 ދައްކާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އެޑްވާންސް ޕޭމެންޓް ގެރެންޓީ ހޯދައިގެންނޫންކަން ވެސް އޭސީސީން ވަނާީ ފާހަގަކޮށްފައެވެ.

އޭސީސީން ވިދާޅުވީ، އަސްލަމްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ޕޭމަންޓަށް ރިކުއެސްޓް ކުރުމުގެ ޕްރޮސެސްގައި އެ މިނިސްޓްރީގެ މުވައްޒަފުންނަށް އަޙްމަދު އަސްލަމް އިރުޝާދުދީފައިވާކަން އެނގޭތީ، އެއީ Dr.Ali Al Tuckmachy އަށް އެ މަސައްކަތް ހަވާލުކުރުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއްކަމަށް ދަލީލު ކުރާކަަމަކަށް ވާތީކަމަށެވެ.

މިމައްސަލާގައި މިނިސްޓަރ އަމީންގެ މައްޗަށް ދައުވާ ކޮށްފައިވަނީ ވެންޓިލޭޓަރ އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ހިންގާފައިވާ ޕްރޮކިއުމަންޓުގެ ކަންތަކާއި ޕޭމަންޓަށް ރިކުއެސްޓް ކުރުމުގެ މަސައްކަތް މިނިސްޓަރ ޢަބްދުﷲ އަމީންއަށް އެނގިވަޑައިގެންފައި ވުމާއި އަދި އެކަންކަމަށް ލަފާ އާ މަޝްވަރާ ދެއްވާފައިވާކަން ތަޙްޤީޤަށް އެނގިފައި ވާތީ އާއި، މިކަމާގުޅޭ ހުރިހާކަމެއް ޕޮލިސީ ޓޭބަލްއަށް ހުށަހެޅުމަށްޓަކައި މިނިސްޓަރ އޮފް ހެލްތު، ޢަބްދުﷲ އަމީން ބްރީފިންގ ހޯދަމުންދިޔަކަން ތަޙްޤީޤަށް އެނގޭތީ، އެއީ Dr.Ali Al Tuckmachy އަށް އެ މަސައްކަތް ހަވާލުކުރުމުގެ ނިޔަތުގައި މިނިސްޓަރ އޮފް ހެލްތު، ޢަބްދުﷲ އަމީން ކޮށްފައިވާ ކަމެއްކަމަށް ވާތީއެވެ.

މިމައްސަލާގައި ހެލްތްގެ ޑެޕިއުޓީ މިނިސްޓަރ، ޝިޔާމާ މުޙައްމަދުގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކޮށް އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގގެ ފަރާތުން ސޮއިކުރުމަށް ފޮނުވި އެއްބަސްވުމުގެ ސްޕެޝަލް ކޮންޑިޝަންގެ ބައެއް މާއްދާތަކަށް ބަދަލު ގެނެސް، ސްޕެޝަލް ކޮންޑިޝަންގެ 15.1ވަނަ މާއްދާއިން ފެށިގެން އެއްބަސްވުން ނިމެންދެން ހުރި ގަނޑުތަކުގައި އަލުން މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ، ޝިޔާމާ މުޙައްމަދު ސޮއިކޮށްފައިވާތީ އެވެ. އަދި އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާ މި މަސައްކަތް ޙަވާލުކުރިއިރު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.25 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާގޮތަށް، އެ ކުންފުނީ ޑިއުޑިލިޖެންސް ހަދާފައިނުވާކަމާއި، އެ ކުންފުނީގެ މާލީ ޤާބިލްކަން އަދި ޓެކްނިކަލް ކެޕޭސިޓީއަށް ބަލާފައިނުވާކަން އެނގޭތީ ކަމަށް ބުނެފައިވެ އެވެ.

މިނިސްޓްރީ އޮފް ހެލްތުގެ ލީގަލް އޮފިސަރ، ޢަލީ ޝިހާމްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވަނީ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން އެ ކުންފުންޏަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކޮށްފައިވާ ކަމެއްކަމަށް ކުރާ ތުހުމަތާގުޅޭ މައްސަލައިގެ ތަޙުޤީޤުން މިކޮމިޝަނަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، 75 ވެންޓިލޭޓަރ ސަޕްލައިކުރުމުގެ މަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުން ޗެކްކުރުމަށް މިނިސްޓްރީ އޮފް ހެލްތުގެ ލީގަލް އޮފިސަރ، ޢަލީ ޝިހާމަށް ފޮނުވުމުން ބައެއް ކަންކަން ރަނގަޅުކުރުމަށްފަހު އެއްބަސްވުމުގައި ސޮއިކުރުމާއި މެދު އިޢުތިރާޒެއް ނެތްކަމަށް ބުނެފައިވާއިރު، މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުޞޫލާ އެއްގޮތަށް، ޕަރފޯމެންސް ގެރެންޓީ އާއި އެޑްވާންސް ޕޭމެންޓް ގެރެންޓީގެ ވާހަކަ އެއްބަސްވުމުގައި ހިމަނާފައި ނުވާތީ އެވެ.

މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމަށް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި %75 އަށްވާ ފައިސާ އާއި %15 އަށްވާ ފައިސާ ދީފައިވަނީ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާއި މިނިސްޓްރީ އޮފް ހެލްތާއި ދެމެދު ލިޔުމުން އެއްބަސްވުމެއް ނެތި ކަމަށްވާތީ އާއި، އެކަމަށް ހުއްދަދިން ފަރާތެއްގެ ގޮތުގައި ސޮއިކޮށްފައި ވަނީ މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑައިރެކްޓަރ ޢަބްދުﷲ ހަފީޒްކަމަށްވާތީ އޭނާގެ މައްޗަށް ވެސް ވަނީ ދައުވާ ކުރަން ފޮނުވާފަ އެވެ.

މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމަށް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި %75 އަށްވާ ފައިސާ އާއި %15 އަށްވާ ފައިސާ ދީފައިވަނީ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާއި މިނިސްޓްރީ އޮފް ހެލްތާއި ދެމެދު ލިޔުމުން އެއްބަސްވުމެއް ނެތި އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އެޑްވާންސް ޕޭމެންޓް ގެރެންޓީއާއި ޕާފޯމެންސް ގެރެންޓީ ނުހޯދާކަން އެނގޭއިރު، މިފައިސާ ދައްކާފައިވަނީ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގގެ ފަރާތުން 65 މެކޭނިކަލް ވެންޓިލޭޓަރއާއި 10 ޕޯޓަބަލް ވެންޓިލޭޓަރ މިނިސްޓްރީ އޮފް ހެލްތަށް ނުލިބެނީސް އެ ތަކެތި ލިބިފައިވާކަމަށް ސެޕް ސިސްޓަމުން ތަކެތި ލިބުނުކަމަށް ހިމަނައިގެންކަމަށްވާއިރު ސެޕް ސިސްޓަމުން ތަކެތި ލިބުނުކަމަށް އެންޓަރކޮށްފައި ވަނީ މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ ޙުސައިން ނިޔާޒްކަމަށްވާތީ އޭނާގެ މައްޗަށްވެސް ދައުވާ ކުރުމަށް ވަނީ ފޮނުވާފަ އެވެ.

75 ވެންޓިލޭޓަރ ސަޕްލައިކުރުމަށް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި %75 އަށްވާ ފައިސާ އާއި %15 އަށްވާ ފައިސާ ޚަރަދުކުރުމަށް ހުއްދަދީ، ސެޕް ސިސްޓަމުން މި ދެ ޕޭމެންޓް ޕޯސްޓްކޮށްފައި ވަނީ މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، ޢަބްދުﷲ ޝަރީފް ކަމަށްވާތީ އޭނާގެ މައްޗަށްވެސް ވަނީ ދައުވާކޮށް ދިނުމަށް އެދި އޭސީސީން ވަނީ މައްސަލަ ފޮނުވާފަ އެވެ.

ޢަބްދުﷲ ޝަރީފް ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން އެ ކުންފުންޏަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކޮށްފައިވާ ކަމެއް ކަމަށް ކުރާ ތުހުމަތާގުޅޭ މައްސަލައިގެ ތަޙުޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، 75 ވެންޓިލޭޓަރއާ ގުޅިގެން އެގްޒެކިއުޓަސް ޖެނެރަލް ޓްރޭޑިންގއަށް ދައްކަންޖެހޭ %75 އަށްވާ ޖުމުލަ 1,678,125.00 USD (އެއްމިލިއަން ހަސަތޭކަހަތްދިހައަށްހާސް އެއްސަތޭކަފަންސަވީސްހާސް އެމެރިކާ ޑޮލަރު)، ދެއްކުމަށް ހުއްދަދީ، އެ ޕޭމަންޓް SAP ސިސްޓަމްގައި ޕޯސްޓްކުރީ މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، ޢަބްދުﷲ ޝަރީފް ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއަށް ދައްކަންޖެހޭ ޕޭމަންޓްގެ %15 ފައިސާ ދެއްކިއިރު، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް 75% އަށްވާ އެޑްވާންސް ޕޭމެންޓް ގެރެންޓީ ހޯދާފައިނުވާތީއާއި އެޑްވާންސްކޮށް ކޮންޓްރެކްޓްގެ އަގުގެ %90 ދައްކާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އެޑްވާންސް ޕޭމެންޓް ގެރެންޓީއާއި، ޕަރފޯމެންސް ގެރެންޓީ ހޯދައިގެންނޫންކަން ފާހަގަކުރެވޭތީ މި މައްސަލާގައި ތުހުމަތުކުރެވިފައިވާ މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢަބްދުﷲ ޝަރީފްގެ މައްޗަށްވެސް ދައުވާ ކުރުމަށް ވަނީ ފޮނުވާފަ އެވެ.