ޚަބަރު

ވެންޓިލޭޓަރުތަކުގެ މައްސަލަގައި ދައުވާކުރަން ފޮނުވައިފި


ކޯވިޑް-19 އާއި ގުޅިގެން ދުބާއިން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރި 75 ވެންޓިލޭޓަރުގެ މައްސަލައިގައި ހެލްތު މިނިސްޓްރީގެ ބައެއް ބޭފުޅުންގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފިއެވެ.

ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގެ އިންފޮމޭޝަން އޮފިސަރު، އަދި ޕަބްލިކް ޕްރޮސިކިއުޓަ އަހުމަދު ޝަފީއު ވިދާޅުވީ، މިމައްސަލަ އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައި ވާކަމަށެވެ. އަދި މައްސަލައާއި ގުޅިގެން އޭސީސީ އާއިއެކު މާދަމާ ބައްދަލުކުރުމަށްފަހު މައްސަލަ ބަލައިގަތުމާއިމެދު ގޮތެއް ނިމިގެންދާނެ ކަމަށެވެ.

ކޯވިޑް-19އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ކުރި ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، ހެލްތް މިނިސްޓްރީން، އެޤްޒިކިއުޓާސް ޖެނަރަލް ޓްރޭޑިންއަށް ގެންނަން ހަވާލުކުރި 75 ވެންޓިލޭޓަރުގެ ކޮންޓްރެކްޓަރަކީ ހިންގަމުންދާ ކޮންޓްރެކްޓެއްކަމަށް ޤަބޫލުކުރައްވާކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކުރައްވާފައިވާގޮތުން، "އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގް"ކިޔާ ދުބާއީގެ ކުންފުންޏަކާއިއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 75 ވެންޓިލޭޓަރު ލިބެންޖެހެއެވެ. އޭގެތެރެއިން 65 ވެންޓިލޭޓަރަކީ އައި.ސީ.ޔޫ ވެންޓިލޭޓަރެވެ. މިވެންޓިލޭޓަރުތައް ގަތުމަށް އެއްބަސްވެފައިވާ އަގުކަމަށްވާ، ވެންޓިލޭޓަރަކަށް ފަސް ލައްކަ އެއް ހާސް އެއް ސަތޭކަ ފަންސާސް ރުފިޔާއަކީ މިވެންޓިލޭޓަރު ހޯދުމަށް ދިވެހި ބައެއް ކުންފުނިތަކާއެކު އެއްބަސްވެފައިވާ އަގުތަކަށްވުރެ ބޮޑު އަގެއްކަން އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކުރައްވާފައެވެ. އަދި "އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ"އަކީޑަބްލިއުއެޗްއޯއިން ޤަބޫލުކުރާ ސަޕްލަޔަރެއްކަން އެނގޭނެފަދަ ލިޔެކިޔުމެއްވެސް ނެތްކަމަށް އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކުރައްވާފައެވެ.

ދުބާއީ ކުންފުނިން މިހާތަނަށް ފޮނުވާފައި ވަނީ 10 ވެންޓިލޭޓަރެވެ. 75 ވެންޓިލޭޓަރު ގެނައުމަށް ދުބާއީގެ ކުންފުންޏަށް އޯޑަރުދީފައިވަނީ މާޗްމަހުއެވެ. އަދި އެކަމަށް ހޭދަވާ ފައިސާގެ %90 ފައިސާ ސަރުކާވަނީ ދައްކާފައެވެ. އެއީ 30 މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. ނަމަވެސް މި ފައިސާގެ މުޢާމަލާތް ކުރިއަށްގެންގޮސްފައިވަނީ އެއްވެސް ގެރެންޓީއަކާ ނުލައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށްކަމަށް އޮޑިޓަރޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓްގައިވަނީ ހާމަކޮށްފައެވެ. މިކަމާގުޅިގެން އިތުރު ތަޙުޤީޤުތައް ހިންގުމުގެ މަސައްކަތް އޮޑިޓަރ ޖެނެރަލާއި އޭސީސީ ގުޅިގެންދަނީ ކުރަމުންނެވެ.