ކުޅިވަރު

ރޮނާލްޑޯ ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ


އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ޕޯޗުގަލްގެ ފުޓްބޯލް ފެޑެރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެޓީމުގެ ކެޕްޓަން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ވާކަމަށާއި ޕޯޗުގަލް އިން ނޭޝަންސް ލީގަށް ކުރަމުން އައި ކޭމްޕުން ރޮނާލްޑޯ ވަކިވެފައިވާ ކަމަށެވެ. ރޮނާލްޑޯގެ ފަރާތުން ވައިރަހުގެ އަލާމާތްތަކެއް ފެންނަނަމަވެސް ހާލު ރަނގަޅުކަމަށް އެ ފެޑެރޭޝަނުން ވަނީ ބުނެފައެވެ. އަދި މިހާރު ރޮނާލްޑޯ ހުރީ ސެލްފް އައިސޮލޭޝަންގައި ކަމަށްވެސް ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ޕޯޗުގަލް ޓީމުގެ ކުޅުންތެރިން ވަނީ ކޮވިޑް-19 އަށް އަންގާރަ ދުވަހު ޓެސްޓް ކޮށްފައެވެ. އެގޮތުން ރޮނާލްޑޯ ފިޔަވާ ހުރިހާ ކުޅުންތެރިންގެ ސާމްޕަލްތަކުގެ ނަތީޖާތައް ނެގަޓިވްކަމަށް ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ކަށަވަރުކޮށްދީފައެވެ.

އެހެންކަމުން މާދަމާ ޕޯޗުގަލްއިން ނޭޝަންސް ލީގުގައި ސްވިޑަންއާ ދެކޮޅަށް ކުޅޭ މެޗުގައި ރޮނާލްޑޯއަކަށް ނުކުޅެވޭނެއެވެ. އަދި ޔުވެންޓަސްގެ ކުރިއަށް އޮތް އިޓާލިއަން ލީގުގެ މެޗުގެ އިތުރުން އެޓީމުން ޗެމްޕިއަންސް ލީގުގައި ޑައިނަމޯ ކީވްއާ ދެކޮޅަށް ކުޅޭ މެޗުގައިވެސް ރޮނާލްޑޯއަށް ނުކުޅެވޭނެއެވެ.

އިންޓަރނޭޝަނަލް ބްރޭކްގައި މިހަފްތާގައި ޕޯޗުގަލްއިން ކުޅުނު ދެ މެޗުގައިވެސް ރޮނާލްޑޯވަނީ ކުޅެފައެވެ. މިމަހުގެ 7 ވަނަ ދުވަހު ސްޕެއިންއާއި ދެކޮޅަށް ކުޅުނު މިދިޔަ އާދިއްތަ ދުވަހުގެ ރޭ ކުޅުނީ ފްރާންސާއި ދެކޮޅަށެވެ. އެ ދެމެޗުވެސް ނިމިފައިވަނީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ.