ޚަބަރު

އެހެން ބައެއްގެ ގެތަކެއް މޯގޭޖްކޮށް އޮޅުވާލައިގެން ލޯނު ނެގި ދެމީހަކު ހޯދަނީ


ތިން ގޯއްޗެއް މޯގޭޗް ކުރުމަށްފަހު އޮޅުވާލައިގެން އަމިއްލަ ބޭނުމަށް ލޯނު ނަގާފައިވާ މައްސަލައަކާއި ގުޅިގެން އަންހެނަކާއި ފިރިހެނަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

މިމައްސަލައިގައި ޗިޓް ހަވާލުނުކުރެވި މިމަހުގެ 18 ވަނަ ދުވަހުގެ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އިއުލާން ކޮށްފައިވަނީ ކ. މާލެ/ ދަފްތަރު ނަންބަރު 6562، ހުސައިން ނަޞީރު (50އ) އާއި، ކ. މާލެ/ ދަފްތަރު ނަންބަރު 6630، އާމިނަތު ލަޠީފާ (48އ)އެވެ.

ފުުލުހުން ވިދާޅުވީ މި ދެމީހުން ހޯދަނީ މާލެއިން ގޯއްޗަކާއި ވިލިމާލެއިން ދެގޯއްޗެއް އިމާރާތް ކޮށްދޭނެކަމަށް ބުނެ އޭ ބޮސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި އޮޅުވާލައިގެން މޮރިޝަސް ކޮމާޝިއަލް ބޭންކުގައި އެ ތިން ގޯތި މޯގޭޖް ކުރުމަށްފަހު، އެ ކުންފުނީގެ އަމިއްލަ ބޭނުމެއްގައި ލޯނެއް ނަގާފައިވާކަމަށް ތުޙުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށްކަމަށެވެ.

ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މި މައްސަލައިގެ ތަހުގީގަށް މި ދެމީހުން ހާޒިރުކުރުމަށް ބޭނުންވެ، އާންމުކޮށް އިއުލާންކޮށްފައިވަނީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުންނެވެ. އަދި އަންނަ އާދިއްތަ ދުވަހުގެ 10:00 އަށް މި ދެމީހުން ފުލުހުންގެ މަރުކަޒަށް ހާޒިރުވުމަށްވެސް ވަނީ އަންގާފައެވެ.