ޚަބަރު

"ދުވަހަކުވެސް ދަތިނުވާ މިންވަރަށް ތެލާއި ގޭސް ލިބުން ދަތިވެއްޖެ"


ހުރުމުޒު ކަނޑުއޮޅި ބޭނުންކުރުމަށް އީރާނުން ދަތިކުރުމުގެ ސަބަބުން ކުރިމަތިވެފައިވާ ތެލާއި ޤުދުރަތީ ގޭހުގެ ދަތިކަމަކީ 1973ވަނަ އަހަރާއި 1979ވަނަ އަހަރާއި 2022ވަނަ އަހަރާ ތިން އަހަރު ކުރިމަތިވި ދަތިކަން އެއްކޮށްލުމާ ނުބައްދަލު ދަތިކަމެއް ކަމަށް ދުނިޔޭގެ ހަކަތައާބެހޭ އިދާރާ، އައިއީއޭއިން ބުނެފިއެވެ.

މަޤުބޫލު ސަބަބެއް ނެތި މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން ގުޅިގެން އީރާނަށް ޙަމަލާދީ ހަނގުރާމަ ފެށުމުގެ ސަބަބުން އީރާނުން ވަނީ ދުނިޔެއަށް ބޭނުންވާ ތެލާއި ޤުދުރަތީ ގޭސް އުފުލާ މައި މަގެއް ކަމަށްވާ ހުރުމުޒު ކަނޑުއޮޅި، އެމެރިކާއާއި ޔަހޫދީންނާ ގުޅުންހުރު އުޅަނދުފަހަރަށް ބަންދުކޮށްފައެވެ. އެއާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަނީ އިންތިހާއަށް އުފުލެމުންނެވެ.

އައިއީއޭގެ އިސްވެރިޔާ، ފާތިޙް ބިރޮލް ވިދާޅުވީ ތެލާއި ގޭސް ލިބުމަށް މިހާރު ދަތިވެފައި މިންވަރަށް މީގެ ކުރިން ދުވަހަކު ވެސް އެ ވަޞީލަތްތަކުގެ ސަޕްލައި ދަތިވެފައި ނުވާ ކަމަށެވެ. އެ ކަމުގެ ނޭދެވޭ އަސަރު ވިލާތުގެ ޤައުމުތަކުގެ އިތުރުން ޖަޕާނާއި އޮސްޓްރޭލިޔާއާއި ބައެއް އެހެން ޤައުމުތަކަށް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ތެލާއި ގޭހުގެ އިތުރުން ކާބޯތަކެއްޗާއި މުދަލުގެ އަގު އުފުލުމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އައިއީއޭގެ މެންބަރު ޤައުމުތަކުން މިދިޔަ މަހުގެ ތެރޭގައި ވަނީ އެ ޤައުމުތަކުގައި ހުރި ތެލުގެ އެމަޖެންސީ ސްޓޮކު ބާޒާރަށް ނެރުމަށް ނިންމައިފައެވެ. އޭގެ ތެރެއިން ބައެއް މިހާރު ބާޒާރުގައި ދައުރުވަމުންދާ ކަމަށާއި، އެ މަރުހަލާތައް ކުރިއަށްދާ ކަމަށް ބިރޮލް ވިދާޅުވިއެވެ.