ޚަބަރު

މަސައްކަތް މި ކުރަނީ މިވަގުތަށް ޓީމެއް އެކުލަވާލަން: އުރުބާނީ


  • 32 ކުޅުންތެރިންގެ ވަގުތީ ސްކޮޑެއް އެކުލަވާލައި ފަރިތަކުރުންތައް ވަނީ ފަށާފައި

  • ސްކޮޑުގައި ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ

މިހާރު މައިގަނޑު އަމާޒުހުރީ މިވަގުތަށް ބޭނުންވާ ނުވަތަ މިވަގުތު ބައިނަލްއަގްވާމީ ފެންވަރުގައި ވާދަކުރެވޭވަރުގެ ޓީމެއް އެކުލަވާލުމަށް ކަމަށް ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އިސްޓަވާން އުރުބާނީ ބުނެފިއެވެ.

އަންނަ ޖޫން މަހުގެ 1 އިން 10 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް މުބާރާތަށް ތައްޔާރުވުމަށް ޤައުމީ ޓީމުން މިހާރު ވަނީ ވަގުތީ ސްކޮޑެއް އެކުލަވާލައި ފަރިތަކުރުންތައް ފަށާފައެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި މުބާރާތަށް އެކުލަވާލި 32 ކުޅުންތެރިންގެ ސްކޮޑުން، 20 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނުނު ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފައިވެއެވެ. އަދި ދިވެހި ފުޓުބޯޅައިގެ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ވެސް ސްކޮޑުގައި ހިމަނާފައިވެއެވެ.

އެކުލަވާލި ވަގުތީ ސްކޮޑާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އަށް ދިން އެކްސްކްލޫސިވް އިންޓަވިއުއެއްގައި އުރުބާނީ ބުނީ، މިހާރު އެކުލަވާލާފައި ވަނީ ވަރަށް ތަފާތު، ޙާއްސަ ސްކޮޑެއް ކަމަށެވެ. އެގޮތުން ސްކޮޑުގެ އެއްބަޔަކީ 30 އަހަރުން މަތީގެ ކުޅުންތެރިން ކަމަށާއި އޭގެތެރެއިން ވެސް ބައެއް ކުޅުންތެރިންނަކީ 40 އަހަރު ފުރެން ގާތްވެފައިވާ ކުޅުންތެރިން ކަމަށެވެ. އަދި ޓީމުގެ ހަތް ކުޅުންތެރިންނަކީ 20 އަހަރުން ދަށުގެ ކުޅުންތެރިންކަން އުރުބާނީ ފާހަގަކުރިއެވެ.

ފާއިތުވީ ދެ ތިން އަހަރު ޤައުމީ ސްކޮޑުގައި ހިމެނުުނު "ކޯ ޓީމު" ގެ ގިނަ ކުޅުންތެރިން މިހާރު ސްކޮޑުގައި ނެތްކަން ފާހަގަކޮށް، މިއީ ޝައުގުވެރި، ތަފާތު، ޙާއްސަ ސްކޮޑަކަށް ވެގެންދާނެކަމަށް އުރުބާނީ ބުންޏެވެ.

ކަން މިހެން އޮތްނަމަވެސް ޒުވާން ކުޅުންތެރިން ބިނާކޮށް، ކުރިއެރުވުމަށް އަދި ވަގުތު ބޭނުންވާ ކަމަށާއި، ތަޖުރިބާހުރި ކުޅުންތެރިންގެ ކެރިއަރުގައި ވެސް ބާކީ އޮތީ ކިހާ ދުވަހެއްކަން ނޭނގޭއިރު މިވަގުތު މައިގަނޑު އަމާޒެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މިވަގުތަށް ބޭނުންވާ ފަދަ ޓީމެއް އެކުލަވާލުންކަމަށް އޭނާ ބުންޏެވެ.

"ވަރަށް ތަފާތު ސްކޮޑެއް މިވަގުތު މިއޮތޯ. ޓީމުގެ އެއްބައިގައި ހިމެނެނީ 30 އަހަރުން މަތީގެ، 40 އަހަރާ ގާތްވެފައިވާ ބައެއް ކުޅުންތެރިންކަމަށްވާއިރު އަނެއް ބައި، 7 ކުޅުންތެރިއަކު މިއީ 20 އަހަރުން ދަށުގެ ކުޅުންތެރިން. އަހަރުމެންގެ ނެތް މިހާރު "ކޯ ޖެނެރޭޝަން"، 2023، 2024، 2045 ގެ ގިނަ ކުޅުންތެރިން. އެހެންވީމަ މިއީ ވަރަށް ޝައުގުވެރި މިކްސް އެއް. ހަމަގައިމުވެސް ޒުވާން ކުޅުންތެރިން ބިނާކޮށް ކުރިއަރުވަން ވަގުތު ބޭނުންވޭ. ހަމަ އެއާއެކު ތަޖުރިބާކާރު ކުޅުންތެރިންގެ ކެރިއަރުގައި ބާކީ އޮތީ ކިހާ ދުވަހެއްކަމެއް ވެސް ނޭނގެ. އެހެންވީމަ މިހާރު މި މަސައްކަތްކުރަނީ ބައިނަލްއަގްވާމީ ފެންވަރުގައި ވާދަކުރެވޭވަރުގެ ވާދަވެރި ސްކޮޑެއް އެކުލަވާލަން.". މިވަގުތު ގައުމީ ސްކޮޑު އެކުލަވާލުމުގައި ގެންގުޅޭ ވިސްނުން ހާމަކޮށް އުރުބާނީ ބުންޏެވެ.

މިގޮތަށް ސްކޮޑު އެކުލަވާލަންޖެހޭ ސަބަބު ވެސް އުރުބާނީ ހިއްސާކުރިއެވެ.

"ޤައުމީ ޓީމު މި އޮންނަނީ ހަމަ އަބަދުވެސް ޕްރެޝަރުގައި. އެންމެން ވެސް ބޭނުންވަނީ ޤައުމީ ޓީމުން ނަތީޖާ ނެރެން". މުސްތަގްބަލަށް ސްކޮޑެއް ބިނާކުރުމުގެ ބަދަލުގައި މިވަގުތަށް ބޭނުންވާ ފަދަ ސްކޮޑެއް އެކުލަވާލާ ސަބަބު ހާމަކޮށް އުރުބާނީ ބުންޏެވެ.

20 އަހަރުން ދަށުގެ ޤައުމީ ސްކޮޑުގައި ހިމެނޭ އުއްމީދީ ކުޅުންތެރިންތަކަކަށް ސީނިއަރ ޓީމުން ފުރުސަތު ދީފައިވާއިރު އޭގެތެރޭގައި ޒުވާން ޓީމުގެ ކެޕްޓަން މުޙައްމަދު އިލާން އިމްރާން، ކްލަބް ވެލެންސިއާގެ ކެޕްޓަން އީތަން އިބްރާޙީމް ޒަކީ، ނާޝިއު އަހުމަދު ޝިހާމް، ނައްސާހު އިބްރާހިމް ނާސިރު، ޒަހުރާން ހަސަން ޒިޔާދު، ޕްރެޒިޑެންޓްސް ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ އަހުޒަމް ރަޝީދު ފާޙަގަކޮށްލަން ޖެހެއެވެ. މީގެއިތުރުން، މި ސީޒަނުގައި ބުރު ސްޕޯޓްސް ކްލަބަށް މޮޅު ކުޅުމެއް ދެއްކި މުހައްމަދު ނައިސަމް ނަދީމްއަށް ވެސް މިފަހަރުގެ ސްކޮޑުން ފުރުސަތު ދީފައިވެއެވެ.

ޤައުމީ ސްކޮޑުން ފުރުސަތު ލިބުނު ސީނިއަރ، ތަޖުރިބާކާރު ކުޅުންތެރިންނަށް ބަލާލާއިރު އަލީ އަޝްފާޤް (ދަގަނޑޭ)، އަލީ ފާސިރު (ސެންޓޭ) އަދި އަމްދާން އަލީ (އޭންޑީ) އާއި އަޙްމަދު އަބްދުﷲ (ލިލީ) ފާޙަގަކޮށްލެވެއެވެ.

އެންމެފަހުން، އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުނު މެޗަށް އެކުލަވާލި ސްކޮޑުން ފުރުސަތު ނުލިބޭ ކުޅުންތެރިންގެ ތެރެއިން މިފަހަރުގެ ސްކޮޑުން ފުރުސަތު ލިބިފައިވާ ކުޅުންތެރިންގެ ތެރޭގައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ހަަސަން ރާއިފް އަހުމަދު (ހަންނަ) އަދި ކުރިން ގައުމީ ސްކޮޑުގައި ހިމެނުނު އަހުމަދު މާއިޝް ރަޝީދު (މާއި) ފާޙަގަކޮށްލެވެއެވެ.

މީގެއިތުރުން ޕްރިލިމިނަރީ ސްކޮޑުން ފުރުސަތު ލިބުނު ނަމަވެސް، ލިބުނު އަނިޔާއަކާ ގުޅިގެން ޓީމާ ދުރަށް ދާން ޖެހުނު ހަމްޒާ މުޙައްމަދު (ހަމްޕު) އަށް ވެސް ސްކޮޑުން ފުރުސަތުދީފައިވެއެވެ.

ޤައުމީ ސްކޮޑުގައި މިފަހަރު ވެސް އެންމެ ގިނައިން ހިމެނެނީ މާޒިޔާގެ ކުޅުންތެރިންނެވެ. އެގޮތުން ސީޒަން ނިމުނުއިރު މާޒިޔާގައި ސްކޮޑުގައި ހިމެނޭ 11 ކުޅުންތެރިއަކަށް ޤައުމީ ޓީމުގެ ވަގުތީ ސްކޮޑުން ފުރުސަތު ދީފައިވެއެވެ. މިގެއިތުރުން ނިއުރޭޑީއަންޓުގެ ފަސް ކުޅުންތެރިއަކަށް، އޮޑި ސްޕޯޓްސް ކުލަބުގެ ހަ ކުޅުންތެރިއަކަށް، އީގަލްސް އަދި ބުރުގެ ތިން ކުޅުންތެރިއަކަށް އަދި ވިކްޓީގެ ދެ ކުޅުންތެރިއަކަށާއި ޓީސީއާއި ވެލެންސިއާއިން ކޮންމެ ޓީމަކުން އެއް ކުޅުންތެރިއަކަށް ޤައުމީ ސްކޮޑުން ފުރުސަތު ލިބިފައިވެއެވެ.